Roadha Mihaaru

ރައީސަށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

ރައީސަށް އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ މިއަދެވެ.

ރައީސް މުއިއްޒަށް މަސީހް މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.

އެ ޚަބަރު ޝެއާކޮށް މަސީހު ވަނީ، އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުއިއްޒު ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތައް ދިނުމާ ގުޅޭގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނާ މެދު ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ރާއްޖޭގައި ކަނޑައަޅަން ބޭނުންފުޅުވާ ކަމަށެވެ.