Roadha Mihaaru

ފުލުހުން މައުލޫމާތު އާންމުކުރަން ވާނީ ޒިންމާއަށް ހުރަސްނޭޅޭ ގޮތަށް: ރައީސް

ފުލުހުން ހިންގާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު އާންމުކުރަން ވާނީ ފުލުހުންގެ ޒިންމާއަށް ހުރަސްނޭޅޭ ގޮތަށް އަދި އެއިން ބަޔަކަށް ނާޖާއިރު ފައިދާ ނުނެގޭނގެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މައުލޫމާތު އާންމުކުރާނީ ޒިންމާއަށް ހުރަސްނޭޅޭ ގޮތަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އެޕްރީލް 2025

ފުލުހުން ހިންގާ ތަހުގީގުތަކާ ގުޅޭ މައުލޫމާތު އާންމުކުރަން ވާނީ ފުލުހުންގެ ޒިންމާއަށް ހުރަސްނޭޅޭ ގޮތަށް އަދި އެއިން ބަޔަކަށް ނާޖާއިރު ފައިދާ ނުނެގޭނގެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުން މިހާރު އަމަލުކުރަމުން އަންނަ ބައެއް އުސޫލުތަކަށް ބަދަލުތައް ގެންނަން ޖެހޭއިރު، މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ އުސޫލަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އެއީ ފުލުހުންގެ މުއައްސަސާ އަށް އާންމުންގެ މެދުގައި އޮންނަ ޖެހޭ އިތުބާރު، އެ އޮންނަން ޖެހޭ މިންވަރަށް ގާއިމު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ވެސް ހިދުމަތް ދިނުމުގައި ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެން ވަނީ ރައްޔިތުންނާ ގާތްވި ވަރަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ ފަދަ ކަމެއް ދިމާވެގެން ވެސް ތިބޭފުޅުން އެކަމަކަށް އެޓެންޑުވެ، އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާ ގޮތަށް ޕްރޮސީޖާ ބަދަލުކުރާ ގޮތަށް އަޅުގަނޑު އެދެން."

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުން މައްސަލައެއް ބަލަން ފަށާ ހިސާބުން އެކަމަކާ ގުޅޭ މައުލޫމާތު ދެވެން އޮތް މިންވަރަކުން އަބަދުވެސް ރައްޔިތުންނާ ހިއްސާކުރުމަށް ރައީސް އެދިވަޑައިގަތެވެ. ފުލުހުންނަކީ ދެފުށްފެންނަ، ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ހެދޭނީ އޭރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެއީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ސިޔާސީ ބޭނުމަކަށް އަދި އެ ނޫން ބޭނުންތަކުގައި ވެސް ދޮގު ހަދައި، ފިތުނަ އުފައްދާ ފަރާތްތަކުން ކުރާ ކަންކަމަށް ވެސް އެޅޭނެ އެންމެ ބޮޑު ހުރަހަށް ވާނެ އެވެ. އެކަމަކު މައުލޫމާތު ހިއްސާކުރަން ވާނީ ފުލުހުންގެ ޒިންމާއަށް ހުރަސްނޭޅޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިބޭފުޅުންގެ ޒިންމާއަށް ހުރަސް ނޭޅޭ ވަރަށް ހިއްސާކުރަމުން ދާނީ،" ރައީސް ވިދާޅުވި އެވެ.

"ތި ބޭފުޅުން އެ މައްސަލައެއް ބަލައިގެން އެކަމުގައި ކުށްވެރިވާ ފަރާތްތައް ހެކިތައް ހޯދުމައި، އެ ހެކިތައް ނައްތާލުމަށް ފުރުސަތު ނުލިބޭ ވަރަށް މައުލޫމާތު ދޭން ވާނީ. އޭރުން އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްކުރެވި، ގާނޫނީ ވެރިކަން ޔަގީން ކުރެވިގެން ދާނީ. އޭގެ އިތުރުން ދެފުށް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެގެން ދާނީ."

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވިގޮތުގައި، ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޮގު ހަދާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން، ފުލުހުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެއީ ފުލުހުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފުލުހުން ދޮގު ހަދާނެ ކަމަށް ބުނެ އެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތް ކުރަނީ މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ އުފައްދަން އުޅޭ ބަޔަކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާން ޖެހޭނީ ކެތްތެރިކަމާ އެކީގައި ފުލުހުންގެ ހިދުމަތް ފުލުހުން އަދާކުރުމަށް ފުރުސަތު ދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.