Roadha Mihaaru

ޔުމްނުއާ އެކު އުޅުނު މީހުންގެ ފޯނު ފުލުހުން ހިފަހައްޓައިފި

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފައްޓައިފި އެވެ.

ޔުމްނުއާ އެކު އުޅުނު މީހުންގެ ފޯނު ހިފަހައްޓައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

26 އެޕްރީލް 2025

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފައްޓައިފި އެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، ޖުމުލަ ނުވަ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ގ. ރަނައުރާގެއާގެ، ޔުމްނު، 21 އާ އެކު، މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅުނު ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ވެސް އާއްމުކޮށްފައިވެ އެވެ. އެ މީހުންނަކީ؛

- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ

- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް

- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ

- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ

- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު

- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު

- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

އެ އެންމެންގެ ވެސް ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން ގާތު ވިދާޅުވި އެވެ.

މައްސަލަ ފެންމަތިވީ ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުމުންނެވެ. އެއްބަޔަކު ތުހުމަތުކުރަމުން ދިޔައީ ޔުމްނު ވައްޓާލީ ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އޭނާ ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

މާންދޫގޭދެކުނު ގެއިން ނުކުމެގެން އެ މީހުން ދެން ވަނީ ކަށިވެލި ގެއަށެވެ. އޭގެ ތެރެއިން، ޔުމްނު ވެއްޓުނު ފެންޓޯނިއާގެ އަށް ވަންނަނީ ރައުދުއާ ދެ މީހުންނެވެ. މި މައްސަލައާ ގުޅިގެން ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނުއާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.

ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ކޯޓަކު ނުބުނެ އެވެ.