Roadha Mihaaru

މައްސަލަ ބަލަން ފަށާ ހިސާބުން މައުލޫމާތު ހިއްސާކުރަން ރައީސް އެދިވަޑައިގެންފި

ފުލުހުންގެ އިދާރާ އިން ކޮންމެ މައްސަލައެއް ބަލަން ފެށިޔަސް އެ މައްސަލައެއް ބަލަން ފަށާ ހިސާބުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.

މައްސަލަ ބަލާހިސާބުން މައުލޫމާތު ދޭން އެދިވަޑައިގެންފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 އެޕްރީލް 2025

ފުލުހުންގެ އިދާރާ އިން ކޮންމެ މައްސަލައެއް ބަލަން ފެށިޔަސް އެ މައްސަލައެއް ބަލަން ފަށާ ހިސާބުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅަށް ދެފުށް ފެންނަ ގޮތެއްގައި އެނގެން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ފުލުހުންގެ ތެރޭގައި މިހާރު ކުރި އެކިއެކި އުސޫލުތަކަށް ބަދަލު ގެންނަން ޖެހެ އެވެ.

އެ މަނިކުފާނު ވިދާޅުވީ މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާ އަށް ބޮޑު ކަމަށާއި އެ މުއައްސަސާ އަށް ރައްޔިތުންގެ ތެރޭގައި އޮންނަން ޖެހޭ އިތުބާރު ދެމެހެއްޓުމުގައި ވެސް މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ފުލުހުންގެ އިދާރާ އަށް ވެސް އޭގެ ސަބަބުން ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

"ތިބޭފުޅުންނަށް ވެސް ހިދުމަތް ދިނުމުގައި ހިތަށް ލިބެން ޖެހޭ ހިތްހަމަޖެހުމާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެން މިވަނީ ރައްޔިތުންނާ ގާތްވި ވަރަކަށް،" ރައީސް ވިދާޅުވި އެވެ.

އެހެންވެ ކޮންމެ ކަހަލަ މައްސަލައެއް ކަމަށް ވިޔަސް، އެ މައްސަލައެއް ބަލަން ފަށަމުން، ރައްޔިތުންނަށް އެ ވަގުތަކަށް ދެވެން އޮތް މިންވަރަކުން މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް އުސޫލަށް ބަަދަލު ގެނައުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.

"އެހެންވީމަ އަޅުގަނޑު އެދެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި އެއީ ވެދާނެ ކޮންމެ ފަދަ މައްސަލައެއް ކަމަށް ވެސް. އެ ވެދާނެ މާރާމާރީއަކަށް ވެސް. ނޫނިއްޔާ އެހެން ފަދަ ކަމަކަށްވެސް. ކޮންމެ ފަދަ ކަމެއް ދިމާވެގެން ވެސް ތިބޭފުޅުން އެކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާ ގޮތަށް ޕްރޮސީޖާ ބަދަލުކުރަން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.

"މިވެނި ކަމަކާ ގުޅިގެން ތިމަންނަމެން މައްސަލައެއް ބަލަން ފަށައިފީމޭ. ތި މައްސަލައާ ގުޅިގެން މައުލޫމާތު ލިބެމުންދާ ވަރަކަށް ރައްޔިތުންނާ ހިއްސާކުރަމުންދާނެ ކަމަށް ފުރަތަމަ ވެސް ބަޔާންކޮށްދޭންވީ."

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެފަދަ ގޮތަކަށް އުސޫލުތަކަށް ބަދަލު ގެނައުމުން، ފުލުހުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އިތުރު ކްރެޑިބިލިޓީއެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ޓްރާންސްޕޭރެންސީ އެގޮތުގައި ގެނައުމުން ރައްޔިތުންނަށް ވެސް ހިތްހަމަޖެހުން. ތިބޭފުޅުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ. ތިކުރައްވާ ޒިންމާދާރު ބުރަ މަސައްކަތްތަކަށް އިތުރު ކްރެޑިބިލިޓީއެއް ލިބިގެންދާނެ. ތި ކުރައްވާ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ"

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވީއެންމެ އަވަހަކަށް އެ އިދާރާއިން މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ސަބަބަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ބައެއް ފަރާތްތަކުން ދޮގު ހަދައި ފިތުނަ އުފައްދާތީ އެވެ. އެހެންވެ، އެހެންވެ، އެ ބަދަލަކީ އެ ފަރާތްތަކަށް އެޅޭނެ ހުރަހެއް ކަމަށް ވިދާޅުވި އެވެ.

"ތިބޭފުޅުން [ފުލުހުން] ކުރައްވާ މަސައްކަތުގެ އަގު ވައްޓާލައި ރައްޔިތުންގެ ކުރީމަތީގައި އަގު ވައްޓަލަން ކުރާ މަސައްކަތުގައި ހުރަހަކަށް ވާނެ. މައުލޫމާތު ފޯރުކޮށްދިނުން އަވަސް ކުރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ފުލުހުންގެ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅޭ ވަރަށް މައްސަލަތަކުގެ މައުލޫމާތު ހާމަކުރެއްވުމަށެވެ. މައްސަލަތަކުގައި ހިމެނޭ މީހުންނާއި އެ މީހުންނަށް ހެކިތައް ނައްތާނުލެވޭނެ މިންވަރަށް މައުލޫމާތު ދެއްވަން ރައީސް އެދިވަޑައިގަތެވެ.