Roadha Mihaaru

މި ސަރަހައްދުގައި އާއްމުން އެންމެ އިތުބާރުކުރާ ތަނަކަށް ދިވެހި ފުލުހުންގެ މުއައްސަސާ ހަދަން ބޭނުން: ރައީސް

މި ސަރަހައްދުގައި އާއްމުން އެންމެ އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ އިދާރާ ހަދަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެންމެ އިތުބާރު އޮތް މުއައްސަސާއަށް ފުލުހުން ވާންޖެހޭ

މި ސަރަހައްދުގައި އާއްމުން އެންމެ އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ އިދާރާ ހަދަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ގާބިލް އެތައް ބަޔަކު ފުލުހުންގެ މުއައްސަސާގައި އެބަތިބި ކަމަށެވެ. އަދި ތަފާތު އެކި ހުނަރުތަކާއި ތައުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ހިދުމަތް ވާނެ ކަމަށް ވިދާޅުވި އެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކޮށް، އާއްމުންނަށް ބޭނުންވާނެ ހިމާޔަތާއި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އެތައް ކަމެއް ދަސްކޮށް، އަމަލީ ތަޖުރިބާތައް ފުލުހުން ހާސިލް ކުރާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެކަންކަމުގެ އިތުރަށް ފުލުހުންގެ ހިދުމަތަށް 100 އަހަރު ވާން ބާކީ މި އޮތް އަށް އަހަރުގެ ތެރޭގައި މި ސަރަހައްދުގެ އެންމެ ޒަމާނީ އަދި އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި އަދި އެންމެ ތަންފީޒީ ފުލުހުންގެ ހިދުމަތް ރާއްޖޭގައި އޮންނަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ގައުމީ ވާޖިބަކީ ކޮންމެ އުމުރު މީހަކާ ވެސް ގުޅިފައިވާ ހިދުމަތެއްކަން އެނގޭ ކަމަށާއި އާއިލާތަކަށް އަމާންކަމާއި ރައްކާތެރިކަން ދީ، މަގުތަކާއި އާއްމު ކޮންމެ ތަނެއްގައި އުސޫލުތައް ހިފަހައްޓައި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ވަގުތެއް ފުލުހުންގެ ލޯތައް ތައްޔާރީ ހާލަތުގައި އަބަދު ތިބޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހިދުމަތުގެ ފުލުހުން ހޭދަކުރި ކޮންމެ ދުވަހަކުވެސް ހަވާލުވެފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ގުރުބާނީތަކެއް ވަނީ ވެފަ އެވެ. ހުތޫރަތްތެރި އެތައް ވަގުތަކާ ފުލުހުން ވަނީ ކުރިމަތިލައިފަ އެވެ. ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި އަމާންކަން ގާއިމުކޮށްދިނުމުގައި އަދި ކުށުގެ ވެށިން މުޖުތަމައު ސަލާމަތްކޮށް ދިނުމުގައި ލިބިފައިވާ ތަމްރީނުތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން ބޮޑެތި އެތައް ކާމިޔާބީއެއް ވަނީ ހޯދައިފަ އެވެ،" އެ ހިތޯބުގައިވެ އެވެ.

ފުލުހުންގެ ވާޖިބު އަދާކުރުމުގައި އަބަދުވެސް ތިބެނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި އަދި ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަން ހާލަތެއް މެދުވެރިވިޔަސް އަދި ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް ފުލުހުން ތިބެނީ ފަސްޖެހުމެއް ނެތް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެހެންވެ، ހިދުމަތުގައި ދެމި ތިބުމަށް ފުލުހުންގެ އާއިލާތަކުން ދެއްވާ އެއްބާރުލެއްވުމާއި ހިތްވަރުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މުއާމަލާތު ކުރުމުގައި އަހުލާގީ ރީތި ހަމަތައް ހިފަހައްޓައި ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމުން މުޖުތަމައު ދުރުހެލި ކުރުމަކީ ވެސް ފުލުހުންގެ ވާޖިބަކަށް ވާތީ ރައީސް ވަނީ އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ކިޔައިދީ މަގުދައްކައި ދިނުމުގައި ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ ފުލުހުންގެ ހުވައަށް ވަފާތެރިވެ، ދީނަށް ހުރުމަތްތެރި އަދި ދިވެހިން އަބަދުވެސް ފަހުރުވެރިވާނެ ހިދުމަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.