Roadha Mihaaru
ފުލުހުންނާއި ސިފައިން ފްލެޓަށް ކުލި ދެއްކުން ފަސްކޮށްފި

ފުލުހުންނާއި ސިފައިންގެ ފްލެޓަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި

14 ޑިސެމްބަރ 2023

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް ސަރުކާރުން ދޫކޮށްފައިވާ ދެ ޓްރެޒަރީ ލޯނު ދެއްކުން އިންޓްރެސްޓް ނާރާ ގޮތަށް އެއް އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ލޯނު ދައްކަން އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ދިނުމަށްފަހު ލޯނު ރީސްޓްރަކްޗާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އެކަން ފިނޭންސް މިނިސްޓްރީއަށް އެންގުމުން، އެ މަސައްކަތް ކުރާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އެ ނިންމުމާ ގުޅިގެން، ފުލުހުންނާއި ސިފައިންގެ ފްލެޓަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުއްދަތަށް އިންޓްރެސްޓް ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ފްލެޓްތައް ހަދަން 2013 ވަނަ އަހަރު މަސައްކަތް ފެށިއިރު، ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. ނަމަވެސް އެ ކުންފުންޏަށް އެ މަޝްރޫއު ނުނިންމުމުން، އެ މަޝްރޫއު ދެން ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު އެ ކުންފުންޏަށް ވެސް އެ މަޝްރޫއު ނުނިންމުމުން އެއްބަސްވުން ބާތިލްކޮށް، ކުރީގެ ސަރުކާރުން ފުލުހުންގެ ފްލެޓްގެ މަޝްރޫއު ދެން ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އަދި ސިފައިންގެ ފްލެޓުތައް ނިންމަން ދިނީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.

އޭގެ ތެރެއިން މިހާރު މަސައްކަތް ނިންމާފައިވަނީ ސިފައިންގެ ފްލެޓުތައް އެކަންޏެވެ. ޗައިނާ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނިންމުމަށްފަހު ސިފައިންނަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފަ އެވެ. ނަމަވެސް ފުލުހުންގެ ފްލެޓުތަކުގައި އަދިވެސް ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތްތައް ނިމޭ ވަރަކުން އަންނަނީ ތަޅުދަނޑު ހަވާލު ކުރަމުންނެވެ.