Roadha Mihaaru

ނެޝަނަލް ސާވިސް ޕްރޮގްރާމަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ސާވިސްއަށް 600 އަށްވުރެ ގިނަ މީހުން އެދެފި
ނާޒިމް ހަސަން
ނާޒިމް ހަސަން

25 މެއި 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު މިހާތަނަށް 658 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ވެސް ބެލެނިވެރިޔާގެ ހުއްދައާ އެކު ޕްރޮގްރާމްގައި ބައިވެރިވާން ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޕްރޮގްރާމަށް މިހާ ބޮޑު ޝައުގުވެރިކަމެއް އޮތުމުން ދޭހަވަނީ މިފަދަ ކަންކަމަށް ރައްޔިތުންގެ އޮތް ތާއިދާއި އިތުބާރު ކަމަަށާއި އަދި 18 އަހަރުން ދަށުގެ ކުދިން ވެސް ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާތީ، ކުދިންނަށް ހެޔޮ ގޮތްތައްވުމަށް ބެލެނިވެރިން ވެސް އެދޭ މިންވަރު ހާމަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ ކަމަށާއި ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއަށް ނޫނީ ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޭރަށް މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.

"ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.