Roadha Mihaaru

ޔުމްނު ވެއްޓުމުގެ ކުރިން ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި: ފުލުހުން

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދު، ވެއްޓުމުގެ ކުރިން އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ޔުމްނު އާއި ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

25 އެޕްރީލް 2025

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދު، ވެއްޓުމުގެ ކުރިން އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ހައްޔަރުކޮށްފައިވަނީ ރޭ އިރުއޮއްސުނު ވަގުތުގަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް މިއަދު ވަނީ ޖަހައިފަ އެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދުއާއި ޔުމްނު އާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ކޯޓުގައި ވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެފައިވެ އެވެ.

ރައުދުގެ ދިފާއުގައި އޭނާގެ ވަކީލު ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ރައުދު އަކީ ޒިންމާދާރު މަގާމެއް ހުރި މީހެއް ކަމަށާއި މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.