Roadha Mihaaru

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

މިދިޔަ ހަފުތާގައި ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. އެހެންވެ، އެ ނިންމުން އިސްތިއުނާފް ކުރަން ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.

ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ހިފަހައްޓައިފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށްފަހު ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. އަދި ފައިސާ ހޯދާފައިވަނީ އޭނާ ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލު ކުރުމަށްފަހު ކަމަށާއި އަދި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.