Roadha Mihaaru
ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

09 އޮކްޓޯބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހަރާކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހަރާކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ، ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު، 40 އެވެ.

ފުލުހުން ދެންމެ ބުނީ މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލަ ތަހުގީގުކަރަމުން އަންނަ ކަމަށެވެ.

އޭނާ ހައްޔަރުކުރި އިތުރު ސަބަބުތަކެއް ކަމަށް ފުލުހުން ބުނެފައި ވަނީ ހަޑި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުން ގެންދިއުން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުގައި ހުރުމަށްފަހު ރާއްޖެ އައުމާއެކުގަ އެވެ.

"އަބްލޯ މިޔާދު ޔޫސުފް"ގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ނުވަ ހާހަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ މީހާގެ ފޭސްބުކް އެކައުންޓުގައި ގިނަ ބަޔަކަށް އިންޒާރުދީ ޕޯސްޓުތައް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓަކާ ގުޅިގެން "ކަރު ކަނޑާލަން ޖެހޭ ވަރު"ގެ މީހެއް ކަމަށް ބުނެ އޭނާގެ އެކައުންޓުން ކޮމެންޓްކޮށްފައިވެ އެވެ.