މީހަކަށް ބިރު ދެއްކުން ފަދަ ގޮތަކަށް ދޭހަވާ ގޮތަކަށް "އެކްސް" ގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
30 ނޮވެމްބަރ 2024
މީހަކަށް ބިރު ދެއްކުން ފަދަ ގޮތަކަށް ދޭހަވާ ގޮތަކަށް "އެކްސް" ގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން ޝާފިއު (ތުއްތު) ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ.
ޝާފިއު އަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ހަޑިހުތުރު ބަސް ބޭނުންކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި މި މަހުގެ 8 ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ސުވާލު ކުރުމަށެވެ.
އެއީ ސިނގިރޭޓު އަގުބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އޭނާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށް، ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށް ބުނެފައިވެ އެވެ. އެ ޕޯސްޓު ނިންމާލަމުން "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެ އެވެ.
ޝާފިއު އަށް ފުލުހުން ފޮނުވި ޗިޓާ އެކު، އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ވިދާޅުވީ، ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ.
ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް އަންގައިފި. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު… pic.twitter.com/V9VrvTrK1N
— Fayyaz Ismail (@faya_i) November 30, 2024
އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުމަށް ކަމަށެވެ.
"ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް އިރުކޮޅަކުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރައްދު ދެއްވި އެވެ.
އިހުސާން ވިދާޅުވީ، ޝާފިއުގެ ޕޯސްޓުގައި “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!” އޭ ބުުނެފައިވާ ކަމަށާއި އެ ޖުމުލައިން ކޮންމެވެސް މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެ ކަން ދޭހަވާ ކަމަށެވެ.
އަދި ފައްޔާޒަށް ނިސްބަތްކޮށް އެފަދަ ބަހެއް މީހަކު ބުނެފި ނަމަ އަޅާނުލައްވާނަންތޯ ވެސް އިހުސާން ސުވާލު ކުރެއްވި އެވެ.
"އަދި އެހެން ތިއްބާ މަނިކުފާނު މަގެއް މަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފި ނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މި ގައުމުގައި ކަންކަން އޮންނާނެ ގޮތަކީ؟،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، މި ސަރުކާރުން ވަކި ބޭފުޅަކު އިސްތިސްނާ ނުކޮށް އެ ބޭފުޅެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރި ކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ އެވެ. އަދި ބިރު ދައްކާ މައްސަލަތަކުގެ ތަފުސީލް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން، ފައްޔާޒަށް އިލްތިމާސް ކުރެއްވީ ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ނުހެއްދެވުމަށެވެ.
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ޝުނާނާ އަށް ފުރައްސާރަކޮށް ހަމަލާދޭން ގޮވަނީ!
އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދީފި
ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި
ރައީސަށް އިންޒާރު ދިން މީހެއްގެ ފޯނު ހިފަހައްޓައިފި
މައުމޫން ފެކްޝަންގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
އެފްއެސްއެމް މުވައްޒަފުންތަކެއްގެ ވައްކަމުގެ މައްސަލަ
ތުހުމަތުތަކަށް އިންކާރުކޮށް، ޝާފިއު ހުރީ ހަނު!