Roadha Mihaaru

ފުވައްމުލަކުގެ ޑްރަގު ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިއްޖެ: މިނިސްޓަރު

ފުވައްމުލަކުގައި އޮޕަރޭޓްކުރާ މަސްތުވާތަކެތީގެ ނެޓްވޯކްތައް އެއްކޮށްހެން މިދިޔަ އަހަރުގެ ތެރޭގައި ނައްތާލެވިފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

07 ފެބުރުއަރީ 2025

ފުވައްމުލަކުގައި އޮޕަރޭޓްކުރާ މަސްތުވާތަކެތީގެ ނެޓްވޯކްތައް އެއްކޮށްހެން މިދިޔަ އަހަރުގެ ތެރޭގައި ނައްތާލެވިފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ޕީއެސްއެމުން ބޭއްވި ފޯރަމްގައި މިނިސްޓަރު ވިދާޅުވީ އަތޮޅުތަކަށް ހާއްސަކޮށްގެން، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށާއި އޭގެ ބޭނުމަކީ އަތޮޅުތެރޭ އޮތް މަސްތުވާތަކެތީގެ ނެޓްވޯކްތައް އެއްކޮށް ނައްތާލުން ކަމަށެވެ.

"މިދިޔަ އަހަރު އެއް އަތޮޅު އަޅުގަނޑުމެންނަށް ކާމިޔާބުކަމާ އެކު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި. ޏ އަތޮޅު ފުވައްމުލައް،" މިނިސްޓަރު ވިދާޅުވި އެވެ.

"ފުވައްމުލަކުގައި ޑްރަގު ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން މީހުންނަށް ޑްރަގު ދެމުން ގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފައި ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން."

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަން މި އަހަރު ތެރޭގައި ވެސް ހިންގައި އަތޮޅު ތެރޭ އޮތް ނެޓްވޯކްތައް ނައްތާލުމުގެ މަސައްކަތް ކުރާނެ އެވެ.

ފުވައްމުލަކުގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ބޮޑެތި ތުހުމަތުތަކާ އެކު ހައްޔަރުކުރި ދެ މީހުން

ފުވައްމުލަކުގައި ހިންގި ޑްރަގު އޮޕަރޭޝަންގައި ބޮޑެތި ތުހުމަތުތަކާ އެކު ހައްޔަރުކުރި ދެ މީހުން

އިހުސާން ވިދާޅުވީ 2023 ވަނަ އަހަރު 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މި ސަރުކާރު ހަވާލުވީ ފަހުން މިދިޔަ އަހަރުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި ބޯޑަރުތަކުގައި މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅުތެރޭ ފުލުހުން މިދިޔަ އަހަރުގެ ޖެނުއަރީ 14 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވެ އެވެ. އޭގެ ތެރެއިން 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އޮޕަރޭޝަންގެ ތެރެއިން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވެ އެވެ.

އެ ތުހުމަތުގައި ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ތަހުގީގަށް މިހާތަނަށް ހޯދި މައުލޫމާތުން، ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި އާޒިމްގެ ބޭންކު އެކައުންޓު މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 މީހަކު ހައްޔަރުކޮށް ދެ ކުންފުންޏެއްގެ ބޭންކް އެކައުންޓު ހިފަހައްޓައި އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.