Roadha Mihaaru
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން

އެކައުންޓުތަކަށް މިލިއަނުން ފައިސާ ޖަމާވި އިރު، އެ މައުލޫމާތު ނުލިބި ފެއިލްވި ގޮތް ތަހުގީގު ކުރާނެ: އިހުސާން

27 ޖޫން 2024

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ އެކައުންޓުތަކަށް މިލިއަނުން ފައިސާ ޖަމާވި އިރު، އެ މައުލޫމާތު މިހާތަނަށް ނުލިބި ފެއިލްވި ގޮތް ތަހުގީގު ކުރާނެ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ އެކައުންޓުތަކަށް މިލިއަނުން ފައިސާ ޖަމާވި އިރު، އެ މައުލޫމާތު މިހާތަނަށް ނުލިބި ފެއިލްވި ގޮތް ތަހުގީގު ކުރާނެ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ. އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނި ގޮތުގައި، އެ ކުށް ކުރުމުގައި 18 ޖަލު އޮފިސަރުން ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައި ވެ އެވެ.

ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ އާންމުންގެ މީހެއްގެ އެކައުންޓަށް ކިރިޔާ ވެސް ބޮޑު އަދަދަކުން ފައިސާ ޖަމާވެއްޖެ ނަމަ ބޭންކުތަކުން ގުޅައި އެއީ ކިހިނެއް ލިބުނު ފައިސާއެއްތޯ ޔަގީންކުރާ އިރު، ޖަލު އޮފިސަރުންތަކެއް އެކައުންޓުތަކަށް މިލިއަނުން ފައިސާ ޖަމާވި ނަމަވެސް ބޭންކުތަކަށް އެކަން ރޭކާނުލީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. ޖަލު އޮފިސަރުންނާއި ގައިދީންނާ ގުޅޭ އެހެން އިދާރާތަކަށް މި ކަހަލަ ތުހުމަތުތައް ކުރެވޭތާ އެތައް ދުވަހެއްވީ އިރު، ފިޔަވަޅެއް ނޭޅި ދިގުލައިގެން ދިޔައީ ކީއްވެތޯ ވެސް ސުވާލުކުރި އެވެ.

ފުލުހުންގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުންގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިހުސާން ވިދާޅުވީ ޖަލު އޮފިސަރުންގެ އެކައުންޓުތަކަށް އެކި ދުވަސްތަކުގެ މަތިން ފައިސާ ޖަމާވެފައި ހުރީ ކުދިކުދި އަދަދުތަކުން ކަމަށެވެ. އެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައި ހުރީ އެވްރެޖުކޮށް 5،000ރ. އާއި 10،000ރ. އަދި 15،000ރ. ގެ އަދަދުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހަރެއްގައި ވުމަކީ އެކަށީގެންވާ ކަމެއް ބޭންކުގެ ތުރެޝްހޯލްޑުގައި އަޅައި ނުގަތުން [މިހާ ކުދިކުދި އަދަދުތަކުން ހުރުމުން]. އެކަމަކު ވެސް އަޅުގަނޑުމެން ބަލާނެ މައްސަލައެއް އެއީ،" އޭނާ ވިދާޅުވި އެވެ.

"އެ ފަރާތްތަކާއި އެ މުއައްސަސާތަކާ އެކު ވެސް ހިއްސާކޮށް، މީގެ ތެރެއިން ކޮން ދިމާލަކުންތޯ މި މައުލޫމާތު ނުލިބި ފެއިލްވެގެން މި ދިޔައީ، އެއީ އަޅުގަނޑުމެން ބަލާނެ ކަމެއް. ބަލާފައި އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމެއް."

އިހުސާން ވިދާޅުވީ ކަރެކްޝަން ކަހަލަ މުއައްސަސާތަކަކީ މުޖުމަތައުގެ ތެރެއިން ވަރަށް ގިނަ މި ކަހަލަ ސީރިއަސް ތުހުމަތުތައް ކުރެވޭ ތަންތަން ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު، މީގެ ކުރިން ތަހުގީގުތައް މިހާރު ކުރަމުން އަންނަ ގޮތަށް ނުކުރުމަކީ މި ކަހަލަ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ނުފެނި އޮތް ސަބަބަކަށް ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ފައިނޭންޝިއަލް އިންވެސްޓިގޭޝަންތައް އަވަސްކުރަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.