Roadha Mihaaru
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!

ޖަލަށް މަނާ ތަކެތި ވައްދާ ކަމަށް ތުހުމަތުވާ އޮފިސަރުންގެ އެކައުންޓުތަކަށް 74 މިލިއަން ޖަމާވި!

27 ޖޫން 2024

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

ފުލުހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން މިރޭ އެ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅާ އެއްގޮތަށް ފުލުހުންނާއި ކަރެކްޝަންސް އާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ އިސްވެރިންނާ މި ފަހުން ވަކިވަކިން ބައްދަލުކުރައްވާފައި ވާނެ ކަމަށެވެ.

"ޔުނިފޯމް އެޅި، ލޯ އެންފޯސްމަންޓް ހަތަރު އެޖެންސީއާ ވަކިވަކިން ބައްދަލުކޮށް ވަރަށް ސާފުކޮށް ބައެއް ވާހަކަތައް ވާނީ ދަންނަވާފައި. އަޅުގަނޑުމެން ދަންނަވާފައިވާނެ އެއް ވާހަކައަކީ މިއަދުގެ ސަރުކާރުގައި ޔުނިފޯމް އެޅި އެއްވެސް އޮފިސަރަކު އެ ބައެއްގެ ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނިފޯމް ވިއްކާލައި މިފަދަ އަމަލެއް ހިންގައިފި ނަމަ އެ އަމަލު އަޅުގަނޑުމެން ޓޮލަރޭޓް ނުކުރާނެކަން،" އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުންގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެ ޖަލު އޮފިސަރުންގެ އެކައުންޓަށް ވަނީ އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ފައިސާ ޖަމާކޮށްފަ އެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މި މައްސަލާގައި ހިމެނޭ 18 މުވައްޒަފުންގެ އެކައުންޓަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން އިތުރަށް ބެލިބެލުމުން ފާހަގަކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުކޮށްފައި ތިބި އަދި ކުރީގައި ވެސް ހައްޔަރުކޮށްފައި ތިބި ގައިދީންގެ ފަރާތުން އެ މީހުންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި އަދި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެކައުންޓުތަކުން،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފުލުހުންގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިރޭ ފެށި އޮޕަރޭޝަންގައި ތުހުމަތުކުރެވޭ ބައެއް ޖަލު އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި ޖަލު އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިފަރާތްތައް ހޯދައި އެމީހުންނާ މެދުގައި ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ މި މައްސަލައިގެ އެންމެ ފުނަށް ތަހުގީގުކޮށް، އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

"... ވަކި ލެވަލްއެއްގެ ޓްރަސްޓް އާއި ކޮންފިޑެންސް ދައުލަތުން އެ ބަޔަކަށް ދީފައި ތިބި ޔުނީފޯމް އެޅި މުއައްސަސާއެއްގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅުމަކީ އެއީ ކުށެއް. ރިޝްވަތުގައި ހިފުމަކީ ވެސް ކުށެއް. އެހެންވީމާ މި ރިޝްވަތު ހުށަހެޅި މީހުންނާއި ރިޝްވަތުގައި ހިފި މީހުންނާ ދޭތެރޭގައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް ހިފެހެއްޓި އިރު، ރާއްޖޭގައި އެންމެ ގިނަ ސްކޭމް ކޯލްތައް ވެސް އަންނަނީ ޖަލުންނެވެ.