Roadha Mihaaru
ފައިސާ ނަގައިގެން ގައުމަށް ޣައްދާރެއް ނުވެވޭނެ:އިހުސާން

ހުވާކޮށްގެން ހުރި މީހަކު ފައިސާ ނަގައިގެން ދައުލަތަށް ހިޔާނާތްތެރިވާން ޖެހޭ ސަބަބެއް ނޯންނާނެ: އިހުސާން

28 ޖޫން 2024

ރައްޔިތުންގެ ހިދުމަތުގައި ތިބޭ ދައުލަތުގެ މުވައްޒަފުން ހާއްސަކޮށް ޔުނިފޯމު ބޮޑީތަކުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އެހެން ބައެއްގެ އަތުން ފައިސާ ނަގައިގެން އެ މީހެއްގެ ޒިންމާ އިން އެކަހެރިވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ރައްޔިތުންގެ ހިދުމަތުގައި ތިބޭ ދައުލަތުގެ މުވައްޒަފުން ހާއްސަކޮށް ޔުނިފޯމު ބޮޑީތަކުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އެހެން ބައެއްގެ އަތުން ފައިސާ ނަގައިގެން އެ މީހެއްގެ ޒިންމާ އިން އެކަހެރިވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ގައިދީންގެ އަތުން ފައިސާ ނަގައިގެން މާފުށީ ޖަލަށް މޮބައިލް ފޯނާއި މަސްތުވާތަކެތި ވައްދައިދޭ ޖޫނިއާ އޮފިސަރުންތަކެއްގެ މައްސަލަ ފަޅާއަރުވައި، ހާއްސަ އޮޕަރޭޝަނެއް ފެށުމާ ދިމާކޮށް ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ﷲ ގަންދީ ހުވާކޮށްގެން، ވަކި ހުވައެއް ކޮށްގެން ރައްޔިތުންގެ ހިދުމަތުގައި ތިބެން ވާނީ އެފަދަ ޖަރީމާތަކުން އެކަހެރިވެގެން ތިބެން ޖެހޭ މީހުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މީސްމީހުންގެ އަތުން ފައިސާ ނަގައިގެން ޒިންމާ އިން ބޭރު ވަނީ ފުރިހަމަ އޮފިސަރަކަށް ނުވާތީ އެވެ.

"ޔުނިފޯމު އެޅި މުއައްސަސާއެއްގައި މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ އަދި މި ވަގުތު ރާއްޖޭގެ ލޯ އެންފޯސްމަންޓް އެޖެންސީތަކަށް ޒިންމާވާ ވަޒީރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ އެއްވެސް ހާލަތެއް ނޯންނާނެ ހުވާ ކޮށްގެން ހުންނަ މީހަކު ފައިސާ ނަގައިގެން ދައުލަތަށް ހިޔާނާތްތެރިވާން ޖެހޭ. އެއްވެސް ހާލަތެއް. އެ މީހާ ދަތިވީ، އެ މީހާ އަށް އެހެން ކަމެއް ދިމާވީ، އުނދަގޫތަކެއް ވީ. މި ހިދުމަތުގައި ހުރުމުގެ މަޖުބޫރު ކަމެއް ނެތޭ އެއްވެސް މީހަކަށް،" ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި އެމެރިކާ ފަދަ ގައުމުތަކުން އެންމެ މަތީ ފެންވަރުގެ އަސްކަރީ ތަމްރީނުތައް ހައްދަވާފައިވާ އިހުސާން ވިދާލުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ހިދުމަތުގައި ސަރުކާރުގައި ތިބެ މީސްމީހުންގެ އަތުން ފައިސާ ނަގައިގެން ކަންކަން ކުރަނީ "ކުށްވެރިއަކަށް ވާތީ" ކަމަށެވެ. ވިދާޅުވީ، ހުވާކޮށްގެން ތިބެ، ގައުމަށް "ޣައްދާރުވުމުގެ" އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކުގައި ހިމެނޭ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޖުމުލަ 18 އޮފިސަރަކަށް ތުހުމަތު އެބައޮތެވެ.

ރޭގެ މީޑިއާ ބްރީފިންގައި ފުލުހުން ބުނީ، އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އެންމެ މީހެއްގެ އެކައުންޓަށް ވެސް 24 މިލިއަން ރުފިޔާ ޖަމާވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، މި ގޮތަށް މީސްމީހުންގެ އަތުން ފައިސާ ނަގައިގެން ހިންގާ ޖަރީމާތައް ހުއްޓުވަން ޔުނިފޯމު ބޮޑީތަކުގެ މީހުންނަށް ދޭ ތަމްރީނުތައް ހަރުދަނާކޮށް މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާނެ ކަމަށެވެ.

ރޭގެ ބްރީފިންގައި އިހުސާން އެދިވަޑައިގަތް އެއް ކަމަކީ ރައްޔިތުންގެ ހިދުމަތުގައި ތިބެ، އެކި މީސްމީހުންގެ އަތުން ފައިސާ ނަގާ މީހުންނަށް ހިތްވަރު ނުދިނުމަށެވެ. އެފަދަ ކަންކަން ޓޮލެރޭޓް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.