މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
28 އެޕްރީލް 2025
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވީ ދަފްތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު އާއި ތ. ވޭމަންޑޫ، މޫނިމާގޭ، ޖަބީން މުހައްމަދު އަދި ހ. ހަބަރުގެ، އާމިނަތު އީނާސް އެވެ.
މީގެ ތެރެއިން އީނާސްއަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސެވެ. ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.
މި ތިން ބޭފުޅުންނާ އެކު އެ ކޮމިޝަނުގައި ޖުމްލަ ފަސް މެމްބަރުން ތިއްބަވާނެ އެވެ. ދެން ތިއްބަވާ ދެ މެމްބަރުންނަކީ އެންމެ ފުރަތަމަ އައްޔަންކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް އެންމެ ފުރަތަމަ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވިއިރު، އަންހެން ބޭފުޅަކު ހިމަނާފައި ނެތުމުން ބައެއް މީހުންގެ ކަންބޮޑުވުންތައް ހުއްޓެވެ. އެކަމަކު، ފަހުން މި ވަނީ ދެ އަންހެން ބޭފުޅަކު އެ ކޮމިޝނަށް އައްޔަން ކުރައްވައިފަ އެވެ.
1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5- އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް އެ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަންކުރެއްވި އިރު، ކޮމިޝަން އުފައްދަވައި، މެމްބަރުންގެ ގޮތުގައި އެންމެ ފުރަތަމަ އައްޔަންކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު ވަނީ އިއްޔެ އެ ކޮމިޝަނުން ވަކިވެވަޑައިގެންފަ އެވެ. ޑރ. ހަބީބް ކޮމިޝަނުން ވަކިވެވަޑައިގަތީ، ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދުގެ މަންމައަކީ އައްޑޫ ހިތަދޫގެ މީހެއް ކަމަށް ވާއިރު އޭނާ އާއި ހަބީބުއާ އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް އެނގިފައިވެ އެވެ. ހަބީބަކީ ވެސް ހިތަދު އަަށް އުފަން ބޭފުޅެކެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ މަންމަ ހާލާ ހަމީދާއި ޑރ. ހަބީބަކީ ވެސް ކްލާސްމޭޓުންނެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ޑރ. މުނައްވަރެވެ.
ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އޭނާގެ ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ނަރުހަކާއި ޑޮކްޓަރަކާއި އާއިލާ މީހުންގެ އިތުރުން ސްޓްރެޗާ ބަހައްޓަން ނެގި ސީޓުތަކަށްވާ ފައިސާ ހިމެނެ އެވެ. ސޯޝަލް މީޑިއާގައި ހިންގި ކެމްޕެއިންގައި 700،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ކޮމިޝަނެއް
ކޮމިޝަންގެ އަމާޒަކީ އިންސާފަށް ވާސިލްވުން: މުނައްވަރު
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ރިޔާސީ ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރައްވައިފި
ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވާލައިފި
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނަށް ނުލިބުނު
ޔުމްނުގެ އާއިލާގެ ކަންބޮޑުވުންތައް ރައީސަށް!