މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އަޑުއުފުލަން ފަށައިފި އެވެ.
09 މެއި 2025
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އަޑުއުފުލަން ފަށައިފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި، އަނިޔާތަކެއް ލިބުނު އުމުރުން 21 އަހަރުގެ ޔުމްނުގެ މައްސަލާގައި ޒުވާނުން މުޒާހަރާ ފެށީ ފުލުހުންގެ ތަހުގީގުގައި ގޯސްތަކެއް ހެދި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި މާލޭގެ މަގުތަކުގައި ފެށި މުޒާހަރާތަކަށް ފުލުހުން ކުރިން ފުރުސަތު ދިން ނަމަވެސް މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ވަނީ އެއްވުން ރޫޅާލައި އެކަމުގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
އޭރު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އުޅެނިކޮށް އެ ތަނުގައި އެއްވުން މަނާކުރުމުން އެ މީހުން ދެން މުޒާހަރާކުރަން ފެށީ ކާނިވާ ސަރަހައްދުގަ އެވެ. އެކަމަކު އެ ތަނުގައި މުޒާހަރާކުރާތާ ހަފްތާއެއް ފަހުން އަލުން މިރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އަޑުއުފުލަން ފެށީ އެވެ.
"ދުލެއް ނުދޭނަން" ގެ ނަމުގައި ބާއްވަމުންދާ އެ މުޒާހަރާތަކުގައި އެމީހުން ގޮވަމުންދަނީ "ވެއްޓުނީކީ ނޫން، ވައްޓާލީ" ކަމަށެެވެ.
އެކަމަކު އެ ސަރަހައްދުގައި އެއްވެފައި އޮއްވައި ފުލުހުން ވަނީ މަގު ބަންދުވާނެ ގޮތަށް ނުތިބުމަށާއި ޕޭމަންޓު މައްޗަށް އެރުމަށް ގޮވާލައިފަ އެވެ. އެއީ މަގުމަތީގައި މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށް ބުނެ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ރޭ ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުނެ އެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" އެ އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުންޏެވެ.
މިހާތަނަށް ފުލުހުން ޔުމްނުގެ ބަޔާނެއް ނުނަގަ އެވެ. ފުލުހުން ބުނީ ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.
އާއިލާގެ ފަރާތުން ޔުމްނު މެލޭޝިއާ އަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، އެ ގައުމުގައި ދިވެހި ފުލުހުންގެ ޑޮކްޓަރަކާއި އިތުރު އެހެން ފުލުހަކު މިހާރު ވެސް އެބަތިއްބެވެ. އެއީ ތަހުގީގުގެ ބޭނުމަށް ޔުމްނުއާ ސުވާލު ކުރުމަށް މެލޭޝިއާ އަށް ފޮނުވި ދެ ފުލުހުންނެވެ. އެކަމަކު، އެ ފުރުސަތު އަދި ނުލިބޭތީ ދެ ފުލުހުން އަދިވެސް ތިބީ އެ ގައުމުގަ އެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރި އެވެ.
ޔުމްނުގެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ ރޭ ފާޑުކިޔެވެ. އަދި ފުލުހުން ވެސް އާއިލާއާ ސުވާލު ނުކުރާތީ ޔުމްނުގެ ދައްތަ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. މިހާރު އޭނާއަށް ފަރުވާދެނީ މެލޭޝިއާގަ އެވެ.
އާއިލާ އިން ބުނާ ގޮތުގައި އޭނާގެ ހާލު ވެސް ދަނީ މަޑުމަޑުން ރަނގަޅުވަމުންނެެވެ.
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނޭ: އާއިލާ
"މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް"
ޒުވާނުންގެ މުޒާހަރާ ރޫޅާލައި، ދެ މީހަކު ހައްޔަރު
ކޮމިޝަންގެ އަމާޒަކީ އިންސާފަށް ވާސިލްވުން: މުނައްވަރު
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނަށް ނުލިބުނު
ގޯލްޑަން އަވާ ގެއްލި، ތަހުގީގުގައި ފެއިލިއާތައް!