Roadha Mihaaru

ޔުމްނުގެ އުޅަނބޮއްޓަށް ވަނީ ދާއިމީ ގެއްލުމެއް ލިބިފައި: އާއިލާ

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޮޑެތި އަނިޔާތަކެއްވި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފި އެވެ.

ޔުމްނު އުޅަނބޮއްޓަށް ލިބުނީ ދާއިމީ ގެއްލުމެއް: އާއިލާ

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޮޑެތި އަނިޔާތަކެއްވި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފި އެވެ.

ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އެ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން މިހާރު ގެންދަނީ މެލޭޝިއާގަ އެވެ.

ޔުމްނުގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ ދައްތަ އަގީލާ ނައީމް ތޭ "އެކްސް" ގައި ބުނީ ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ ކަމަށާއި ނަމަވެސް އެއީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އިތުރު ތަޖުރިބާކާރުންގެ ހިޔާލާއި ލަފާ އެކަމުގައި ހޯދާނެ ކަމަށް އާއިލާ އިން ބުންޏެވެ.

ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެެއް ލާފައި ވާތީ ކުރަން ޖެހުނު ސާޖަރީއެއް ވެސް ކާމިޔާބުކަމާއެކު މިދިޔަ މަސް ތެރޭގައި ވަނީ ކޮށްފަ އެވެ. އެއީ އެންމެ ނާޒުކު އެއް ސާޖަރީކަމަށް އާއިލާއިން ބުނެފައިވެ އެވެ.

ފަރުވާއަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނައިރު، ޔުމްނު ވަނީ މިހާރު ހޭ އަރައިފަ އެވެ.

އާއިލާއިން ވަނީ އޭނާ ވެއްޓުނީ ނޫން ކަމަށާއި ބަޔަކު އޭނާ ވައްޓާލީ ކަމަށް ޔުމްނު އާ ހަވާލާދީ ބުނެފަ އެވެ.

"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައި ވެ އެވެ.

އެ އިންޓަވިއު އަށް ފަހު ޖެހިގެން އައި ދުވަހު ފުލުހުން ބުނީ، ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.

ޔުމްނު އަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ދިވެހި ދެ ފުލުހަކު ވެސް އެ ގައުމުގައި އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ ޑޮކްޓަރެކެވެ. އޭގެ ބޭނުމަކީ ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖެ ނަމަ ތަހުގީގު ބޭނުމަށް ޔުމްނުއާ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން އޭނާ މެލޭޝިއާ އަށް ގެންދިޔައީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާއިރު، އޭނާ މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ.

ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި އެކަނިވެސް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާ އަށް ވަނީ ހޯދައިފަ އެވެ.