Roadha Mihaaru

މަހްޒޫމާއި ޝިމަންއަށް ދައުވާ ނުކުރާ ގޮތަށް އެއްބަސްވުން ހެދުމުގެ ފުރުސަތު އެބައޮތް: ޕީޖީ

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންއަށް ދައުވާ ނުކުރާ ގޮތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ބުނެފި އެވެ.

މަހްޒޫމާއި ޝިމަންއަށް ނަސޭހަތުގެ އެއްބަސްވުމުގެ ފުރުސަތު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 ޖުލައި 2025

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންއަށް ދައުވާ ނުކުރާ ގޮތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅާލުމަށްފަހު މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ ކޮށްފަ އެވެ.

އެ ދައުވާތަކާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަހްޒޫމާއި ޝިމަންއަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ވެސް ދިން ކަމަށެވެ.

ދެ މީހުން ވެސް އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސޭހަތުގެ އެއްބަސްވުމަކީ އިތުރު ކުށެއް ނުކުރަން ޝަރުތު ކުރުމަށްފަހު ދައުވާ ނުކޮށް ދޫކޮށްލަން ހަދާ އެއްބަސްވުމެކެވެ.

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރަނީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި އޭނާ ވެސް ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.