Roadha Mihaaru
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ

މޭޑޭގެ ގައިދީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވަނީ

04 ފެބުރުއަރީ 2019

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ނިންމައިފި އެވެ.

އެ ކޮމިޝަނުންބުނީ އޮކްޓޯބަރު 10، 2017 ވަނަ ދުވަހު ގ. ކީމާ، އަބްދުﷲ މަރުވި މައްސަލާގައި އިހުމާލުވި ކަމަށް ތަހުގީގަށް ފާހަގަވި މީހުންގެ ނަންތައް، މައްސަލަ ފޮނުވުމަށް ފަހު ހާމަކުރާނެ ކަމަށެވެ.

އަބްދުﷲ، 51، ގެ މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ފޮނުވަން ނިންމާފައިވަނީ މައްސަލަ ތަހުގީގުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ޖަލު ބަންދުގައި ހުއްޓައި އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. އެހެންކަމުން އާއިލާ އިން ތުހުމަތު ކުރަނީ އަބްދުﷲ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.

އޭނާގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމް ކުރިން ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް ލިބިފައިވެ އެވެ. އެ ލިއުންތަކަށް ބަލާއިރު ވެސް ފިރިމީހާގެ މަރުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، އިންސާނީ ހައްގުތައް ގެއްލޭ އެތައް ކަމެއް ހިނގިއިރު ވެސް އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ހިމޭނުން ކަމަށް ބުނެ އެ ކޮމިޝަނަށް ވަރަށް ބޮޑު ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އާ ސަރުކާރާ އެކު، އެޗްއާރްސީއެމުން އެކި ކަންކަމުގައި އިސް ނަގައިގެން ހަރަކާތްތެރިވެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ހުކުމްތަންފީޒުކުރަމުންދިޔަ މީހެއްގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.