Roadha Mihaaru

އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާކުރަން އެޗްއާރުސީއެމުން އިލްތިމާސްކޮށްފި

އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރާއިރު، އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާކުރަން ގޮވާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

02 މެއި 2025

އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރާއިރު، އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަން ދީފައިވާއިރު، އެ ހައްގުގެ ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ، ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށެވެ.

އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާވެބިނގާވާ މީހުންނާއި އެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ހަމައެހެންމެ، މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަމެވެ،" އެ ބަޔާނުގައިވެ ބުންޏެވެ.

އެޗްއާރުސީއެމުން ވަނީ މުޒާހަރާތައް ރޫޅާލުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރައާތުތަކަށް ސަމާލުވުމަށާއި އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް އެޗްއާރުސީއެމުން ފުލުހުންނަށް ގޮވާލި އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަނީ ރޫޅާލައިފަ އެވެ. އެ މުޒާހަރާ ރޫޅާލި މިއީ ފުރަތަމަ ފަހަރެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ދެ މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.

ސަރުކާރުން މިއަދު ވަނީ ފުލުހުންގެ ހުއްދަ ނެތި މާލޭގައި އެއްވެ އުޅެވޭނެ އިތުރު ތިން ސަރަހައްދެއް ކަނޑައަޅައިފަ އެވެ. އެއީ ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދެވެ. އެ ނޫން ސަރަހައްދުތަކަށް އެއްވާ ނަމަ، އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިރޭ ވަނީ ދީފަ އެވެ.