Roadha Mihaaru
ރުގްޔާކުރުން ގަވައިދަކަށް ފައްތަން މަސައްކަތް ކުރަނީ

ރުގްޔާ ކުރުން ގަވައިދަކަށް ފައްތަން އެޗްއާރުސީއެމުން މަސައްކަތް ކުރަނީ

21 ޖޫން 2021

ރާއްޖޭގައި ރުގްޔާ ކުރުން ވަކި ގަވައިދަކަށް ފެއްތުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ރާއްޖޭގައި ރުގްޔާ ކުރުން ވަކި ގަވައިދަކަށް ފެއްތުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

އެހެންވެ، އެ ކޮމިޝަނުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީއާއެކު ކޭސް ކޮންފަރެންސެއް ވެސް އިއްޔެ ވަނީ ބާއްވައިފަ އެވެ.

އެޗްއާރުސީއެމުން ބަލަމުން އަންނަ ބައެއް މައްސަލަތަކާ ގުޅިގެން މައުލޫމާތު ހޯދުމުގެ އިތުރުން ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމާ ގުޅޭ މަޝްވަރާ ވެސް މި ބައްދަލުވުމުގައި ކުރި ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ކޮމިޝަންގެ މެމްބަރު ޝިފާއަތު އަބްދުއްރައްޒާގު "މިހާރު" އަށް މިއަދު ވިދާޅުވީ، އެކި ފަހަރު މަތިން އަނިޔާ ލިބުނު މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވޭތޯ އާއި މައްސަލަތައް މިހާރު އޮތް ހިސާބާ މެދު މަޝްވަރާ ކޮށްފައި ވާނެ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅޭ ހުރިހާ ކަމަކާ މަޝްވަރާކުރި ނަމަވެސް، މައްސަލަތަކުގެ ބާވަތުން ވަކިވަކި ކޭސްތަކުގެ ތަފުސީލު މީޑިއާއާ ހިއްސާ ކުރެވެން ނެތް ކަމަށް ޝިފާއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރުގްޔާ އާއި ދީނުގެ ނަމުގައި ނުވަތަ ދީނީ ފަރުވާ ދިނުމުގެ ނަމުގައި އަންހެނުން އަދި ކުޑަކުދިންނަށް އަނިޔާކުރާ ކަމުގެ އެކި މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. އަދި އިޖުތިމާއީ އެކި މައްސަލަތައް ވެސް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މަހާނަ ކޮނުން ފަދަ ހާދިސާތައް ފާހަގަވާ ކަމަށް ޝިފާއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ މަޝްވަރާކުރީ އެއީ ކޮންމެވެސް ހައްލެއް ލިބޭނެ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި މީހުންނަށް އަނިޔާ ކުރާ އެކި މައްސަލަ، އަދި މަކަރާއި ހީލަތުގެ އެކި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިދިޔަ އަހަރު ރުގްޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރަހީނުކޮށް، ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފަޅާއަރާފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދެ މީހަކަށް ދައުލަތުގެ ފަރާތުން ދައުވާ ކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް މިހާރު ވަނީ ފަށައިފަ އެވެ.