04 ޖެނުއަރީ 2022
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ދިރާސާކޮށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އާއްމުކުރި ރިޕޯޓުން ފެންނަން އޮތީ އަދިވެސް ކަންބޮޑުވުންތަކެވެ؛ ރައްކާތެރިކަން ކަށަވަރުވެފައި ތިބެން ޖެހޭ ގިނަ ބަޔަކު ވަނީ އަނިޔާއަށް ހުށަހެޅިފަ އެވެ. މިނިވަންކަން ވަނީ ހިފެހެއްޓިފަ އެވެ. ހައްގުތަކުން ވަނީ މަހްރޫމް ވެފަ އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ދިރާސާކޮށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އާއްމުކުރި ރިޕޯޓުން ފެންނަން އޮތީ އަދިވެސް ކަންބޮޑުވުންތަކެވެ؛ ރައްކާތެރިކަން ކަށަވަރުވެފައި ތިބެން ޖެހޭ ގިނަ ބަޔަކު ވަނީ އަނިޔާއަށް ހުށަހެޅިފަ އެވެ. މިނިވަންކަން ވަނީ ހިފެހެއްޓިފަ އެވެ. ހައްގުތަކުން ވަނީ މަހްރޫމް ވެފަ އެވެ.
އިންސާނީ ހައްގުތައް ކަށަވަރުވަމުންދާ ވަރުގެ މައްޗަށް ކޮމިޝަނުން ނެރުނު 2020 ވަނަ އަހަރުގެ ރިޕޯޓުގައި އެކި ދާއިރާތަކުގެ ހާލަތު ވަކިވަކިން ކިޔައިދީފައިވެ އެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގައިދީންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތާއި ކުރިމަތިވާ ގޮންޖެހުން ވަކިވަކިން ކިޔައިދީފައިވެ އެވެ.
އެކި ސަބަބުތަކާ ހުރެ އަނިޔާ އަށް ހުށަހެޅިފައިވާ މި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން މުއައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ބައެއް ދާއިރާތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ކުރިއެރުން ލިބި މުޖުތަމައުން ދެކޭ ގޮތް ވެސް ބަދަލުވަމުން އަންނަ ކަން ފާހަގަކޮށްފައިވެ އެވެ. އިސްލާހުވަމުން އަންނަ ކަންކަމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ކުރަމުން އަންނަ މަސައްކަތް ވެސް ރިޕޯޓުގައިވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި އެންމެ ގިނައީ ކުޑަކުދިންނަށް އެކި އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިން ގިނަ ކުށްތަކަކަށް ހުށަހެޅި ޖިނާއީ ކުށްތަކުގައި ބައިވެރިކުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓްކޮށްފައިވާ ވަރު އިތުރުވެފައިވާ ކަން ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުގައިވެ އެވެ.
ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ 291 މައްސަލައެއް 2020 ގައި ފުލުހުން ވަނީ ތަހުގީގުކޮށްފަ އެވެ. އަދި 115 މައްސަލައެއްގައި ދައުވާކުރަން ފޮނުވި އެވެ.
ގެވެށި އަނިޔާގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާކުރާ މައްސަލަތައް -- ފޮޓޯ: މިހާރު
"ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ނިސްބަތް ބޮޑުކަމަށް ފާހަގަކުރެވޭ އިރު މިފަދަ މައްސަލަތައް މުޖުތަމައުން ނައްތާލުމަށްޓަކައި ގޮތް ނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މި ކޮމިޝަނުން ދެކެމެވެ،" އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ.
ކުޑަކުދިން ގްރޫމްކޮށް، ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ލެންބުވާލަން މަސައްކަތްކުރަމުންދާ ބަޔަކު ވެސް އުޅެ އެވެ. މިފަދަ ކުދިން ސަލާމަތްކުރަން ކުރާ މަސައްކަތްތައް މަދުކަމަށް ރިޕޯޓުގައިވެ އެވެ. މިއީ މުއައްސަސާތައް ގުޅިގެން ބޮޑެތި މަސއްކަތްތަކެއް ކުރަން ޖެހިފައިވާ މައްސަލައެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެޗްއާރުސީއމެން ބުނީ ދައުލަތުން ބަލަހައްޓާ ކުދިން ހިތްހަމަނުޖެހޭ ކަންކަން ދިމާވުުން އަމިއްލަ ނަފްސަށް ގެއްލުން ދީ މަރުވާ އުޅެ ނުވަތަ ބައެއް ހާލަތްތަކުގައި އެ ތަނުން ފިލައިގެންދާން ވެސް މަސައްކަތްކުރެ އެވެ. މަރުކަޒުތަކުގައި އެ ކުދިން ބަލަހައްޓާ މީހުން ވަމުންދާ އިހުމާލު ސިއްރުކޮށް، ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާނުކުރާ ކަމުގެ ކަންބޮޑުވުން އެޗްއާރުސީއެމްގެ ރިޕޯޓުގައި ވެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ މަސައްކަތް އަދި އޮތީ ރިޕޯޓުން ފެންނަން އޮތް ގޮތުގައި ވަރަށް ފަހަތުގަ އެވެ. ގެވެށި އަނިޔާގެ ގާނޫނުން ވެސް އެކަށީގެންވާ ފަރުވާއެއް ނުލިބޭ ކަމުގެ ހެއްކަކަށް މުއައްސަސާތަކުގެ ތަފާސްހިސާބު ފުދެ އެވެ.
އެޗްއާރުސީމުން ބުނީ އަންހެނުންގެ ހައްގުތައް ހޯދައިދީ މިންތީގެ ހަމަހަމަކަން ގާއިމްކުރަން ކުރާ މަސައްކަތާ ދެކޮޅަށް ދީން ހަތިޔާރަކަށް ބޭނުން ކުރަމުންދާ ކަމަށެވެ. އަންހެނުންނަށް އަނިޔާކުރަން ވެސް ދީން ހަތިޔާރަކަށް ނަގާ ކަމަށް އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާއި ހޯދި މައުލޫމާތުތަކުން އޮތީ ފެންނާށެވެ.
އަނިޔާގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރެވޭ އަދަދު މަދުކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ބުނެފައި ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފުލުހުން ތަހުގީގު ކުރި މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފޮނުވީ 14 ޕަސެންޓު މައްސަލަ އެވެ.
".. 2016 އާއި 2019އާ ދެމެދު އަންހެނުންނަށް އަނިޔާކޮށްފައިވާ 60 މައްސަލައެއްގައި ދައުވާކޮށްފައިވާ އިރު ކުށް ސާބިތުވެފައި ވަނީ 10 މައްސަލައެއްގައި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މައުލޫމާތު ލިބިފައިވެ އެވެ." ރިޕޯޓުގައިވެ އެވެ.
ދައުވާކުރަން ދިމާވާ ދަތިތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި އާއިލާ އިން ނުވަތަ ތުހުމަތު ކުރެވޭ ފަރާތުގެ ނުފޫޒުން މައްސަލަ އަނބުރާ ގެންދިއުން ހިމެނެ އެވެ. އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި މީހުންނެވެ.
ރިޕޯޓުގައި ބުނި ގޮތުގައި އަނިޔާއަށް ހުށަހެޅޭ އަންހެނުން އިންސާފު ހޯދަން ނުކުތުމަށް ބިރު ގަނެ އެވެ. އެ މީހުން ރިޕޯޓް ނުކުރާ ސަބަބުތަކުގެ ތެރޭގައި ނިޒާމަށް އިތުބާރު ގެއްލިފައި އޮތުން ހިމެނެ އެވެ. ސިއްރު ނުހިފެހެއްޓުމާއި ރައްކާތެރިކަމެއް ނުލިބުމަކީ ވެސް ސަބަބުތަކެވެ.
އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ގާނޫނުގައި ގެވެށި އަނިޔާއަކީ ޖިނާއީ ކުށެއްގެ ކަމުގައި ކަނޑައަޅާފައި ނުވުމުވެ. އެހެންވެ ގެވެށި އަނިޔާގެ މައްސަލަތަކަށް ދައުވާކުރަނީ އެހެނިހެން ގާނޫނުތަކުގެ ދަށުންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން--ފޮޓޯ/އެޗްއާރްސީއެމް
އެޗްއާރުސީއެމްގެ ރިޕޯޓުގައި ދީނީ ހަރުކަށި ފިކުރުގައި ޖެހިގެން އަންހެނުން ހަނގުރާމައަށް ދާ މައްސަލައިގައި ބުނެފައި ވަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ 35 އަންހެނުން ހިމެނޭ ކަން ހޯމް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އެކަމަކު އެހެނިހެން މުއައްސަސާތަކުން ލިބުނު ސިއްރު މައުލޫމާތުތަކަށް ބަލާއިރު މި އަދަދު އިތުރު ކަމަށާއި އެހެންވެ މިހާތަނަށް އާއްމުވެފައި އޮތް އަދަދުގައި ފުށުން އެރުންތަކެއް ހުރި ކަމަށް ރިޕޯޓުގައިވެ އެވެ.
އެޗްއާރުސީއެމުން ބުނިގޮތުގައި އަންހެނުން ހަނގުރާމައަށް ދަނީ އެ މީހުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް މުއައްސަސާތަކުން ދެކެ އެވެ. އެކަމުގައި ބައިވެރިވަނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށް އެ މީހުން ބުންޏަސް މުއައްސަސާތަކުން ގަބޫލުކުރާ ގޮތުގައި އެ ގޮތަށް ބުނަނީ ދައުވާ އިން ސަލާމަތްވުމުގެ ބޭނުމުގަ އެވެ.
މުއައްސަސާތަކުގެ މި ގަބޫލުކުރުމާ މެދު އެޗްއާރުސީއެމްގެ ހިތްހަމަނުޖެހުން އެބައޮތެވެ. ރިޕޯޓުގައި ބުނީ އަންހެނުން ހަނގުރާމައަށް ދަނީ މަޖުބޫރީ ހާލަތެއް ނެތި ކަމަށް ނިންމަންވާނީ އެކަށީގެންވާ ހެކިތަކަށް ބިނާކޮށެވެ. އެ ގަބޫލުކުރުމުގައި މުއައްސަސާތަކުން ދެމިތިބީ އެކަމުގެ މަގްސަދަށް ވާސިލްނުވެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ 15,360 މީހުން ދިރިއުޅެ އެވެ. މީގެ ތެރެއިން މާލީ އެހީއަށް އެންސްޕާގައި ރަޖިސްޓްރީކޮށްފައި ވަނީ 7,771 މީހުންނެވެ. އެޗްއާރުސީއެމުން ދެކޭ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޮޑު އާބާދީއަކަށް އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދެވިފައެއް ނުވެ އެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ފައިދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރަނީ ކިހާވަރަކަށް ކަން އެސެސްމަންޓް ހެދިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީއެއް ގާއިމްކުރަން ގާނޫނުން ލާޒިމްކޮށްފައި ވިޔަސް އެކަން ވެސް މިހާތަނަށް ކުރެވިފައެއް ނުވެ އެވެ. މިއީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުމެކެވެ.
ދައުލަތުން ދެމުން އަންނަ 2,000ރ.ގެ އެލަވަންސަކީ ޒަރޫރީ ބޭނުންތަކަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ބުނެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަންބޮޑުވުންފާޅުކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު މިއީ ހައްލެއް ނުލިބި އޮތް މައްސަލައެއް ކަން އެޗްއާރުސީއެމުގެ ރިޕޯޓުގައި ވެސް ވެ އެވެ.
"މި އެލެވަންސް ދިނުމުގައި ރާއްޖޭގެ އިންފްލޭޝަނަށް ރިއާޔަތްކުރަމުން ނުދާތީވެ މީގެ 10 އަހަރު ކުރިން ދޭން ފެށުނު މި އެލަވަންސަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ވެސް އެކަށިގެންވާ އަދަދެއް ނޫން ކަން ފާހަގަކުރެވުނެވެ," ރިޕޯޓުގައިވެ އެވެ.
ރާއްޖޭގައި ހިދުމަތްތައް ހޯދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދިވެސް ހުރަސްތައް ހުރި ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މަގުތަކާއި ޕާކުތަކާއި ވިޔަފާރިކުރާ ސުޕަ މާކެޓާއި މިސްކިތާއި ސްކޫލް ފަދަ ތްނަތްނަށް ވަނުމަށް ކުރިމަތިވަމުންދާ ދަތިތަކަކީ މުޖުތަމައުގެ އެހެން މީހުންނެނެކޭ އެއްގޮތަށް ކަންކަމުގައި އެއް ހަމައެއްގައި ބައިވެރިވާން ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ރިޕޯޓުގައި ވެ އެވެ.
އުމުރުން ދުވަސްވީ މީހުންނާ މެދު އަޅާނުލައި އަސާސީ ހިދުމަތްތަކުން މަހްރޫމްކުރަމުންދާ މައްސަލަތައް އެޗްއާރުސީއެމަށް ހުށަހަޅަ އެވެ. ބައެއް މައްސަލަތައް ބަލައި ބޭސްފަރުވާ އާއި އަންނައުނު އަދި ކާބޯތަކެތި ފޯރުކޮށްދޭން އަމުރުކުރަން ޖެހިފައި ވެސް އެބަހުއްޓެވެ.
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނަށް ހުށަހަޅައި ތަހުގީގު ކުރި މައްސަލަތަކުގައި ފެންނަން އޮތީ އުމުރުން ދުވަސްވީ މީހުން ބެލުމުގައި ޒިންމާ އަދާކުރާނެ ފަރާތްތަކާ މެދު އާއިލާތަކުގެ ތެރޭގައި ސުވާލު އުފައްދަމުންދާ ކަމެވެ. ދުވަސްވީ މީހުން ބެލުމުގެ ތަނަވަސްކަމެއް ނެތް ހާލަތުތައް ދައްކައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭން އާއިލާތަކުން އެދެ އެވެ.
މިގޮތަށް މަރުކަޒަށް ގެންދާ މީހުންނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުން ފަދަ ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާކަން ފާހަގަކޮށް އެޗްއާރުސީއެމުން ބުނީ މަރުކަޒުގައި ބަލަހައްޓާ ފަރާތްތައް އަނބުރާ ގެންދަން އެދުމުން ބައެއް އާއިލާތަކުން ހަވާލު ވެސް ނުވާ ކަމަށެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގައިދީން ޑޮކްޓަރުން ދައްކައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ލަސްވުމާއި ބައެއް ހާލަތްތަކުގައި އިހުމާލުވަމުންދާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެ މީހުން ހެލްތު ސްކްރީން ހެދުމަށް ފަހު ރަނގަޅަށް ޑޮކިއުމެންޓް ވެސް ކޮށްފައި ނުހުންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ބަންދު މީހުންނާއި ގައިދީންގެ ސިއްހަތާ ގުޅޭ ގޮތުން 121 މައްސަލައެއް ކޮމިޝަބަށް ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި ވެސް އެންމެ ގިނައީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުން މަހްރޫމްކުރުވާ މައްސަލަތަކެވެ.
ކޯޓުން ކުރާ ހުކުމެއް ނުވަތަ ތަހުގީގު ނިމުމުން ރިމާންޑް ޖަލަށް ބަދަލުކުރަން ޖެހޭ މީހުން ވެސް ކަސްޓޯޑިއަލްތަކުގައި ތިބެން ޖެހޭ ކަމަށާއި މިހެންވުމުން ރިމާންޑް ޖަލަކުން ލިބެން ޖެހޭ ހިދުމަތްތައް ނުލިބޭ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެޗްއާރުސީއެމުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ހައްޔަރުކުރާއިރު އަދި ޖަލުގައި އަނިޔާކުރަމުންދާ މައްސަލަތައް ހުށަހަޅާފައިވެ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު ހިއުމަން ޓްރެފިކިންގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ކަންބޮޑުވުން އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ. އޮޅުވާލައިގެން ރާއްޖެ ގެނެސް ޕާސްޕޯޓު އަތުލައި ބައެއް ފަހަރު މަގުމަތިވެ ސިއްހީ ހިދުމަތްތަކުން ވެސް މަހްރޫމްވާ ކަމަށް ބުނެފައިވެ އެވެ.
ގައުމަށް އެނބުރި ދާން ނަންނޯޓުކުރަން ވެގެން ގައުމީ ދަނޑު ކައިރިއަށް އެއްވެފައި ތިބި ބިދޭސީންތަކެއް -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ބިދޭސީން ރާއްޖެ ގެންނަ ބައެއް އެޖެންޓުން ދަނީ އަދިވެސް ދޮގު މައުލޫމާތުތައް ފޯރުކޮށްދެމުންނެވެ. ވިސާއަކާ ނުލައި ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ ކަމަށް ބުނުމުން ބައެއް މީހުން ދަނީ އަތުގައި ހުންނަ މުދާ ވިއްކާލައި ބޮޑު ހޭދައެއްކޮށްގެން ކަން ރިޕޯޓުގައިވެ އެވެ.
"މަސައްކަތަށް ދިވެހިރާއްޖެއަށް ބިދޭސީ މީހާ ގެންނަ ފަރާތުން ދޭން ބުނާ އުޖޫރަ ނުލިބުމުން ފިލައިގެން އެހެން ވަޒީފާތަކަށް މީހުން ދާ ކަމާއި އަދި ބައެއް ފަަހަރު އެފަދަ ފަރާތްތައް މަގުމަތީގައި ސަލާން ޖަހައިގެން އުޅެމުންދާ ކަން ފާހަގަކުރެވެ އެވެ." އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ.
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
މަންމައަކު ދަރިއަށް އަނިޔާކުރި މައްސަލައެއް
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
އާއްމުންނަށް އެންމެ މުހިއްމީ ކުޑަކުދިންގެ ހައްގުތައް
ހުއްޓިފައި އޮތް އެޗްއާރްސީއެމް ހިނގައިގެންފި
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް