Roadha Mihaaru
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ

ބިދޭސީ އަންހެންމީހާއާ ބެހުނު ކަމަށް ބުނާ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

28 ޖޫން 2020

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި މިިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެހެންވެ، އިތުރު މައުލޫމާތެއް ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ އެ ދެ މީހުން އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. ތަހުގީގުގެ މިހާ ކުރީކޮޅު، އެ ދެ މީހުން ދޫކޮށްލުމާއި މައުލޫމާތުތައް ހާމަނުކުރާ މައްސަލައިގައި ފުލުހުންނަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެކަމަކު، އެ ދެ މީހުން ދޫކޮށްލި ނަމަވެސް ފުލުހުން ބުނަނީ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އިތުރު މައުލޫމާތު ހާމަނުކުރަނީ ފުލުހުން ބުނާގޮތުގައި، އެއީ ތަހުގީގު ކުރިއަށް ދާ މައްސަލައަކަށް ވާތީ އެވެ.

މި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ އެކަކު ސިޔާސީ މީހަކާ ގުޅުން އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރު ކުރަމުން ދިޔަ ނަމަވެސް އާންމުންގެ އެއް ކަންބޮޑުވުމަކީ އެކަމާ ގުޅޭ ގޮތުން ވެސް ފުލުހުން ހިމޭނުން ތިބޭ މައްސަލަ އެވެ.

ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ވަނީ، އެ މީހުން ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށް ގޮވާލައިފަ އެވެ.

މި މައްސަލައިގައި ނޫސްވެރިން ތަކުރާރުކޮަށް، ސުވާލުކުރި ނަމަވެސް އެކަށީގެންވާ ޖަވާބެއް އަދިއެއް ނުލިބެ އެވެ. މީގެ ކުރިން މިފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ މީހާގެ ތަހުގީގަށް ބަންދުގައި ބަހައްޓަން މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރެ އެވެ.