10 ޖުލައި 2020
މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ރައްްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ބާރު އެޅީ މީޑިއާތަކަށްް ބިރުދައްކަން ކަމަށް ވިދާޅުވެ، ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކާއި ބައެއް ޓީވީ ޗެނަލް ތަކުގެ އެޑިޓަރުން ރޭ ކަންބޮޑުން ފާޅުކުރައްވައިފި އެވެ.
މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ރައްްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ބާރު އެޅީ މީޑިއާތަކަށްް ބިރުދައްކަން ކަމަށް ވިދާޅުވެ، ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކާއި ބައެއް ޓީވީ ޗެނަލް ތަކުގެ އެޑިޓަރުން ރޭ ކަންބޮޑުން ފާޅުކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި އެޑިޓަރުންގެ މި ކަންބޮޑުވުންަތއް އައީ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި މަސްތުވެގެން ތިބެ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، މީޑިއާތައް ޖޫރިމަނާކުރެވޭނެ ގޮތް ހަދަން، އެމްއެމްސީ އަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން ފިއްތުންތައް ކުރިމަތި ކުރަން ފެށުމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކަންބޮޑުވުން ހާމަކޮށް، ރައްޔިތުންގެ މަޖިލިހުން، އެމްއެމްސީ އަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ، އެ މައްސަލާގައި "ހަގީގަތާ ހިލާފު ޚަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ އެކަން ބައްލަވައި ދެއްވުމަށް އެ ކޮމިޓީން" އެދޭ ކަމަށެވެ.
މިކަމާ ގުޅިގެން ބޭއްވި ނިއުސް ބްރީފިންގައި، އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވީ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ޖަރީމާގެ މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރުން ފިޔަވައި އެހެން ކަމެއް، މަޖިލީހުން އެމްއެމްސީ އަށް އެންގި އެންގުމުގެ ފަހަތުގައި ނެތް ކަމަށެވެ.
"މިއުޅެނީ ވަކި ކަހަލަ ކަމެއްގެ ތެރެއިން އަޅުގަނޑުމެންގެ ހެޑަށް އޮޅުވާލައި [އޮޮޅުން ބޮޅުންކޮށް، ވާނުވާ ނޭނގޭ ގޮތެއް ހަދައިގެން] އަޅުގަނޑުމެންނަށް ބިރުދައްކަން ވެގެން. އެއީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން މީހަކު ފުންްމާލި، އިއްފަތް ފޭރުނު [ކަމަށް ތުހުމަތުވާ] ހާދިސާ. އެކަން މަންޒަރުން ގެއްލުވާލަން ވެގެން. އެއާ ގުޅިގެން ނޫނިއްޔާ އެހެން ކަމެއް ނާދޭ،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް ރާއްޖޭގައި ރޭޕްގެ މާ ގިނަ މައްސަލަތައް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭރުގައި ރިޕޯޓްކުރި ގޮތާ މެދު މާބޮޑު މައްސަލައެއް ނެތް ކަމަށެވެ.
ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ ވެސް ވިދާޅުވިގޮތުގައި، 2،000ރ. އިން ޖުރިމަނާ ކުރާ ވާހަކަ އާ މެދު ކަންބޮޑުވެވަޑައިގަންނަވަނީ އެއީ މާބޮޑު އަދަދެއްގެ ފައިސާ އަކަށް ވާތީއެއް ނޫނެވެ. އެކަމަކު އެ ފިޔަވަޅު އަޅަން މަޖިލީހުން އުޅެނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދެއް ހަދަން މަޖިލީހުން އެމްއެމްސީ އަށް ސިޓީއެއް ފޮނުވީ އޭގެ ފަހަތުގައި އެހެން ނިޔަތެއް އޮވެގެން ކަމަށް ކަމަށް ސިނާން ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ 2،000ރ. ގެ ޖޫރިމަނާއެއް އައިސްފި ނަމަ މީޑިއާތަކަށް އެ އަަދަދު ދެއްކި ދާނެ ކަމަށެެވެ.
"މި ދެހާސް ރުފިޔާ ދެއްކުމެއް ނޫން މީގައި މިއުޅޭ ކަމަކީ ހަގީގަތުގައި. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މީގެ ފަހަތުގައި އެހެން ނިޔަތެއް އޮވެގެން ބިރު ދެއްކުމުގެ އިންޓެންޝަންއެއްގައި ކުރެވޭ ކަމެއް ކަމަށް އެޑިޓަރުންނަަށް ފާހަގަ ކުރެވެނީ،" ސިނާން ވިދާޅުވި އެވެ.
ސަން އޮންލައިންގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެމްއެމްސީ އަށް ފޮނުވި ސިޓީގައި، އެ ކައުންސިލުން ހަދަން އަންގާފައިވާ ބަދަލު، ގަވައިދަށް ގެންނަން އެންގި އެންގުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ވެސް ނޫން ކަަމަށެވެ.
އޭނާ ވެސް ތުހުމަތު ކުރެއްވި ގޮތުގައި، މީޑިއާތައް ޖޫރިމަނާ ކުރުމުގެ މަގުފަހި ކުރުމަށް މަޖިލީހުން އެންގީ ސަފާރީގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ. އެއީ ބިރުދެއްކުން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން މީޑިއާ ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭ ކަމަށް ގަބޫލު ކުރެވޭ ނަމަ ގާނޫނުތައް އިސްލާހު ކޮށްގެން އެ މަގުން އެކަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑަށް އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުން އިދާރީ ގޮތުން މި އަންގަނީ މީޑިއާ ކައުންސިލަށް، މިވެނި ދުވަހެއްގެ މިވެނި ގަޑިއެއްގެ ކުރިން މީޑިއާ ކައުންސިލްގެ ގަވައިދަށް އެ ބަދަލު ގެނެސް މިނިވަން މުއައްްސަސާތަކާ ބެހޭ ކޮމިޓީއަށް އަންގާށޭ،" ޒާހިރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީޑިއާ ކައުންސިލްގެ މާނައެއް އެހެންވިއްޔާ ނެތް. މީޑިއާ ކައުންސިލަކީ މީޑިއާތަކުން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ވެގެން އަންނަ 15 ބޭފުޅުންގެ ކައުންސިލެއް."
ރޭގެ ބްރީފިންގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އެޑިޓަރުން ވެސް ވިދާޅުވީ މީޑިއާތައް އަނެއްކާ ވެސް ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލެއް ގެންނަން އުޅުމަކީ މީޑިއާގެ މިނިވަންކަމަށް އެޅޭނެ ހުރަހެއް ކަމަށާއި އެކަމާ އަބަދުވެސް ދެކޮޮޅު ކަމަށެވެ. އެ ކަންބޮޑުވުންތައް ގެންދަވަން ޖެހޭ ހުރިހާ ފަރާތަކަށް ވެސް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސިޓީގައި އެދިފައި ވަނީ މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލައި މިދިޔަ ބުދަ ދުވަހުގެ ކުރިން މަޖިލިހަށް ފޮނުވުމަށެވެ. އެކަމަކު 15 މެމްބަރުން ތިބޭ މީޑިއާ ކައުންސިލްގެ ބައްދަލުން ހޫނުވެ، އެގޮތަށް ފާސްނުވި ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެންކަމުން އެފަދަ ގަވާއިދެއް މަޖިލިހަށް ފޮނުވިކަން އަދި އެނގޭކަށް ނެތެވެ.
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުއްލި މައްސަލައެއް
ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލަނީ
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"