Roadha Mihaaru
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި

ޖިންސީ ގޯނާގެ މައްސަލައާއެކު ޝިދާތާގެ އިހުސާސްތައް ބޭރުކޮށްލައިފި

28 ޖޫން 2020

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވެސް ފެންނަނީ މިސްރާބު ގޯހުންދާތަން ކަމަށް ވިދާޅުވެ، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުސާސްތައް މިއަދު ބަންޑުންކޮށްލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވެސް ފެންނަނީ މިސްރާބު ގޯހުންދާތަން ކަމަށް ވިދާޅުވެ، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުސާސްތައް މިއަދު ބަންޑުންކޮށްލައްވައިފި އެވެ.

މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ނާގާބިލްކަމުގެ ފާޑުކިޔުންތަކާއެކު ޝިދާތާއަށް ޕްރެޝަރު ބޮޑުވީ، ކުޑަކުދިންނާ ގުޅުންހުރި ސީރިއަސް ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭއިރު ވެސް، އަހުމަދު ހިޝާނަށް ޑިސެބިލިޓީ އެމްބެސެޑަރުކަން ދިނުމާއި ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ މައްސަލަ އެވެ.

އެ މައްސަލަ ހޫނުވެ، ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވި ޝިދާތާ ވަނީ، އޭނާ އަށް އަމާޒުކުރި ފާޑުކިއުންތަކަށް ފުރަތަމަ ފަހަރަށް މިއަދު ޖަވާބު ދެއްވައިފަ އެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ފަދަ މައްސަލަތައް ނުހުއްޓުވިގެން އުޅެނީ އޭނާ މަގާމުގައި ހުންނެވުމުން ކަމަށް އަޑު އުފުލި މީހުންނަށް ވެސް ރައްދު ދެއްވި އެވެ.

ޝިދާތާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، އޭނާ މިނިސްޓަރުކަމުގައި ހުންނެވިއިރު ކުޑަކުދިންނާއި އަންހެނުންނާއި އިންސާނީ ކަރާމާތަށް ގުޅުންހުރި މައްސަލަތަކުގައި ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ޖެންޑާ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު "ދެފައި އެއްތާ ނުޖަހާ" ކަމަށެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ 5 ގައި މަޖިލީހުން ބޭއްވި ޖަލްސާގައި މެމްބަރުންގެ އުދާސްތަކާއި ރުޅިވެރިކަން ހިފެހެއްޓުމެއްނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ ކަމަށެވެ. އެކަމަކު އޭރު ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ހިމެނޭ ޑިސެބިލިޓީ އެމްބެސެޑަރު ވެސް ދޫވެއްޖެ ކަމަށް ވިދާޅުވި އެވެ.

ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަހުމަދު ހިޝާންގެ މައްޗަށް ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލައިގައި ދައުވާނުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ބަލަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ލަފާ ދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެފަދަ އިއުލާނެއް ފުލުހުން މިހާތަނަކަށް ނުކުރެ އެވެ.

"އެފަދަ އެތައް މައްސަލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ. މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަ. ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ،" ޝިދާތާ ފޭސްބުކްގައި ލިޔުއްވި އެވެ.

"އޭރު އަޅުގަނޑުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް. މީޑިއާތަކުގައި މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް،"

އިންސާނީ ހައްގުތަކުގައި ވަކާލާތު ކުރާ މީހުން ޝިދާތާގެ އިސްތިއުފާއާއެކު ނިދިއްޖެ ކަމަށާއި ހެޔޮ ނިޔަތުގައި އެދުވަހު ތެދުވެ ތިބިނަމަ މިއަދު އެ މަންޒަރު އެގޮތަށް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

"މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ. މިއަދު ވެސް މި ފެންނަނީ މިސްރާބު ގޯހުން ގޯހަށް ދާތަން،" ޝިދާތާ ވިދާޅުވި އެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައި، މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ މީހުން ދޫކޮށްލުމުން އެކަމުގައި ސަރުކާރާ ގުޅުން ހުރި ސިޔާސީ ފަރާތްތަކުގެ ބައިވެރިވުުން އޮތް ކަމަށް ވެސް ސޯޝަލް މީޑިއާގައިި ދަނީ ތުހުމަތު ކުރަމުންނެވެ. ޚާއްސަކޮށް، ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކާ ސިޔާސީ މީހަކާ ގުޅުން އޮތް ކަމަށް ބުނާއިރު، ފުލުހުން އެކަމުގައި ހިމޭނުން ތިބޭ މައްސަލަ ވަރަށް ބޮޑެވެ.

އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރި މީހުން ވަނީ ޖިންސީ ގޯނާކުރި މީހުން ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށް ގޮވާލައިފަ އެވެ.