Roadha Mihaaru
ސަފާރީ ކޭސް:"ދައުވާކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ"

ސަފާރީ ކޭސްގައި ދައުވާ ކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ: ފުލުހުން

16 ޖުލައި 2020

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ނުފޫޒު ވަދެ، އެކަށީގެންވާ ތަހުގީގެއް ނުހިންގާ ކަމަށް ފުލުހުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ މި މައްސަލައިގެ ތަފުސީލް ހާމަކުރަން ފުލުހުން މިއަދު ވަނީ އިސްކަންދަރުކޮށީގައި މީޑިއާ ބްރީފިންއެއް ބާއްވައިފަ އެވެ.

އުމުރުން 27 އަހަރުގެ ކެންޔާގެ އަންހެން މީހާ އަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި މީގެ ކުރިން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގައި ވެސް މައުލޫމާތު ދީފަ އެވެ. އެއީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކީ ވެރިކަން ކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނަށް ވެފައި މައްސަލަ އަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތައް ކުރުމުންނެވެ.

މަންނާނުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި ސަފާރީ ކޭސް ތަހުގީގުކުރާ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ޗީފް އިންސްޕެކްޓަރު މަރިޔަމް އަޒްމާ ބައިވެރިވެވަޑައިގަތް ނިއުސް ބްރީފިންގައި، ޖެންޑާ ކޮމިޓީ އަށް ނުދޭ، އާ މައުލޫމާތަކަށް ހާމަކުރީ ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ސަފާރީ އަށް ދިޔަ އަންހެން މީހާގެ ފޯނު މޫދުން ހޯދި ކަމެވެ. އޭގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައިގައި 11 މީހަކާ ސުވާލުކޮށް، ތަހުގީގާ ގުޅޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަންނާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މި މައްސަލައިގައި ފުލުހުންނަށް އަމާޒުކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވާ. --ފޮޓޯ/ޕޮލިސް

މަންނާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މި މައްސަލައިގައި ފުލުހުންނަށް އަމާޒުކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވާ. --ފޮޓޯ/ޕޮލިސް

ސުވާލުކުރަން ކޮންމެ މީޑިއާ އަކަށް އެއް ފުރުސަތު ދިން ނިއުސް ކޮންފަރެންސް ނިމުނު ފަހުން، އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިއްޖެތޯ "މިހާރު" ން އެހުމުން މަންނާން ވިދާޅުވީ ފުލުހުން ގަބޫލުކުރަނީ ތަހުގީގަށް ކުރިއެރުން ލިބި ދައުވާ ކުރެވޭވަރަށް ތަހުގީގު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

"އާދެ، އަޅުގަނޑުމެން ގަބޫލު ކުރަނީ ދައުވާ ކުރެވޭނެ ކަމަށް. އެކަމަކު [ދައުވާ ކުރުން] އެއީ ޕީޖީގެ ނިންމުމެއް. މި ތަހުގީގުގައި، ޕީޖީއާ އެކު މަޝްވަރާ ކުރަމުން މި އަންނަނީ،" މަންނާން ވިދާޅުވި އެވެ.

އަންހެން މީހާ އަށް ސަފާރީގައި ޖިންސީ ގޯނާކުރި ކަމަށް ފުލުހުން ތުހުމަތު ކުރަނީ ދެ މީހެއްގެ މައްޗަށެވެ.

އަންހެން މީހާގެ ފޯނު ހޯދީ ފީނައިގެން މޫދު އަޑިން ކަމަށް ފުލުހުން މިއަދު ބުނިއިރު، އޭނާ "މިހާރު" އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ ފޯނު ވީ ތުހުމަތުކުރާ ދެ މީހުންގެ އަތުގައި ކަމަށް އެ ދެ މީހުން ބުނި ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީގައި މައުލޫމާތު ހާމަކުރިއިރު ފުލުހުން ވެސް ބުނެފައި ވަނީ، ފޯނުވީ ތުހުމަތު ކުރެވޭ ދެ މީހުންގެ އަތުގައި ކަމަށް ހާދިސާ ފުރަތަމަ ރިޕޯޓްކުރިއިރު ވިކްޓިމް ބުނި ކަމަށެވެ.

އަޒްމާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ޕޮލިސް

އަޒްމާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ޕޮލިސް

ތުހުމަތު ކުރެވޭ ދެ މީހުން މި މައްސަލައިގައި ހައްޔަރުނުކޮށް، ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނާ ހަމައިން ދޫކޮށްލީ ސިޔާސީ ނުފޫޒާ ހެދި ކަމުގެ ފާޑުކިއުންތައް އަމާޒުވި އިރު، އަންހެން މީހާއާ ހަވާލާދީ ކަމަށް ބުނެ "މެންދުރު އޮންލައިން" ގައި މި ކޭސް ރިޕޯޓްކޮށްފައިވާ ގޮތުން ނަމަ އޭނާ ރޭޕްކުރީ އެވެ. އެކަމަކު މި ތުހުމަތު ފުލުހުންނާއި ވިކްޓިމް ވެސް ދޮގު ކުރެ އެވެ.

"މިހާރު" އޮންލައިން ފިޔަވައި އެއްވެސް ނޫހަކަށް ހާދިސާއާ ގުޅޭ އެއްވެސް ވާހަކައެއް ކިޔައިނުދޭ ކަމަށް ވިކްޓިމް ވަނީ ބުނެފަ އެވެ. އެކަމަކު މެންދުރު އޮންލައިންގައި ވެސް މޫދަށް ފުންމާލި ކަމަށް ލިއެފައި އޮތް އިރު "މިހާރު" އަށް ދިން އިންޓަވިއުގައި ވެސް ސަލާމަތްވާން މޫދަށް ފުންމާލި ކަމަށް ވިކްޓިމް ބުންޏެވެ.

ވިކްޓިމް މޫދަށް ފުންމާލި ސަބަބާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ސުވާލުކުރުމުން ފުލުހުން ކުރިން ބުނެފައި ވަނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވިކްޓިމް މޫދަށް ފުންމާލި ސަބަބު ތަހުގީގުން ސާފުވެއްޖެތޯ "މިހާރު"ން ސުވާލު ކުރުމުން މަންނާން ވިދާޅުވީ "އަންހެނަކު ރޭގަނޑު ދަންވަރު މޫދަށް ފުންމާލާނީ ބޮޑު ކަމެއް އޮތީމައޭ" ކޮމިޓީގައި ދެންނެވި ކަމަށާއި އަދިވެސް އެކަން އަންނަނީ އިތުރަށް ބަލަމުން ކަމަށެވެ.

ވިކްޓިމްއާ ހަވާލާދީ މަންނާން ވިދާޅުވީ މޫދަށް ފުންމާލީ ދެ ވަނަ ފަހަރަށް ޖިންސީ ގޯނާގެ އަމަލެއް ތަކުރާރުވެދާނެތީ ސަލާމަތްވާން ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް އާދެވިފައި ތިބި ހިސާބަކީ ޕީޖީ އޮފީހާ އެކު މަޝްވަރާކޮށްގެން ދެން ކުރަން ހުރި ކަންކަން ކުރިއަށް ގެންދިއުން،" މަންނާން ވިދާޅުވި އެވެ.

ފުލުހުން މިއަދު ވެސް ބުނިގޮތުގައި އެ މައްސަލަ ހުށަހެޅީ އަދި ތަހުގީގުގައި ހޯދުނު ކުރިއެރުންތަކާ އެކު ޕީޖީއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ވެސް ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގަ އެވެ.

ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީ އަށް ދިޔައީ ޕާޓީކުރަން ކަމަށާއި ބަނގުރާ ބޭނުންކުރި ކަމަށް ވިކްޓިމް ބުނާއިރު، ސަފާރީގައި ތިބި މީހުން ބަނގުރަލަށް ޓެސްޓް ނުކުރީ ކީއްވެތޯ އެހުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އެ މީހުން ތިބީ ބަނގުރާ ބޭނުންކޮށްގެން ކަމަށް އެ ސީނަށް ދިޔަ ފުލުހުންނަށް ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓްކުރިއިރު ވިކްޓިމްގެ ފަރާތުން ވެސް އެފަދަ ތުހުމަތެއް ނެތުމުން އެކަން ނުކުރީ ކަމަށް ވިދާޅުވި އެވެ.

ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ސަފާރީ ކޭސްގެ ތަހުގީގުގައި ބަނގުރަލާ ގުޅުން ހުރި މައްސަލައެއް ފުލުހުން ނުބަލަ އެވެ.

ޗީފް އިންސްޕެކްޓަރު ބަޝީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ބަނގުރަލުގެ މައްސަލަ ތަހުގީގު ނުކުރީ ސީނަށް ދިޔަ ފުލުހުންނަށް އެފަދަ ތުހުމަތެއް ނުކުރެވޭތީ ކަމަށް.

ޗީފް އިންސްޕެކްޓަރު ބަޝީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ބަނގުރަލުގެ މައްސަލަ ތަހުގީގު ނުކުރީ ސީނަށް ދިޔަ ފުލުހުންނަށް އެފަދަ ތުހުމަތެއް ނުކުރެވޭތީ ކަމަށް.

ބަޝީރު ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތާ ތަފާތު ގޮތަކަށް ސަފާރީ ކޭސްގައި އަމަލެއް ނުކުރެ އެވެ. އަންހެން މީހާ ޑޮކްޓަރަށް ދެއްކުން ވެސް ލަސްވި ކަމަށް ގަބޫލުނުކުރާ ކަމަށާއި ތަހުގީގަށް ކޮންމެހެން މުހިއްމު ހެކިތަކެއް ވެސް ގެއްލިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 5 ޖެހިއިރު ރިޕޯޓް ކުރި މައްސަލައިގައި އަންހެން މީހާ ޑޮކްޓަރަށް ދެއްކީ ހެނދުނު 10:15 ގަ އެވެ. ހުޅުމާލެ އިން މާލެ ގެނެސް އޭނާގެ ހެދުން ބަދަލުކުރަން ފުރުސަތު ދިން އިރު މިއީ އެފަދަ ކޭސްއެއްގައި ހެކި ގެއްލިދާނެ ކަމެއް ނޫންތޯ ދެންނެވުމުން ފުލުހުން ބުނީ "ހާދިސާގެ ހެކި ހޯދަން މަސައްކަތް ކުރާނީ ހުށަހެޅިފައި އިން ގޮތަށް ބަލާފައި" ކަމަށެވެ. މައްސަލަ ބެލީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.