29 ޖޫން 2020
ހުޅުމާލޭގެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީގައި ތަކުރާރުކޮށް ރޭޕްކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އެ ހާދިސާ ކުރިމަތިވި ކެންޔާ އަންހެން މީހާ މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީގައި ތަކުރާރުކޮށް ރޭޕްކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އެ ހާދިސާ ކުރިމަތިވި ކެންޔާ އަންހެން މީހާ މިއަދު ބުނެފި އެވެ.
ސަފާރީގައި އޭނާ ރޭޕްކުރި ކަމަށް ތުހުމަތުކޮށް އޭގެ ތެރޭގައި ސިޔާސީ ނުފޫޒު ފަދަ ބަޔަކު ހިމެނޭތީ ފުލުހުން އެކަށީގެންވާ ތަހުގީގެއް ނުކޮށް އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް އާންމުން ތުހުމަތު ކުރެ އެވެ. މި މައްސަލާގައި ހޫނު ބަހުސެއް ހިނގަމުން ދަނިކޮށް، އެ ހާދިސާ ހިނގި ގޮތް އަންހެން މީހާ ވަނީ "މިހާރު" އާ ހިއްސާކޮށްފަ އެވެ. އޭނާއާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އޭނާގެ އާއިލާގެ މީހަކު މެދުވެރިވެގެންނެވެ.
ކެންޔާގެ، އުމުރުން 27 އަހަރުގެ އަންހެންމީހާ ތަކުރާރުކޮށް ބުނީ "ރޭޕް ނުކުރާ ކަމަށާއި ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުންޏެވެ.
"ޑެކު މަތީގައި ހުރެފައި އޭނަ އަހަރެންގެ އުރަމައްޗާއި ފޫކޮޅުގައި އަތްލީމަ ދުރަށް ޖެހުނީ. މިއީ އަހަރެންގެ ބޯޓު ކަމަށާއި ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ބުނެ އޭނަ އެނބުރި ދިޔައީ. ދެން އަނެއްކާ ވެސް ފެނުނީ އަންނަތަން، ފެނުނީމަ ޑެކުމަތީގައި ހުރެފައި ފުންމާލީ،" އޭނާ ބުންޏެވެ.
"އަހަންނަށް ފަތަން އެނގޭ، ޖެހިގެން ސަފާރީއެއް ފެންނަން އޮތީމަ އެ ދިމާ އަށް ދާންވެގެން ފުންމާލީ."
ވަޒީފާއެއް ހޯދަނިކޮށް، ލިބުނު ފުރުސަތެއްގައި މީގެ ދެ އަހަރު ކުރިން ރާއްޖެ އައިސް އަމިއްލަ ކުންފުންޏެއްގެ މާކެޓިން މަސައްކަތުގައި އުޅުނު އަންހެން މީހާ ކިޔައިދިން ގޮތުގައި ސަފާރީގައި އޮތް ޕާޓީ އަށް ދައުވަތު ދިނީ އޭނާގެ ދިވެހި ރަހުމަތްތެރި އެކެވެ. އެ ޕާޓީގައި، އެހެން އަންހެނުން ވެސް ތިބޭނެ ކަމަށް ބުނެ އޭނާ ގެންދިޔަ ނަމަވެސް އެ ސަފާރީގައި އޭނާގެ ރަހުމަތްތެރިޔާ ވެސް ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ.
ޖެޓީން ޑިންގީއެއްގައި އޭނާ އެރޭ 11 ޖަހާކަންހާއިރު ސަފާރީ އަށް ގެންދިޔައީ ދެ ފިރިހެނުން ވެގެންނެވެ. އޭގެތެރޭގައި އޭނާ ރަހުމަތްތެރިޔާ ނެތުމުން ކޮބައިތޯ ސުވާލުކުރުމުން ޖަވާބު ލިބުނީ ސަފާރީގައި ނިދާފައި އޮތް ކަމަށެވެ. ސަފާރީ އަށް ދިޔައިރު އެއްވެސް އަންހެނަކު ނެތް ކަމަށާއި އޭގައި ތިބީ ހަތް ފިރިހެނުން ކަމަށް އޭނާ ބުންޏެވެ.
އެހާ ގިނަ ރައްޓެހިން ނެތަސް މަދުން ޕާޓީތަކަށް ދާ ކަަމަށާއި އެ ސަފާރީ އަށް އެ ރޭ ދިޔައީ އަލަށް ކަމަށް ބުންޏެވެ.
"އަހަރެން ދިޔައިރު އޭގައި ތިބީ ހަތް ފިރިހެނުން. އެއްވެސް އަންހެނަކު ނެތް. އެ މީހުން ވަރަށް ފްރެންޑްލީ. ފުރަތަމަ އެކި ވާހަކަ ދައްކަން ތިބީ. ކޮރޯނާ ވައިރަހުން އިގްތިސާދަށް އަސަރުކޮށްފައިވާ މިންވަރާއި އެކަހަލަ ވާހަކަތަކެއް ދެއްކީ،" އަންހެން މީހާ ބުންޏެވެ.
ސަފާރީގައި އޭނާ އާއި އޭގައި ދެން ތިބި މީހުން ވެސް ބަނގުރާ ބުއި ކަމަށް އޭނާ ބުންޏެވެ. ޖިންސީ ގޯނާ ކުރިމަތިވީ، އޭނާ ބުނިގޮތުގައި، ބޯޓުގެ ޑެކުމަތީގައި ހުއްޓަ އެވެ.
"އެތަނަށް ބައެއް މީހުން އަރައި ފައިބައި އެގޮތަށް އުޅުނީ. އެ ކަހަލަ ކަމެއް ކުރިމަތިވެދާނެ ކަމަކަށް ވިސްނައިގެންނެއް ނޫން ހުރީ. އެތަނުން އެކަކު އައިސް އަހަރެންގެ ގައިގައި އަތްލީ. އެނބުރި ގޮސްފައި އޭނާ ދެ ވަނަ ފަހަރަށް އަހަންނާ ދިމާލަށް އަންނަ ތަން ފެނުނީމަ ފުންމާލީ،" އޭނާ ކިޔައިދިނެވެ.
މޫދުން އޭނާ ނެގީ ސަފާރީން ފުންމާލި އެހެން މީހަކެވެ. ޑިންގީގައި ޖެޓީއާ ހަމައަށް ގެންދިޔައިރު ޑިންގީގައި ދެ ފިރިހެނުން ތިބި ކަމަށާއި މޫދަށް ދަބަހާ އެކު ފުންމާލުމުން ފޯނަށް ވީ ގޮތެއް ނޭނގުނީ ކަމަށް ބުންޏެވެ.
"ފަތިހު 5 ޖެހިއިރު، ޖެޓީއާ ކައިރިކޮށްފައި އެ މީހުން އެދުނީ އަހަރެން ގެއަށް ގެންގޮސްދޭން އެކަމަކު އަހަރެން އެ މީހުންނާ އެކު ދާން ބޭނުން ނުވީ. އެކަމަކު ޓެކްސީއަކަށް ގުޅޭނެ ގޮތެއް ނެތް. އެހެން ހުއްޓައި ފެނުނީ ޖެޓީއާ ދިމާލުން ފުލުހުން. އެ ހިސާބުން އަހަރެން ފުލުހުންނަށް ގޮވައި ސަފާރީގައި އަހަރެންގެ ގައިގައި އަތްލި ކަމަށް ބުނީ،" އޭނާ ކިޔައިދިނެވެ.
ސަފާރީގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެންމީހާ: އޭނާ. ބުނަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް.
"އެ ތަނުން އެކަކު ބުނި އޭނަގެ އަތުގައި އަހަރެންގެ ފޯނު އޮތް ވާހަކަ. އެކަމަކު އެ މީހުންނާ އެކީ ދާން ބޭނުން ނުވީ."
ޑިންގީގައި ތެރޭގައި އިންދައި، ފޯނު އެބައޮތް ކަމަށް އޭގެތެރެއިން އެކަކު ބުނި ނަމަވެސް ފޯނު ނުދޭ ކަމަށާއި އެ ވާހަކަ ފުލުހުންގެ ގާތު ވެސް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކުރީ ވެސް އޭނާ ބުނިގޮތުގައި، ރޭޕް ކޭސްއެއްގެ ގޮތަކު ނޫނެވެ.
"އެ ވަގުތު ވެސް އަހަރެންގެ ނިޔަތަކީ އެ މީހުންނަށް ތުހުމަތުތަކެއްކޮށް ހައްޔަރު ކުރުމެއް ވެސް ނޫން. ގެއަށް ދާންވެގެން ފުލުހުންގެ އެހީ އަށް އެދުނީ."
އަންހެން މީހާ ކިޔައިދިން ވާހަކަތަކަށް ބަލައި ދެ މީހުން ހައްޔަރުކޮށްގެން ފުލުހުން އެ ތިން މީހުން ގެންދިޔައީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. އެތަނުގައި ދިން ބަޔާނުގައި އޭނާ ކިޔައިދީފައި ވާނީ "މިހާރު"އާ މައުލޫމާތު ހިއްސާކުރި ގޮތަށް ކަމަށް ބުންޏެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި އޭނާގެ ބަޔާން ނެގިއިރު ވެސް އެ ދެ މީހުންނަށް އެއްވެސް ތުހުމަތެއް ކުރަން ބޭނުން ނުވާ ކަމަށް ބުނި ކަމަށް ވިކްޓިމް ބުންޏެވެ. އެހެންވިޔަސް ޖިންސީގޯނާގެ މައްސަލައަކަށް ވާތީ، ޓެސްޓް ހަދަން އޭނާ ހޮސްޕިޓަލަށް ގެންދަން ފުލުހުން ބޭނުންވި ކަމަށް އަންހެން މީހާ ބުންޏެވެ.
މާލެ އައިސް އޭނާގެ ޑޮކިއުމެންޓްސްތަކެއް ނަގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ޓެސްޓް ހެދީ، ކުރިން މަސައްކަތް ކުރި އޮފީހުގެ އެހެން އަންހެނަކު ވެސް ހުރެގެންނެވެ. އޭނާ ޓެސްޓް ކުރަން ބޭނުން ނުވިޔަސް، ފުލުހުންގެ އެދުމުގެ މަތިން އެ ޓެސްޓް ހެދީ އޭނާ ކިޔައިދިން ގޮތުން ނަމަ ހާދިސާ ހިނގިތާ ދެ ގަޑިއިރު ފަހުންނެވެ.
"އެ ޓެސްޓުގެ ނަތީޖާ، ލިބޭނީ މިއަދު މެންދުރެއްހާއިރު. އެކަމަކު އޭގައި އަހަރެންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާނެ ކަން ޔަގީން،" އޭނާ ބުންޏެވެ.
މި ކޭސްއާ ގުޅިގެން "މެންދުރު އޮންލައިން" ނަމަކަށް ކިޔާ ނޫހެއްގައި އޭނާއާ ހަވާލާދީ ވާހަކަތަކެއް ރިޕޯޓްކޮށްފައިވިޔަސް "މިހާރު" ފިޔަވައި އެއްވެސް ނޫހަކާ ވާހަކަ ދައްކާފައި ނުވާނެ ކަމަށް އޭނާ ބުނެ އެވެ. އެކަމަކު އެ ނޫހުގައި އެ ވާހަކަތައް އެހާ ތަފުސީލުކޮށް މި ހާދިސާ ލިޔަން އެނގެން ޖެހުނީ ކިހިނެއްތޯ އާއި އެއްވެސް އޮފާއެއް އައިސްގެން ވާހަކަ ބަދަލުކުރަނީތޯ ތަކުރާރުކޮށް އެހުމުން ވެސް އޭނާ ބުނަނީ އެއްވެސް މީޑިއާ އަކާ މި ވާހަކަ މިހާތަނަށް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
"އަހަރެންގެ ފޯނެއް ވެސް ނެތް، އެއްވެސް އެހެން ނޫސްވެރިއަކާ ވާހަކައެއް ނުދައްކަން. އެ ރެއަށް ފަހު މިއީ ނޫސްވެރިއަކާ ވާހަކަ ދައްކާ ފުރަތަމަ ފަހަރު،" ހުޅުމާލޭގައި، އޭނާގެ ބޭބެއެއްގެ ގޭގައި މި ވަގުތު ދިރިއުޅޭ އަންހެންމީހާ ބުންޏެވެ.
"އަހަރެންގެ ނަމުގައި ދޮގު ވާހަކަތަކެއް ފެތުރިކަން އެނގުނީމަ ޝޮކްވި. އަހަރެން އަތަކު ނެތް ފޯނެއް. ޕޮލިސް ސްޓޭޝަން ނޫން ތަނަކަށް އަހަރެން އިއްޔެ ވެސް ނުދަން. އެއީ ވަރަށް ގޯސްކޮށް އެ މީހުން [މީޑިއާ އިން] ކުރި ކަމެއް، އޭގެ ސަބަބުން އަހަރެންގެ ފޮޓޯތައް އާއްމުވެ، މަގުމައްޗަށް ވެސް ނުކުންނަން ޖެހިލުންވެފައި މިހުރީ."
އޭނާ ބުނިގޮތުގައި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަން އެނގުނީ، ފުލުހުންނަށް ބަޔާން ދީ، ޓެސްޓް ވެސް ހެދި ފަހުން، ނޫސްތަކުގައި އޭނާގެ ނަމުގައި ދޮގު ވާހަކަ ފެތުރި ފަހުންނެވެ.
ޕޮލިސް ސްޓޭޝަންގައި އިންދާ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ފުލުހުންނަށް ފޯނު ކޯލެއް އައިސްގެން މުއާމަލާތް ކުރި ގޮތް ބަދަލުކޮށް، ވޯކް ވިސާއާ ގުޅޭ ގޮތުން ހަރުކަށިކޮށް ސުވާލުކުރުމާއި، ފަހުން، ތުހުމަތުކުރެވޭ ދެ މީހުންނާ ގުޅުން ހުރި އިންޒާރުގެ ކޯލްތައް ލިބުމާއި މި ކޭސް އޮއްބާލަން ފައިސާ ހުށަހެޅި ކަމުގެ ތުހުމަތުތަކާ ގުޅިގެން "މިހާރު"ން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ހުރިހާ ތުހުމަތެއް އޭނާ ދޮގު ކުރެ އެވެ.
"ނޫން، އަހަރެން ޔަގީންކަން ދެން އެ ކަހަލަ އެއްވެސް ކަމެއް ނުހިނގާ ކަން."
ސިޔާސީ ނުފޫޒު ވަދެ، ފުލުހުން މި ކޭސްގައި އެކަށީގެންވާ ތަހުގީގެއް ނުކުރަން އުޅޭ ކަމުގެ ތުހުމަތުކުރާ ކަމަށާއި އެހެން އެކަން ހިނގާ ނަމަ އެއީ ބޭއިންސާފެއް ނޫންތޯ އެހުމުން އޭނާ ބުނީ، ފުލުހުން އެ މީހުންނަށް ވީ އެންމެ ރަނގަޅަށް މައްސަލަ ތަހުގީގުކުރާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހެރެން ބޭނުމެއް ނޫން އެ މީހުންގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް،" އޭނާ ބުންޏެވެ.
ޖިންސީ އަނިޔާކުރިއިރު، މައްސަލަ ތަހުގީގުކުރުމުގެ ބަދަލުގައި އެ މީހުން ދޫކޮށްލަން ބޭނުންވަނީ ކީއްވެތޯ އެހުމުން ބުނީ، މަސްތުގެ ހާލަތުގައި ހިނގި ކަމެއްގައި، އެކަން ކުރިއަށް ގެންދަން ބޭނުން ނުވަނީ ކަމަށެވެ.
އިންޓަވިއުގައި އޭނާ ދެއްކި ވާހަކަތަކަކީ މިފަދަ ސީރިއަސް ކޭސްއެއްގައި، އަނިޔާ ލިބުނު މީހާގެ ދިފާއުގައި އުޅުމަށް ވުރެ، ތުހުމަތު ކުރެވޭ މީހުންނާ އެއްކޮޅަށް ލިޔެވޭ ލިއުމަކަށް ވެދާނެ ކަމުގެ އިލްޒާމް މީޑިއާއެއްގެ ގޮތުގައި "މިހާރު" އަށް އަދި ލިއުންތެރިޔާ އަށް ކުރިމަތިވެދާނެ ފަދަ ހާލަތެއްގައި އޮތް މައްސަލައެއް ކަން ވިސްނައިދީ އެއްވެސް ކަމެއް ނުފޮރުވައި ހަގީގަތަކަށް ކިޔައިދޭން ތަކުރާރުކޮށް އެދުމުން ވެސް އޭނާ ދެނީ އެއް ޖަވާބެކެވެ.
"މި ކިޔައިދިނީ ކަން ހިނގި ގޮތް."
ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތަށް ވުރެ އޭނާގެ ނުރުހުން އަމާޒުވީ މީޑިއާތަކަށެވެ. ހަގީގަތް ނުބަލައި ވާހަކަ ފެތުރުމުން، އޭނާ އަށް ހަމަޖެހެން އޮތް ވަޒީފާ ވެސް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ބުންޏެވެ.
އޭނާ މިހާރު ވިސްނަނީ ބޯޑަރު ހުޅުވުމުން، ކެންޔާގައި ހުރި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ގާތަށް ދާށެވެ.
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
ސަފާރީ ކޭސް: ދައުވާކޮށްދޭން އެދުނީ ތިން މީހަކަށް
ސަފާރީ ކޭސް:"ދައުވާކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ"
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް
ޖިންސީ ގޯނާ: ޕްރޮފެޝަނަލް ކޮމާންޑުން މައްސަލަ ބަލަނީ
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ޖިންސީ ގޯނާގެ މައްސަލަ ރަނގަޅަކަށް ނުބެލޭ: ރިޔާޒު
ފުލުހުންގެ ބަޔާން: ނުފޫޒެއް ނެތި މައްސަލަ ބަލާނަން