12 ޑިސެމްބަރ 2020
ރާއްޖޭގައި މީހުން އިންސާނީ ހައްގުތަކަށް އިސްކަންދޭ ތަރުތީބަށް އައި ބޮޑު ބަދަލެއްގައި ކުޑަކުދިންގެ ހައްގުތައް އެންމެ ކުރިއަށް އަރައިފި އެވެ.
ރާއްޖޭގައި މީހުން އިންސާނީ ހައްގުތަކަށް އިސްކަންދޭ ތަރުތީބަށް އައި ބޮޑު ބަދަލެއްގައި ކުޑަކުދިންގެ ހައްގުތައް އެންމެ ކުރިއަށް އަރައިފި އެވެ.
އިންސާނީ ހައްގުތަކާ މެދު އާއްމުން ދެކޭ ގޮތް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރާ ދަ ރައިޓްސް ސައިޑް އޮފް ލައިފް ދިރާސާގެ މިދިޔަ އަހަރުގެ ސާވޭގެ ރިޕޯޓު ބުރާސްފަތިދުވަހު ނެރުނު އިރު، 21 ހައްގެއްގެ ތެރެއިން އެންމެ މުހިއްމު އިންސާނީ ހައްގު ކަމަށް ސާވޭގެ ގިނަ ބައިވެރިން ބުނެފައި ވަނީ ކުޑަކުދިންގެ ހައްގުތަކެވެ. މިއީ 2005ގައި މި ސާވޭ ފުރަތަމަ ހެދި އިރު އެންމެ މުހިއްމު ކަމަށް ފާހަގަވި ސިއްހީ ޚިދުމަތާއި 2011ގައި ތައުލީމުގެ ހައްގު އެންމެ މުހިއްމުވި ނަތީޖާއާ މުޅިން ތަފާތު ނަތީޖާއެކެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލައާ މެދު މަތީ ދަރަޖައަކަށް ކަންބޮޑުވުން އޮތްކަން 2005 އިން ފެށިގެން ހަދާފައިވާ އިންސާނީ ހައްގުތަކުގެ ތިން ސާވޭ އިން ވެސް ދައްކާފައިވާކަން އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ކޮމިޝަނުން ބުނިގޮތުގައި މިއިން އެނގެނީ މި މައްސަލަ އަށް ދައުލަތުން އެކަށީގެންވާ އިޖާބައެއް ދީފައި ނެތް ކަމެވެ.
ސާވޭގެ ގިނަ ބައިވެރިން ވަނީ ކުޑަކުދިންނަށް ރައްކާތެރިކަން އޮތް މިންވަރާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ.
ދެވަނަ އަށް އެންމެ މުހިއްމު އިންސާނީ ހައްގެއް ކަމަށް މި ސާވޭގެ ބައިވެރިން ބުނެފައިވަނީ އަންހެނުންނަށް ހަމަހަމަ ހައްގުތަކެއް ލިބުމެވެ. މިއީ ވެސް ރާއްޖޭގައި އިންސާނީ ހައްގުތަކަށް މީހުން އިސްކަންދޭ ތަރުތީބަށް އައި ފާހަގަކުރެވޭ ބަދަލެކެވެ. ކުރިން 2011ގެ ސާވޭގައި އަންހެނުންނަށް ހަމަހަމަކަން ލިބުމުގެ ހައްގު އޮތީ ހަ ވަނައިގަ އެވެ. މިފަހަރު އަންހެނުންގެ ހަމަހަމަކަމުގެ މުހިއްމުކަން މި ބޮޑުވީ އޭރު ތައުލީމު އޮތް ދަރަޖައަށެވެ.
ދަ ރައިޓްސް ސައިޑް އޮފް ލައިފް ރިޕޯޓުގައި ބުނެފައި ވަނީ މިއީ އިންސާނީ ހައްގުތަކަށް ހޭލުންތެރި އަންހެނުން ފާއިތުވި އަހަރުތަކުގައި އިތުރުވުމާ ގުޅިފައިވާ ބަދަލެއް ކަމަށެވެ.
އަދި "އަންހެނުންގެ ހައްގުތަކާއި ބާރުވެރިކަމަކީ ކުޑަކުދިންގެ ހައްގުތަކާ ސީދާ ގުޅިފައިވާ ކަމެއްކަން ފުޅާ ދާއިރާއެއްގައި ގަބޫލުކުރެވިފައި" އޮތްކަން، އެޗްއާރުސީއެމް އާއި ޔޫއެންޑީޕީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެންމެ މުހިއްމު ފަސް ހައްގުގެ ތެރޭގައި ދެން ހިމެނެނީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ޚިދުމަތާއި ކާބޯތަކެއްޗެވެ. ކުރިން ލިސްޓުގެ ތިންވަނައިގައި އޮތް ބޯހިޔާވަހިކަމުގެ ހައްގު، މިފަހަރުގެ އެންމެ މުހިއްމު ފަސް ހައްގުގެ ތެރެއަކު ނުހިމެނެ އެވެ.
ރައިޓްސް ސައިޑް އޮފް ލައިފްގައި، އިންސާނީ ހައްގުތަކާ މެދު މީހުން ދެކޭ ގޮތް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓިކް އިސްލާހު، އަމާންކަމާއި ކުށްކުރުން، އިންސާނީ ހައްގުތަކާއި ދީން، އާއިލީ ނުވަތަ ގޭތެރޭގެ ދިރިއުޅުން، ގެވެށި އަނިޔާ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް އަދި ހަމަހަމަކަމާ އެކު ޚިދުމަތް ލިބިގަތުމުގެ ހައްގު ހިމެނެ އެވެ.
ރައިޓްސް ސައިޑް އޮފް ލައިފްގެ ދެވަނަ ސާވޭ އަށް ފަހު ވޭތުވެވި ހަތް އަހަރު ތެރޭ އިންސާނީ ހައްގުތަކާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާކަން އާ ސާވޭ އިން ވަނީ އެނގިފަ އެވެ. ރިޕޯޓުގައި އެޗްއާރުސީއެމުން ބުނިގޮތުގައި އެ ކަންބޮޑުވުންތައް ހުރީ ގައުމީ ފެންވަރުގައި ވަގުތުން އިޖާބަދޭން ޖެހޭ ފަދަ ސީރިއަސް މައްސަލަތަކަކަށް ވެފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވި 20 ރަށެއްގައި ކުރިއަށް ގެންދިޔަ ސާވޭގައި 1160 މީހުން ބައިވެރިވި އެވެ.
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ހަމަހަމަކަމާއި ހައްގުތަކާ ދެކޮޅަށް ހަރުކަށި ފިކުރު
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން
ކުޑަކުއްޖާ އަށް އިހުމާލުވުމުން މުއައްސަސާތައް ކޮމިޓީއަށް
22 ކުއްޖަކަށް އަނިޔާކުރި، އެޗްއާރުސީއެމުން ނުބެލި!
"ހައްގުތަކުގެ 7،000 މައްސަލަ މި އަހަރު ހުށަހެޅި"
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
"އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ހޯދައިދޭނަން"