Roadha Mihaaru
"ހައްގުތަކުގެ 7،000 މައްސަލަ މި އަހަރު ހުށަހެޅި"

ހައްގުތަކާ ގުޅޭ 7،000 އަށް ވުރެ ގިނަ މައްސަަލަ މި އަހަރު ހުށަހެޅި: އެޗްއާރުސީއެމް

10 ޑިސެމްބަރ 2018

އިންސާނީ ހައްގުތަކާ ގުޅޭ 7،000 އަށް ވުރެ ގިނަ މައްސަލަ މި އަހަރުގެ މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންސާނީ ހައްގުތަކާ ގުޅޭ 7،000 އަށް ވުރެ ގިނަ މައްސަލަ މި އަހަރުގެ މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ނެރުއްވި ހިތޯބެއްގައި ވަނީ އެ ކޮމިޝަން އުފެދުނުތާ މިއަދަށް 15 އަހަރު ފުރުނުއިރު، އެ މުއްދަތުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ އިތުރުން އެ ކޮމިޝަންގެ އިސް ނެގުމުގައި ވެސް އެފަދަ މައްސަލަތައް ތަހުގީގު ކުރަން ފެށިފައިވާ ކަމަށް އެ ހިތޯބުގައި އެވެ.

"މިއަހަރުގެ މިހާތަނަށް 7،498 މައްސަލައެއް ހުށަހެޅި، 7،341 މައްސަލައެއް ތަހުގީގުކޮށް ނިމިފައިވާއިރު، މައްސަލަތަކުން މުޖްތަމައުގެ ހާލަތާ ބެހޭގޮތުން ފާހަގަ ކުރެވޭ ކަންކަމަށް ދިިރާސާތަކެއް ވެސް ކުރެވިފައިވެ އެވެ." އީނާސްގެ ޚިތާބުގައިވެ އެވެ.

އެ ޚިތާބުގައިވާ ގޮތުން އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އެޗްއާރުސީއެމުން ކުރިއަށް ގެންދިޔަ ދިރާސާތަކަށް ފަހު އިންސާނީ ހައްގުތަކާ މެދު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ އިތުރުން ހުށަހެޅުނު މައްސަލަތަކާއި ދިރާސާތަކަށް ރިއާޔަތްކޮށް، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް މުރާޖާކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ރިޕޯޓު ދެ ފަހަރެއްގެ މަތިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ދެ ފަހަރަށް ފޮނުވުމުގެ އިތުރުން މިނިވަންކަން ގެއްލޭ ގޮތަށް މީހުން ބަންދުގައި ބައިތިއްބާ ތަންތަނަށް ބެލުމަށް 54 ތަނަކަށް ޖުމްލަ 153 ފަހަރަކު އެ ކޮމިޝަނުން ޒިޔާރަތްކުރި ކަމަށް ވެސް އެ ހިތޯބުގައި އީނާސް ވިދާޅުވެފައިވެ އެވެ.

އެ ހިތޯބުގައި އީނާސް ވިދާޅުވެފައިވާ ގޮތުން އެ ކޮމިޝަންގެ އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތްދީ، އެ ކޮމިޝަންގެ ލަނޑުދަނޑިތައް ހާސިލް ކުރުމެވެ. އެގޮތުން އަންނަ އަހަރަކަށް ވެސް އެ ކޮމިޝަނުން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ހިތޯބުގައިވެ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ ގޮތުގައި މިއަދު ފާހަގަ ކުރަނީ އިންސާނީ ހައްގުތަކާ ބައިނަލްއަގްވާމީ ގަރާރު ކަމަށްވާ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އދ. ގެ ޖެނެރަލް އެސެމްބްލީ އިން ފާސް ކޮށްފައިވަނީ އެ ތާރީޚުގައި ކަމަށް ވާތީ އެވެ. އެ ގަރާރު ފާސްކުރިތާ މިއަދަށް 70 އަހަރު ފުރުނީ އެވެ.