Roadha Mihaaru
ހައްގުތައް ކަށަވަރުވާނީ ޒިންމާ އަދާކޮށްގެން: އީނާސް

ހައްގުތައް ކަށަވަރުކުރުމަށް މުޖުތަމައު ޒިންމާ އަދާކުރަން ޖެހޭ: އީނާސް

10 ޑިސެމްބަރ 2019

ހައްގުތައް ކަށަވަރުކުުރެވިފައިވާ މުޖުތަމައުއެއް ބިނާކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް އާމިނަތު އީނާސް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައްގުތައް ކަށަވަރުކުުރެވިފައިވާ މުޖުތަމައުއެއް ބިނާކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް އާމިނަތު އީނާސް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީނާސް ވިދާޅުވީ އަމިއްލަ ނަފްސަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ހައްގުތަކަކީ އެހެން މީހުންނަށް ވެސް ލިބެންޖެހޭ ހައްގުތަކެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ހާއްސަކޮށް އެހެން މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވި އެވެ.

އީނާސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މުޖުތަމައުން މިހާރު ފެންނަނީ އިޖުތިމާއީ ފޭރާމުގެ ކުލަ ބަދަލުވެ، އެ ފޭރާމުގެ ފަށުއިތައް ވީދެމުންދާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

"ފޭރާމުގައި ބާގަނޑުތައް ހެދި އެ ބާގަނޑުތައް ބޮޑެތިވަމުންދާ ތަން. މީހުންގެ ފިކުރާއި ވިސްނުމާއި އަދި މީހުން ކަންކަމުގައި ދެކޭގޮތާ މެދު ފުންކޮށް ވިސްނާލުމުން ސިފަވަނީ މި ކުޑަ މުޖުތަމައުގައި ނޭދެވޭ ފިކުރީ ހަނގުރާމަތަކެއް ކުރަމުންދާތަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީނާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވަން މަސައްކަތްކުރާއިރު ރާއްޖޭގައި އަންހެން ކުދިންތަކެއްގެ ހައްގު ނިގުޅައިގަނެ، އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ މައްސަލަތައް ދަނީ ފެންމަތިވަމުން ކަމަށެވެ. ހައިރާންކުރުވަނިވި ހާދިސާތައް ގިނަވަމުން ދާއިރު، އެކަމުން ދޭހަވަނީ ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވަން ކުރާ މަސައްކަތްތައް އިތުރަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހިފައިވާކަން ކަމަށް ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރަން ގިނަ ގާނޫނުތަކާއި ގަވާއިދުތަކެއް ހެދިފައި ހުއްޓަސް އެފަދަ މައްސަލަތަކަށް ހައްލު ނުހޯދި އިންސާފު ލިބުން ލަސްވެ ނުވަތަ އިންސާފު ނުލިބި ދާތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެގޮތަށް ދިމާވަނީ ހާއްސަ ތަމްރީނު ލިބިފައި ހުރި މީހުން މަދުވުމާއި އެފަދަ ކަންކަމުގައި ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން އެންމެ އެދެވޭ ގޮތުގައި ނުލިބުމުން،" އީނާސް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ކުޑަކުދިންގެ އަދުުލުގެ ގާނޫނުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންނަށް އަމާން މުޖުތަމައުއެއް ހޯދައިދޭން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިދާރާތަކަށް އެކަށީގެންވާ ބަޖެޓެއް ހަމަޖެހިގެން ދިއުމާއި އެ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެ ނަމަ އެ ގޮންޖެހުންތަކުން އަަރައިގަނެވޭނެ ކަމަށެވެ. އޭރުން ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެންމެން ކުރާ މަސައްކަތުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަން ފާހަގަކުރެއްވި އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އިންސާނީ ހައްގެއް ގެއްލިގެން ކަމަށް ބުނެ މިއަހަރުގެ މިހާތަނަށް 467 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 96 މައްސަލައަކީ އެޗްއާރުސީއެމުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލަތަކެވެ. ހުށަހެޅި މައްސަލަތަކުގެ ތެރެއިން 349 މައްސަލައެއް ތަހުގީގުކޮށްފައިވެ އެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ ގައިދީންނާ ގުޅޭ ސިއްހީ، އިދާރީ އަދި ޓޯޗާގެ މައްސަލަތަކެވެ. ހިލޭ ގުޅޭ 1424 އަށް މިިހާތަނަށް 1081 ކޯލް ލިބިފައިވެ އެވެެ.