11 ޑިސެމްބަރ 2017
ކުޑަކުދިންނަށް ލިބޭ އަނިޔާތައް ރިޕޯޓް ކުރުމަށް ލަދުވެތި ވެގެން ނުވާނެ ކަމަށާއި ކަމާބެހޭ ފަރާތްތަކަށް އަވަހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ރޭ ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނަށް ލިބޭ އަނިޔާތައް ރިޕޯޓް ކުރުމަށް ލަދުވެތި ވެގެން ނުވާނެ ކަމަށާއި ކަމާބެހޭ ފަރާތްތަކަށް އަވަހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ރޭ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އީނާސްގެ ފަރާތުން އިއްވި ހާއްސަ މެސެޖްގައި ވިދާޅުވެފައިވަނީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ސިއްހީ ހިދުމަތްތަކާ ގުޅުން ހުރި ކަންކަމުގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ގައިދީންގެ އިތުރުން ކުޑަކުދިންނާއި އާއިލީ މައްސަލަތަކާ ގުޅުން ހުރި ޝަކުވާތައް ކަމަށެވެ.
އިންސާނީ ހައްގު ގެއްލުނު ކަމަށް ބުނެ މިދިޔަ މަހުގެ ނިޔަލަށް 342 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 246 މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށް އީނާސް ވިދާޅުވި އެވެ.
ކުޑަކުދިންނަށް ލިބޭ އަނިޔާތައް ފޮރުވުމުގެ ބަދަލުގައި ލަސްނުކޮށް، ހުށަހެޅުމަށާއި އިންސާނީ ހައްގަކަށް އުނި ކަން ލިބޭ ކޮންމެ މައްސަލައެއް ވެސް ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާ. ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިންސާނީ ހައްގުތަކުގެ ތެރެއިން އެންމެ އަސާސީ އަދި އެންމެ މުހިންމު ހައްގަކީ ދިރިހުރުމުގެ ހައްގު ކަމަށް ވާއިރު އެ ހައްގު ގެއްލުމުގެ މައްސަލަ ބޮޑުވަމުން އަންނަކަން ވެސް އީނާސްގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.
"ރަހުމު ކުޑަ ގޮތަކަށް މަރާލެވިފައިވާ މައިންބަފައިންނާއި ދަރިން، ކޮއްކޮމެންނާއި ބޭބެ ނޫނީ ދައްތަމެންގެ ހަނދާނުގައި ކަރުނަ އޮހިގެންދާ އެތައް ބަޔަކު މި ފަސްގަނޑުގައި އުޅެމުންދާ ކަމީ ހަގީގަތެއް ނޫންތޯ؟" އީނާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޒަމާނުންސުރެ އޮތް އަމާން މާހައުލު ކިލަނބުވަމުން ދާތީ އެކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހެ އެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކުވެރިކަމާއެކު ހިތްފަސޭހަ ދިރިއުޅުމެއް އުޅެމުން އައި ބައެއް ކަމަށާއި އެކަމަކު ޒަމާނަށާއި ވިސްނުމަށާއި ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުގެ ތެރެއިން އެހެން މުޖުތަމައުތަކުން ފެންނަ ނުރަނގަޅު ކަންތައްތައް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެންވެ، މިފަދަ މައްސަލަތައް ދިމާވާ ސަބަބުތަކާއި ހައްލު ކުރާނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީނާސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ ގޮތުން އަންނަ އަހަރު ފޮރެންސިކް ދާއިރާ އިތުރަށް ތަރައްގީ ކުރާނެ އެވެ. އަދި ތަހުގީގު ކުރުމުގެ ހުނަރު އިތުރަށް ކުރިއަރުވަން މުވައްޒަފުންނަށް ތަމްރީނު ދޭނެ ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށްވާތީ އިންތިހާބަށް ހޭލުންތެރިކުރުވުމުގެ ގޮތުން ވޯޓާސް އެޑިއުކޭޝަން ކެމްޕޭނެއް ހިންގުމުގެ އިތުރުން، ވޯޓުލުމުގެ ހައްގު ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު ލިބޭތޯ ޔަގީން ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކޮށް ދިނުމަށް ދުރާލައި ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވަނީ އެޗްއާރުސީއެމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިން 30 ފަރާތެއްގެ އަގު ވަޒަންކޮށް، ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެ ފަރާތްތަކާ ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
ޖަލްސާގައި އެޗްއާރުސީއެމްގެ ރައީސާ އީނާސް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭނާ ވާހަކައެއް ދައްކަވާފައި ނުވާއިރު، އީނާސްގެ މެސެޖް އިއްވަވައި ދެއްވީ އެޗްއާރުސީއެމްގެ މުވައްޒަފެކެވެ.
އީނާސްގެ ބައްޕާފުޅު، އަދި ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ހ. ހަބަރުގޭ ކާނަލް ރިޓަޔާޑް ޝައުކަތު އިބްރާހިމް (ހަބަރު ޝައުކަތު) މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަވަހާރަވެފަ އެވެ.
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
އެޗްއާރުސީއެމްގެ އިހުމާލުތައް ބަލަންޖެހޭ: އެމްއާރުއެމް
ހައްގުތައް ކަށަވަރުވާނީ ޒިންމާ އަދާކޮށްގެން: އީނާސް
އިންސާނީ ހައްގުގެ ދެ މުއާހަދާގައި ވަނީ ސޮއިނުކޮށް
މުއައްސަސާތައް ރަނގަޅަށް މަސައްކަތެއް ނުކުރޭ
"ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރޭ"
"ފަޚުރުވެރި ކާމިޔާބީތައް ހައްގު ހޯދުމުގައި ލިބިއްޖެ"
ހައްގުތައް ހިފަހައްޓައި ރައްޔިތުން ބިކަކޮށްފި: އެމްޑީޕީ
އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު
އަބުރުނަގާލުމުގެ އަމަލުތައް އިތުރުވެއްޖެ: އެޗްއާރުސީއެމް