Roadha Mihaaru
ހައްގުތައް ހިފަހައްޓައި ރައްޔިތުން ބިކަކޮށްފި: އެމްޑީޕީ

ހައްގުތައް މުށުތެރެއަށްލައި ރައްޔިތުން ވަނީ ބިކަކޮށްފައި: އެމްޑީޕީ

10 ޑިސެމްބަރ 2017

ރައްޔިތުން ގުރުބާނީތަކެއްވެގެން ހޯދި ހައްގުތައް މުށުތެރެއަށް ލައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ރައްޔިތުން ބިކަކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުން ގުރުބާނީތަކެއްވެގެން ހޯދި ހައްގުތައް މުށުތެރެއަށް ލައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ރައްޔިތުން ބިކަކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މީހުން މެރުމާއި ނަސްލީ ތަފާތުކުރުމާއި އެއްވެސް މިންވަރަކަށް އިންސާފު ނުލިބުމާއި ވީނުވީއެއް ނޭނގި ޖަލުތަކުގައި މީހުން މަރުވުން އިތުރުވަމުންދާ ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާގެ މިނިވަންކަން ނެތިކޮށްލުމާއި، ދިރިހުރުމުގެ ހައްގު ގެއްލެމުންދާއިރު އެކަންކަން ދިފާއުކުރުމަށް ގާނޫނު އަސާސީން އުފަންކުރުވި މުއައްސަސާތައް ވަނީ ވަކި މީހެއްގެ ވެރިކަން ދިފާއުކުރާ ތަންތަނަށް ބަދަލުވެފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ގައުމެއްގެ ހަގީގީ ރޫހު ފެންނަނީ ދައުލަތުން ރައްޔިތުންނާ، ވަކިން ހާއްސަކޮށް، މައިނޯރިޓީ ގްރޫޕްތަކާ މެދު އަމަލުކުރާ ގޮތްތަކުން ކަމަށްވީއިރު، ތަކުރާރުކޮށް ފެންނަނީ ބިދޭސީންނަށް ކުރާ އަނިޔާތައް އިތުރުވެ، އެމީހުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތުގެ ސިޔާސަތުގެ ތެރެއިން ތަފާތުކުރުން އިތުރުވުމެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި އެ ހައްގުތަކުން ރައްޔިތުން މަހްރޫމްކުރަމުން ގެންދިއުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ފަރާތްތަކުން ކުރަނީ ނާތަހުޒީބީ އަމަލެއް ކަމަށާއި އެކަން ދޫކޮށްލުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިޝާރާތްކޮށް، އެ ބަޔާނުގައި ބުނީ ކުރިމަތީގައި އޮތީ މުހިންމު އަހަރެއް ކަމަށާއި އެއީ ރާއްޖޭގެ ޑިމޮކްރަސީ ނެތިކުރަމުން އަންނަ ސަރުކާރު ބަދަލު ކުރުމަށް އެންމެ ބޮޑު ފުރުސަތެއް ލިބިގެންދާނެ އަހަރު ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސިޔާސީ ހައްގުތައް ހިމާޔަތް ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީން ސާބިތުވެ ތިބޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.