Roadha Mihaaru
ފުލުހުން ހަތިޔާރާއި ބާރު ބޭނުންކުރުމުގެ އުސޫލެއް ނެތް

ފުލުހުން ހަތިޔާރާއި ބާރު ބޭނުން ކުރުމުގައި ގިނަ އުސޫލުތައް ހަދާފައެއް ނެތް: އެޗްއާރުސީއެމް

16 އޮކްޓޯބަރ 2023

ފުލުހުން ހަތިޔާރާއި ބާރު ބޭނުންކުރުމަށް އެކުލަވާލަން ޖެހޭ މުހިންމު ގިނަ އުސޫލުތައް ހަދައި އާންމުކޮށްފައި ނެތް ކަމަށް އެޗުއާރުސީއެމްގެ ޕޮލިސީ ރިވިއުގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުލުހުން ހަތިޔާރާއި ބާރު ބޭނުންކުރުމަށް އެކުލަވާލަން ޖެހޭ މުހިންމު ގިނަ އުސޫލުތައް ހަދައި އާންމުކޮށްފައި ނެތް ކަމަށް އެޗުއާރުސީއެމްގެ ޕޮލިސީ ރިވިއުގައި ބުނެފި އެވެ.

އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ފުލުހުން ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމާ ގުޅޭ ޕޮލިސީ ރިވިއު ރިޕޯޓުގައި ބުނީ ފުލުހުން އަމަލުކުރަމުން އަންނަ ގަވާއިދުތަކުގައި އދ. ގެ އަސާސްތަކަށް ރިޔާއަތް ކޮށްފައިވެ އެވެ.

ނަމަވެސް، އެ ގަވާއިދުތަކުން ބާރު ލިބިގެން، ހަތިޔާރާއި ބާރު ބޭނުންކުރުމަށް ހަތް އުސޫލެއް ހަދަން ޖެހޭއިރު، މިހާތަނަށް އާންމުކޮށްފައި ވަނީ އެންމެ އުސޫލެއް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނީ، ފުލުހުން އެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަފުސީލީ މައުލޫމާތު ހިމެނޭ އޮޕަރޭޝަނަލް މެނުއަލް އާއި ސަލާމަތާއި ރައްކާތެރިކަމާ އެކު، ހަތިޔާރު ގެންގުޅެ ބެލެހެއްޓުމާއި ޑިއުޓީތަކުގައި އުޅޭ ފުލުހުން ހަތިޔާރު އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކުރާ އުސޫލަކީ، ފުލުހުން ހަތިޔާރާއި ބާރުގެ ބޭނުންކުރާއިރު، ޖަވާބުދާރީ ވުމަށާއި ޒިންމާދާރު ގޮތެއްގައި އަމަލު ކުރުމަށް މުހިންމު އުސޫލުތަކެއް ކަމަށެވެ.

އެހެންވެ، ފުލުހުން އަމަލުކުރަމުން އަންނަ ގަވާއިދުތަކުގެ ދަށުން ފުލުހުން ހަތިޔާރާއި ބާރު ބޭނުންކުރުމަށް އެކުލަވާލަން ޖެހޭ އުސޫލުތަކުގެ ތެރެއިން އަދި އާންމުކޮށްފައި ނުވާ ހަ އުސޫލު އެކުލަވާލައި، ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި އާންމުކުރުމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ރިކޮމެންޑުކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ފުލުހުން ހަތިޔާރާއި ބާރު ބޭނުންކުރުމަށް އާންމުކޮށްފައިވާ ހަމައެކަނި އުސޫލަކީ "ކޮންޓަކްޓިވް އެނާޖީ ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު" އެވެ. އާންމު ނުކުރާ ހަ އުސޫލުގެ ތެރެއިން އެއް އުސޫލު ފިޔަވައި އެހެން ހުރިހާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ހުރީ އެކި މަރުހަލާތަކުގަ އެވެ.

އެޗްއާރުސީއެމުން ބުނީ އެ ޕޮލިސީ ރިވިއުގެ މަގުސަދަކީ ފުލުހުން ހަތިޔާރާއި ބާރު ބޭނުންކުރުމާ ގުޅޭ ގޮތުން ފުލުހުން އަމަލުކުރަމުން އަންނަ ގަވާއިދުތަކާއި އުސޫލުތަކަކީ ކޮބައިކަން ދެނެގަނެ، އެއީ އިންސާނީ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުން އަންނަ އުސޫލުތަކެއް ކަމަށް ހެދުމަށް ބާރުއެޅުން ކަމަށެވެ.