Roadha Mihaaru

އިލްމީ ކުރިއެރުމާއި ގާބިލްކަން ހޯދުމަށް އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

މުސްލިމުން އިލްމީ ރޮނގުން ކުރިއެރުން ހޯދައި، ގާބިލުކުރަން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

29 އެޕްރީލް 2025

މުސްލިމުން އިލްމީ ރޮނގުން ކުރިއެރުން ހޯދައި، ގާބިލުކުރަން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް އެގޮތަށް ގޮވާލެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމަށް ފަހު ދެއްވި ތަގުރީރުގަ އެވެ. ރައީސް ދެއްވި ދިގު ތަަގުރީރުގައި އެ މަނިކުފާނު ވަނީ އިސްލާމީ ހަޟާރަތާއި އިލްމާއި ސައިންސާއި ޒަމާނީ ތަރައްގީގެ އެތައް ވާހަކައަކަށް އަލިއަޅުއްވާލައިފަ އެވެ. އެ ހުރިހާ ކަމަކުން އިބުރަތް ލިބިގަނެ، މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

އެ ތަގުރީރު ފައްޓަވަމުން ރައީސް ވަނީ އައިއައިޔޫއެމުން ވަރަށް ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރައްވާފައި ވާތީ، އެކަމާ ވަރަށް އުފާކުރައްވާ ކަމަށާއި އެ ޔުނިވާސިޓީން ދަސްވެނިވި އެތައް ދަރިވަރުންނެއް މިއަދު ރާއްޖެއަށް ހިދުމަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ކުރިއެރުވުމުގައި އައިއައިޔޫމްއެމްގެ ދައުރު ފުޅުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިންޓެލެކްޗުއަލް ރެނަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް އިސްލާމިކް ސިވިލައިޒޭޝަން"ގެ ސުރުހީގެ ދަށުން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އިސްލާމީ ހަޟާރާތުން ކުރިން ހޯދާފައިވާ ކާމިޔާބިތަކަށް އިހުތިރާމުކޮށް، ސައިންޓިފިކް ރޮނގުން މުސްލިމުން އޭރު ހޯދި ކާމިޔާބީތައް އަލުން އާލާކޮށް، ދިރުވޭނެ މަގަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއީ އިސްލާމީ އުއްމަތުގެ ކުރިއެރުމާއި މުސްތަގުބަލަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާމީ ހަޟާރަތަކީ އިލްމާއި ހޯދުންތަކާއި ދުނިޔޭގެ ކުރިއެރުންތައް ހޯދުމުގައި ލާމަސީލު ބައެއްކަން ތާރީހުން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މީލާދީން 8 ވަނަ ގަރުނުން ފެށިގެން 14 ވަނަ ގަރުނަށް ދެމިގެންދިޔަ އިސްލާމީ އުއްމަތުގެ "ރަން ޒަމަނާށް" އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ އިލްމާއި އީޖާދުތަކުގައި މުސްލިމުން އެންމެ ކާމިޔާބު ދުވަސްވަރު ކަމަށެވެ. އިލްމު ހާސިލުކުރުމަކީ އެ ޒަމާނުގައި މުގައްދަސް ވާޖިބެއް ކަމުގައި ބެލެވުނު ކަމަށާއި އޭރު ބިނާކުރި މިސްކިތްތަކާއި ކުތުބުހާނާތަކާއި ހޮސްޕިޓަލުތަކާ ޔުނިވާސިޓީތަކުން އެކަން ޔަގީންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ މުސްލިމުން ސައިންސާއި ފަލްސަފާ އާއި ބޭސްވެރިކަމާއި އިންޖިނިއަރިން އަދި އަހުލާގީ ގޮތުން ވެސް ދުނިޔެ ލީޑުކުރި ޒަމާން. އެއީ ދީނަށް ގަދަރާއި އިހުތިރާމްކުރި ޒަމާން. އަދި އިލްމު އުނގެނުމަށް ބާރުއެޅުމަކީ ހަމައެކަނި ހިތްވަރެއް ކަމަށް ނުދެކި، އެއީ ދީނީ މަތިވެރި ވާޖިބެއް، އަޅުކަމެއް ގޮތުގައި ދެކުނު ޒަމާން. މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމަތީގައި މި ހުރީ އިލްމާއި ދުނިޔޭގެ ހަމަޖެހުމާއި ދުނިޔޭގެ ތަރައްގީގައި އިސްލާމްދީނަކީ ކިހާ މުހިންމު ދައުރެއް އަދާކުރާ ދީނެއްކަން ހަނދާން އާކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިސްލާމްދީނަކީ ހަމައެކަނި އީމާން ކަމުގެ ދީނެއް ނޫނެވެ. އެއީ ފުރިހަމަ އަދި ހަމަހަމަ ދިރިއުޅުމުގެ ނިޒާމެކެވެ.

ޒަމާނީ ކުރިއެރުން ހޯދުމުގައި އަދުގެ ޒުވާނުން ބައިވެރިކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމަށާއި އެކަން ހާސިލްކުރުމަށް ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކާއި ރިސާޗު ސެންޓަރުތައް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކަށް އިންވެސްޓްކުރުމަށް ރައީސް ގޮވާލެއްވި އެވެ.

ސައިންސާއި އީމާންތެރިކަމާ ދެމެދު ފުށުއަރާ ކަމަށް ބުނާ ގޯސް ހިޔާލުތަކާ ދެކޮޅު ހައްދަވައި ރައީސް ވިދާޅުވީ ދުނިޔޭގެ ކުރިއެރުމުގައި އެ ދެކަންތައް ވެސް ވަނީ ގުޅިލާމެހިފައި ކަމަށެވެ.

މުސްލިމު ގައުމުތައް ގުޅިގެން ރިސާޗު ހަބްތައް ހެދުމަށާއި އީޖާދީ ވިސްނުންތައް ތަރައްގީކޮށް، މައުލޫމާތު ބަދަލުކުރުމަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. ސައިންސާއި ދެމެހެއްޓެނިވި ތަރައްގީ އަދި އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށް ކުރާ މަސައްކަތް ފުޅާކުރުމަށް އިސްލާމީ އެއްބައިވަންތަކަމުގެ ޖަމިއްޔާ އޯއައިސީ އަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ރައީސްގެ ތަގުރީރުގައި ވަނީ އިސްލާމީ އުއްމަތް މި ވަގުތު ތަހައްމަލުކުރަމުންދާ ހިތްދަތި ކަންތައްތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އަދި އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.