Roadha Mihaaru

އައިއައިޔޫއެމުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.

އައިއައިޔޫއެމުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓުކަން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 އެޕްރީލް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.

މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސަށް އަރުވާފައި ވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް އެވެ. އެ ޝަރަފު ރައީސަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާ އެވެ.

މިއީ އިސްލާމީ އުސޫލުތައް ހިފެހެއްޓުމާއި ގަވަނަންސްގެ ދާއިރާގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތްފުޅު ފާހަގަ ކުރެއްވުމުގެ ގޮތުން އެ ޔުނިވާސިޓީން އެރުވި ޝަރަފެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަށް މި ޝަރަފު އެރުވުމުގެ ފުރުސަތު ލިބުމަކީ ޔުނިވާސިޓީއަށް ލިބުނު ޝަރަފެކެވެ.

އެ ޔުނިވާސިޓީގައި 1990 ވަނަ އަހަރުން ފެށިގެން ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 380 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މި ޔުނިވާސިޓީން ދަސްވެނިވެފައިވެ އެވެ. އޭގެ ތެރޭގައި ޑިގްރީ ކޯސްތަކާއި މާސްޓާސް އަދި ޑޮކްޓަރަލް ލެވެލްއަށް ކިޔަވާފައިވާ ދަރިވަރުން ހިމެނޭ ކަމަށް ޔުނިވާސިޓީން ބުންޏެވެ.

ރައީސް މުއިއްޒަށް އައިއައިޔޫއެމްގެ ފަރާތުން ޑޮކްޓަރޭޓްކަމުގެ ލަގަބު އެރުވުމާ ގުޅިގެން އެ މަނިކުފާނު އެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒަށް އައިއައިޔޫއެމްގެ ފަރާތުން ޑޮކްޓަރޭޓްކަމުގެ ލަގަބު އެރުވުމާ ގުޅިގެން އެ މަނިކުފާނު އެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އައިއައިޔޫއެމުން ކިޔެވި ދަރިވަރުން އަންނަނީ ގާނޫނީ ދާއިރާ އާއި ނޫސްވެރިކަމާއި ތައުލީމީ ދާއިރާ އާއި ފިނޭންސް އަދި އިސްލާމީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުން ކަމަށް ޔުނިވާސިޓީން ބުންޏެެވެ.

އެ ޔުނިވާސިޓީން އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވި ދިވެއްސަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ވެސް އައިއައިޔޫއެމުން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅުންނެވެ.

މީގެ ކުރިން ވެސް އެ ޔުނިވާސިޓީން ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުންނަށް އެކި ދާއިރާތަކުން ޝަރަފު އަރުވައިފަ އެވެ.

ރައީސް މުއިއްޒަށް އައިއައިޔޫއެމްގެ ފަރާތުން ޑޮކްޓަރޭޓްކަމުގެ ލަގަބު އެރުވުމަށް މިއަދު ބޭއްވި ހަފުލާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒަށް އައިއައިޔޫއެމްގެ ފަރާތުން ޑޮކްޓަރޭޓްކަމުގެ ލަގަބު އެރުވުމަށް މިއަދު ބޭއްވި ހަފުލާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރައީސަކަށް އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓުކަން އެރުވިއިރު މި ޔުނިވާސިޓީން ކިޔެވި މަޝްހޫރު ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގައި ވެސް މެލޭޝިއާގެ އައިއައިޔޫއެމްގެ ދައުރު ބޮޑެވެ. އެތަނުގެ ކިޔަވައިދިނުމުގެ މިންގަނޑުތައް ހެދުމުގައި ވެސް އެ ޔުނިވާސިޓީގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.