Roadha Mihaaru
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!

09 ފެބުރުއަރީ 2023

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނިންމާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނިންމާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ދުވަހެއް މިހާރު ކަނޑައަޅާފައިވޭތޯ ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ އެކަމަށް ތާރީހެއް އަދި ނެތް ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ސައުދީ ސަރުކާރުން ދިން އެހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި އެ މިސްކިތް މި ސަރުކާރުން ހުޅުވީ ވެސް އެތަން ނުހުޅުވައިގެން އާންމުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވި ފަހުންނެވެ. ކޮންމެ އަހަރެއްގެ ރޯދަމަހަށް ހުޅުވަން ތައްޔާރުވަމުން ގޮސް، އެ މިސްކިތް އެންމެ ފަހުން އާންމުންނަށް ހުޅުވާލީ މިދިޔަ އަހަރު ރޯދަމަހުގެ ފުރަތަމަ ހުކުރުގަ އެވެ.

ސަލްމާން މިސްކިތް: އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނެނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަލްމާން މިސްކިތް: އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނެނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މިސްކިތް ރަސްމީކޮށް ނުހުޅުވި އަންނަ މަހު މި އަހަރުގެ ރޯދަމަސް ފެށޭއިރު، މިސްކިތުގެ ނަން ބޯޑު ވެސް އަދިވެސް ހުރީ ސަތަރި އަޅައި ފޮރުވައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ މަހުގެ 23 އިގަ އެވެ.

މި ފަހުން ސަލްމާން މިސްކިތުގެ އޭސީތަކަށް މައްސަލަ ޖެހިގެން ތުރުކީން ބަޔަކު ގެނެސްގެން އެ އެއްޗެހި ވެސް މަރާމާތުކުރި އެވެ. އެކަމަކު، އޭސީތައް އަދިވެސް ރަނގަޅެއް ނުވެ އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވަން ސައުދީގެ ވަފުދެއް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށިޔަސް އަދިވެސް އެ މިސްކިތުގެ އެހެން ބައިތައް ބޭނުމެއް ނުކުރެ އެވެ. މިނިސްޓްރީން ކުރިން ބުނީ މިސްކިތުގެ އެހެން ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ބަޔަށް ބޭނުންވާ އެއްޗެހި ނުލިބޭ ކަމަށެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވާނީ އެ ހުރިހާ އެއްޗެއް ހަމަވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ.