Roadha Mihaaru
ސަލްމާން މިސްކިތް ނުހުޅުވަނީ ސައުދީން ތާރީހެއް ނުދޭތީ

ސަލްމާން މިސްކިތް ނުހުޅުވަނީ ސައުދީން ތާރީހެއް ނުދޭތީ: މިނިސްޓަރު

13 ފެބުރުއަރީ 2023

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވާ ހުރީ ސައުދީ ސަރުކާރުން ތާރީހެއް ނުދޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވާ ހުރީ ސައުދީ ސަރުކާރުން ތާރީހެއް ނުދޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީގެ އެހީގައި އިމާރާތް ކުރި ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ރޯދަ މަހު ބޭނުން ކުރަން ފެށީ ވެސް އެ ތަން ނުހުޅުވައިގެން އާންމުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވި ފަހުންނެވެ.

ނަމަވެސް އެ މިސްކިތް ރަސްމީކޮށް ނުހުޅުވައި އަދިވެސް ހުރީ މިސްކިތުގެ ނަން ބޯޑު ސަތަރި އަޅައި ފޮރުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) މިއަދު އެކަމާ ގުޅޭ ގޮތުން މަޖިލިހުގައި ސުވާލު ކުރެއްވުމުން ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުމާ ގުޅޭ ގޮތުން ކޮވިޑް-19 ފެތުރުމުގެ ކުރިން ސައުދީ ސަރުކާރާއެކު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެން ހުޅުވުމަށްޓަކައި މަޝްވަރާ ކުރައްވައި، ތައްޔާރީތަކެއް ވި ކަމަށާއި ވަކި ދުވަހެއް ކަނޑައެޅުމަށް ފަހު، ރާއްޖެ އަށް އަންގާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ޒާހިރު ވިދާޅުވި އެވެ.

"އަދި އެއްވެސް ޑޭޓެއް ނުއެއް ލިބޭ ކޮން އިރެއް ކަމެއް ހުޅުވޭނީ،" ޒާހިރު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން އިމާރާތް ކުރި ސަލްމާން މިސްކިތް ހުޅުވި ފަހުން އެ މިސްކިތާ ގުޅޭ ތަފާތު އެހެން ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ އެވެ.

އެއް ކަމަކީ މިސްކިތުގެ އޭސީ އަބަދުވެސް ހަލާކުވެފައި ހުންނަ މައްސަލަ އެވެ. އެކަމާ ގުޅޭ ގޮތުން މެންބަރަކު ސުވާލު ކުރުމުން ޒާހިރު ވިދާޅުވީ އޭސީގެ މައްސަލަ އަބަދު ދިމާވަނީ އެ މިސްކިތް ހުންނަ ތަނުގެ ސަބަބުން ލޮނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދަބަރަށްވެ ހަލާކު ވެގެން ކަމަށެވެ.

މިވަގުތު އަނެއްކާވެސް އޭސީތައް މަރާމާތު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.