Roadha Mihaaru
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް

އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް

28 އެޕްރީލް 2021

ޒިކުރާ މިސްކިތް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކުރާ މިސްކިތް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެކަމަކު މައްސަލަ ބަލައިގަނެފައިވާ ކަމެއް އަދި ނޭނގެ އެވެ.

"ދާރުލް ޒިކްރާ" ގެ ނަމުގައި 10 ބުރިއަށް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ ކަމަށް ވާއިރު އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން އޭރުގެ ސަރުކާރުން ނިންމި އެވެ.

މަޝްރޫއު ހަވާލުކުރިތާ އަހަރެއްވާން ކައިރިވިއިރު ވެސް އިމާރާތުގެ އަމަލީ މަސައްކަތެއް ނުފެށުނެވެ. އެންމެ ފަހުން އެއްބަސްވުން ބާތިލްކުރިއިރު އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އޮތީ ދީފަ އެވެ. އޭރު އެ ކުންފުންޏަށް ކުރެވުނީ ޒިކުރާ މިސްކިތުގެ ބާ އިމާރާތް ތަޅައިލުމުގެ މަސައްކަތެވެ. އިމާރާތުގެ ރަޖިސްޓަރީ ނެތުމުން މަޝްރޫއު ކުރިއަށް ގެންދަން ގޮންޖެހުންތަކާ ކުރިމަތިވިކަން އެނގިފައި ވެ އެވެ.

އެ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން 111 މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމްކުރީ ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ އިން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށެވެ. އެއާއެކު އެއްބަސްވުން ބާތިލްކުރަން އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ އޮތް ހިސާބެއް އަދި ސާފެއް ނުވެ އެވެ.