Roadha Mihaaru
އެސްޖޭއަށް 111 މިލިއަނުގެ ބަދަލު ދޭކަށް ނުޖެހުނު

އެސްޖޭ ކޮންސްޓްރަކްޝަނަށް 111 މިލިއަން ރުފިޔާގެ ބަދަލު ދޭން ނުޖެހޭ ކަމަށް ހުކުމްކޮށްފި

13 ޖެނުއަރީ 2021

ޒިކްރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެސްޖޭ ކޮންސްޓްރަކްޝަނުން އެދުނު 111 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކްރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެސްޖޭ ކޮންސްޓްރަކްޝަނުން އެދުނު 111 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް އެ މިސްކިތް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖުލައި، 9، 2018 ގަ އެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތުގައި އެސްޖޭއިން ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާތީ ކަމަށް ބުނެ އެ އެއްބަސްވުން ވަނީ މި ސަރުކާރުން ބާތިލްކޮށްފަ އެވެ.

އެހެންވެ، އެއްބަސްވުން އުވާލަން ނިންމައި އެސްޖޭއަށް ފޮނުވި ނޯޓިސް ބާތިލްކުރުމަށާއި އެއްބަސްވުން އުވާލަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް ނުވަތަ އެއްބަސްވުން ބާތިލްކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ހުރިހާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އޭޕްރީލް 30، 2019 ގައި ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލަ ބެއްލެވުމަށްފަހު ގާޒީ ފައްޔާޒު ޝާތިރު ކުރެއްވި ހުކުމުގައި ވަނީ، އިސްލާމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ އިން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށެވެ. އެއާ އެކު އެއްބަސްވުން ބާތިލްކުރަން އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނޯޓިސް ފޮނުވައި އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ 10:55 އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިނުވާތީ އާއި އަދި މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައި، ހުކުމްކޮށްފީމެވެ،" ހުކުމުގައި ވެ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އެއްބަސްވުން ބާތިލްކުރިއިރު އިކުއިޓީގެ ގޮތުގައި ކުރީގެ ސަރުކާރުން އޮތީ 30 މިލިއަން ރުފިޔާ ވެސް އެ ކުންފުންޏަށް ދީފަ އެވެ.

އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ 2019 ވަނަ އަހަރު، ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށެވެ. ނަމަވެސް އެސްޖޭ އަތުން މަސައްކަތް އަތުލިއިރު، މިސްކިތުގެ އެއްބައި ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.