Roadha Mihaaru
އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ރައްޔިތުން ހަނދަށް؟!

އިންޑިއާގެ ކެންޑިޑޭޓެއްގެ މެނިފެސްޓޯގައި ރައްޔިތުން ހަނދަށް ގެންދިއުމާއި ގޭގެ އަށް ކާރާއި ފޯނު

28 މާޗް 2021

އިންޑިއާގެ ޓަމިލް ނާޑޫގައި އަންނަ މަހު ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ މެނިފެސްޓޯ އަށް އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓަމިލް ނާޑޫގައި އަންނަ މަހު ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ މެނިފެސްޓޯ އަށް އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެ އެވެ.

އޭނާ އަށް އެސެބްލީ އިލެކްޝަން ކާމިޔާބުވެއްޖެ ނަމަ އެންމެ ބޮޑު ވައުދަކީ "ރައްޔިތުން ޗުއްޓީ އަށް ހަނދަށް" ގެންދިއުމެވެ.

ދެކުނު މަދުރާއީ އަށް ވާދަކުރާ ތުލަމް ސަރުވަނަން، 34، ބުނި ގޮތުގައި އޭނާ އަކީ ވައުދު ފުއްދާނެ، ރައްޔިތުން ބޭނުންވާނެ ކަހަލަ ކެންޑިޑޭޓެކެވެ. އެހެންވެ މުސްތަގުބަލު އުޖާލާކުރަން ބޭނުން ނަމަ ވޯޓް ދީ، އިންތިހާބުކޮށް ކާމުޔާބުކޮށްދޭން އެދިފައިވެ އެވެ. ސަރުވަނަންގެ މެނިފެސްޓޯގައި "ރައްޔިތުން ހަނދަށް ގެންދިއުމު" ގެ އިތުރުން އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުން ވެސް ސިއްސުވައިލި ބޮޑެތި ގިނަ ވައުދުތަކެއް ހިމެނެ އެވެ.

އޭގެ ތެރެގައި އޭނާ ވާދަކުރާ ދާއިރާގެ ކޮންމެ ގޭބިސީއަކަށް އައިފޯނަކާއި ކާރަކާއި ހެލިކޮޕްޓަރަކާއި ރޮބޮޓާއި ސްވިމިން ޕޫލެއް ހިމެނޭ ތިން ބުރީގެ ގެއަކާއި ދާއިރާގެ ކޮންމެ ޒުވާނަކަށް އެއް ކްރޯޑް ރުޕީސްގެ އިތުރުން ކޮންމެ ރައްތިޔަކަށް 100 ދުވަހުގެ ހަނދުގެ ޗުއްޓީ ދަތުރެއް ދޭނެ އެެވެ.

ސަރުވަނަންގެ އިތުރު ވައުދުތަކުގެ ތެރޭގައި އޭނާ ވާދަކުރާ ދާއިރާގައި ސްޕޭސް ރިސާޗް ސެންޓަރަކާއި ރޮކެޓް ލޯންޗްކުރަން ހާއްސަ ސައިޓަކާއި ހޫނު މޫސުމުގެ ހޫނުން ރައްޔިތުން ރައްކާތެރިކަން ހޯދަން 300 ފޫޓްގެ އާޓިފިޝަލް އައިސްބާގެއް ހެދުން ވެސް ހިމެނެ އެވެ.

އޭނާ ބުނިގޮތުގައި އިންތިހާބަށް ވާދަކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅޫކޮށްދީ އެ މީހުން ތަނަވަސް ފުދޭ ބަޔަކަށް ހަދައި ދިނުމުގެ ނިޔަތުގަ އެވެ. އެކަމަކު އިންތިހާބުތަކުގައި ވާދަކުރާ ގިނަ މީހުންނަކީ އިންތިހާބަކީ ކޯއްޗެއްކަން ވެސް ނޭނގޭ ބައެއް ކަމަށް ބުންޏެވެ.

"އެކަން ދަސްކޮށްދޭން އަހަރެން މި ނުކުންނަކީ. ސިޔާސީ މަސައްކަތަކަކީ ރައްޔިތުންގެ ހުރިހާ މުހުދާތުތައް ފުއްދައިދީ އެ މީހުން ފުދުންތެރި ބަޔަކަށް ހެދުން. އެހެންވީމަ މި ފަހަރުގެ އިންތިހާބު ކާމިޔާބުކޮށް ސިޔާސީ މަސައްކަތްކުރާނެ ގޮތް އަހަރެން ސިޔާސީ މީހުންނަށް ދައްކައިދޭނަން،" ސަރުވަނަން ބުންޏެވެ. "އިންތިހާބަކީ ރައްޔިތުންނަށް އޮތް ކިހާ ބޮޑު ބާރެއްކަން ރައްޔިތުންނަށް ވަޒަންކުރެވޭ ނަމަ ސިޔާސީ މީހުން ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ. އަދި އެ މީހުން ދެކެ ބިރުންނެއް ވެސް ނޫޅޭނެ. އެހެންވީމަ އަހަރެން މި ނުކުންނަނީ ބަދަލަކަށް."

އޭނާ ބުނިގޮތުގައި ފާއިތުވި ބައި ގަރުނުގެ ތެރޭގައި ތަމިލް ނާޑޫ ސްޓޭޓްގައި ނުފޫޒު ގަދަ ސިޔާސީ ޕާޓީތަކުން ސިޔާސީ ކުޅި ކުޅުނު ނަމަވެސް ރައްޔިތުން އެދޭ ވަރުގެ ބަދަލުތަކެއް ތަރައްގީތަކެއް ގެނެސްދެވިފައެއް ނުވެ އެވެ. އެހެންވެ މި ފަހަރު ދެކުނު މަދުރާއީގެ ރައްޔިތުން މިނިވަން ކެންޑިޓަށް ވޯޓްދޭން އިލްތިމާސްކޮށްފައިވެ އެވެ.

"އަހަރެން މި ނުކުތީ ކުރިން އެއްވެސް ސަރުކާރުކަން ނުކޮށްދޭ ކަންކަން ރައްޔިތުންނަށް ކޮށްދޭން." ސަރުވަނަން ބުންޏެވެ.

އޭނާގެ މެނިފެސްޓޯ އަށް އިދިކޮޅު ކެންޑިޑޭޓުންނާއި ސަޕޯޓަރުން ޖޯކް ޖަހަމުންދާ އިރު، ސަރުވަނަންގެ ވައުދުތައް ހަގީގަތަކަކަށް ހެދުމަށްޓަކައި ވޯޓްދޭން ގޮވާލައި ޓްވިޓާގައި ބައެއް މީހުން އަންނަނީ ވަރަށް ގަދައަށް ކެމްޕޭން ވެސް ކުރަމުންނެވެ. އެކަމަށް ބޭނުންކުރާ ހޭޝްޓެގަކީ "ވޯޓް4އޮނެސްޓީ" އެވެ.