25 ޖެނުއަރީ 2018
ހަގީގީ ލޯބީގެ އަސަރު ގަދަ ވާހަކަތަކާއި ބައެއް ލޯބިވެރިން ދުނިޔެއިން ނެތިދާ ހިތާމަވެރި އަދި އަނިޔާވެރި ހަދިސާތަކުގެ އަޑު އިންޑިއާގައި އަބަދުވެސް މި އޮންނަނީ ގަދަވެފަ އެވެ. ހިންދޫންގެ މެދުގައި އޮންނަ ހަސަބު ދަރަޖަކުރުމުގެ ޒަމާންވީ އާދަތަކާ ހެދި ލޯބިވެރިންގެ ހަޔާތުގައި ލިޔަން ޖެހޭ ކަޅު ސަފުހާތައް ގިނަ އެވެ. މާޗް 2016 ގައި އިންޑިޔާގެ ޓެމިލް ނާޑޫ ސްޓޭޓްގެ އަވަށެއްގައި ހިނގީ އެފަދަ ހާދިސާއެކެވެ.
ހަގީގީ ލޯބީގެ އަސަރު ގަދަ ވާހަކަތަކާއި ބައެއް ލޯބިވެރިން ދުނިޔެއިން ނެތިދާ ހިތާމަވެރި އަދި އަނިޔާވެރި ހަދިސާތަކުގެ އަޑު އިންޑިއާގައި އަބަދުވެސް މި އޮންނަނީ ގަދަވެފަ އެވެ. ހިންދޫންގެ މެދުގައި އޮންނަ ހަސަބު ދަރަޖަކުރުމުގެ ޒަމާންވީ އާދަތަކާ ހެދި ލޯބިވެރިންގެ ހަޔާތުގައި ލިޔަން ޖެހޭ ކަޅު ސަފުހާތައް ގިނަ އެވެ. މާޗް 2016 ގައި އިންޑިޔާގެ ޓެމިލް ނާޑޫ ސްޓޭޓްގެ އަވަށެއްގައި ހިނގީ އެފަދަ ހާދިސާއެކެވެ.
މިއީ ޝަންކަރް އާއި އޭނާގެ އަންހެނުން ކައުސަލިޔާގެ ވާހަކަ އެވެ.
ކައުސަލިޔާ، 18، އާއި ޝަންކަރް، 22، ފުރަތަމަ ބައްދަލުވީ ކޮލެޖާ އަލަށް ގުޅުނު ދަރިވަރުން ތައާރަފްކުރަން ބޭއްވި ހަފުލާއެއްގަ އެވެ. އިންޖިނިއަރިންގެ ރޮނގުން ކިޔަވަމުން އައި ޝަންކަރް ގޮސް ކައުސަލިޔާ ކައިރިއަށް ހުއްޓި ފުރަތަމަ ވެސް ކުރި ސުވާލަކީ "ލޯބިވެރިޔަކު ހުރޭ ހެއްޔެވެ؟" މި އެވެ.
ނުދަންނަ މީހަކު އެ ސުވާލުކުރުމުން ކައުސަލިޔާ ހައިރާންވެ ލަދުގަތެވެ. އޭނާ ޖަވާބެއް ނުދެ އެވެ.
އަނެއް ދުވަހު ވެސް ޝަންކަރް ހަމަ އެ ސުވާލުކުރި އެވެ. ދެން ބުނީ ކައުސަލިޔާ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެފަހަރު ވެސް ކައުސަލިޔާ އަވަހަށް އެތަނުން ދިޔައީ އެވެ.
ތިން ވަނަ ދުވަހު ޝަންކަރް އައުމުން ކައުސަލިޔާ ބުނީ "އެހެން އަންހެން ކުއްޖެއްގެ ފަހަތުން ދިއުމަށެ"ވެ.
ކައުސަލިޔާ އަކީ މަތީ ކާސްޓް ނުވަތަ ހަސަބަށް ނިސްބަތްވާ އަންހެނެކެވެ. އެކަމަކު ޝަންކަރަކީ އެންމެ ދަށް ކާސްޓްގެ މީހެކެވެ. އެމީހުން އެކުގައި ބޭރުން ފެނުނަސް އެއީ ކޮން ދަރަޖައެއްގެ އާއިލާއެއްގެ ބައެއްކަން އެނގެ އެވެ. އެހެންކަމުން ދެ ޒުވާނުން ލޯބިވިޔަސް ދެން ކުރިމަތިވާން އޮންނާނީ ފަސޭހަ މަގެއް ނޫނެވެ.
ޝަންކަރް އޭނާގެ ފަހަތަކުން ނުނެއްޓި އެވެ. އެންމެ ފަހުން މަޑުމަޑުން ކައުސަލިޔާގެ ހިތް ވެސް ޝަންކަރަށް އެނބުރެން ފެށި އެވެ. ނަތީޖާއަކީ ދެ މީހުންގެ ލޯބި އުތުރިއެރުމެވެ.
ކައުސަލިޔާ: އޭނާ މިހާރު މަސައްކަތްކުރަނީ ހޭލުންތެރިކަން އުފައްދަން
ޝަންކަރް ދިރިއުޅެމުން އައީ އާއިލާއާ އެކު ވަރަށް ކުޑަ ޖިފުޓިއެއްގަ އެވެ. ހަސަބާއި ނަސަބުގެ ގޮތުން ކައުސަލިޔާއާ އެއްވަރުނުވުމުން ދެ ޒުވާނުންނަށް އުޅެން ޖެހުނީ ލޯބި ސިއްރުކޮށްގެންނެވެ.
ދެ މީހުން ބައްދަލުކޮށް ވާހަކަދައްކާ ހެދުން ދައްޗެވެ. ފޯނުން ވެސް ވާހަކައެއް ނުދެއްކެ އެވެ. އެހެންވެ ވަޓްސްއަޕް މެސެޖުން ގުޅުން ދެމެހެއްޓި އެވެ.
ޝަންކަރްއާ ބައްދަލުކުރާނެ ބަހަނާއެއް ހޯދުމުގެ ގޮތުން ކައުސަލިޔާ ޖަޕާން ބަސް ދަސްކުރާ ކޯހެއްގައި ބައިވެރިވި އެވެ. ދެ ލޯބިވެރިންނަށް ބައްދަލުކުރަން ފުރުސަތު ލިބެނީ އެ ކްލާހަށް ދާން ކުރާ ބަސް ދަތުރުގަ އެވެ. ނަމަވެސް އެގޮތަށް ވެސް މާ ގިނަ ދުވަހެއް ނުލިބުނެވެ. އެ ދެ މީހުން މާ ގިނައިން ވާހަކަ ދައްކަން ތިބޭ ތަން ފެނިގެން ކައުސަލިޔާ މަންމަ ކައިރީ އެ ސިއްރު ބުނީ ބަސް ޑްރައިވަރެވެ.
އެދުވަހު ކައުސަލިޔާގެ މައިންބަފައިން އޭނާގެ ފޯނު އަތުލާފައި ޝަންކަރާ ގުޅި އެވެ. އަދި ކައުސަލިޔާއާ ކައިރިނުވާން އިންޒާރު ދިނެވެ.
މައިންބަފައިން އޭނާ ގާތު ބުނީ ޝަންކަރު އުޅެނީ އޭނާ ނަހަލާލަށް ބަލިވެބައިންދާފައި ދޫކޮށްލަން ކަމަށެވެ. އަދި ކޮލެޖަށް ދިއުން ވެސް ކައުސަލިޔާއަށް މަނާކުރި އެވެ.
އެރޭ ހަަތަރުދަމު ކައުސަލިޔާ އޮތީ ރޯށެވެ. ހެނދުނު ހޭލައިގެން ބެލިއިރު ގޭގައި އެއްވެސް މީހަކު ނޫޅެ އެވެ. ފޯނު ވެސް ވަރަށް ފަސޭހައިން ފެނުނެވެ. ވަގުތުން ޝަންކަރަށް ގުޅި އެވެ. އަދި ޝަންކަރްގެ ރޭވުމަކީ އޭނާ ބަލިވެ ބައިންދާފައި ފިލަންތޯ ސުވާލުކުރި އެވެ.
"އެގޮތަށް އިހުސާސްވަންޏާ ހިނގާ ދެ މީހުން މިހާރު ވެސް ފިލަން، އަދި ކައިވެނިކޮށްގެން އުޅެން" ކަމަށް ޝަންކަރު ބުންޏެވެ.
ކައުސަލިޔާ އެއްބަސްވި އެވެ. ދަބަހަކަށް ސާމާނު އަޅައިގެން ޝަންކަރް ކައިރިއަށް ގޮސް އަނެއް ދުވަހު ފައްޅިއެއްގައި ކައިވެނި ކުރީ އެވެ. އަދި ތަފާތު ދެ ނަސަބަކަށް ނިސްބަތްވާ ބަޔަކަށް ވާތީ ފުލުސް އޮފީހަށް ގޮސް ހިމާޔަތް ހޯދި އެވެ.
ޝަންކަރްގެ ފޯނުގައި އޮތް ދެ ލޯބިވެރިންގެ ރީތި ފޮޓޯއެއް
ޓެމިލްނާޑޫގައި ނަސަބުގެ ތަފާތުކުރުންތަކުގެ ރުޅިވެރިކަމުގައި މިދިއަ އަހަރު އެކަނި ވެސް 1،700 އަށް ވުރެ މައްސަލަ ހުށަހެޅި އެވެ.
ކައިވެންޏަށް ފަހު ކައުސަލިޔާ ހޭދަކުރި އަށް މަސް ދުވަހަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށް އޭނާ ބުންޏެވެ. ޝަންކަރްގެ އާއިލާއާ އެކު ކުޑަ ޖިފުޓީއެއްގައި އުޅެން ޖެހުނަސް އޭނާ ހުންނަނީ އުފަލުންނެވެ. ސޭލްސް ގާލެއްގެ ވަޒީފާގައި މަހަކު 5،000 ރުޕީސްގެ އާމްދަނީއެއް ހޯދި އެވެ.
އެކަމަކު ކައުސަލިިޔާގެ މައިންބަފައިން ތިބީ ދޫކޮށްލައިގެންނެއް ނޫނެވެ. އެވެ. އެމީހުންގެ ދަރިފުޅު ކިޑްނެޕްކޮށްގެން ގެންގޮސް ގަދަކަމުން ކައިވެނިކުރީ ކަމަށް ބުނެ ޕޮލިިހަށް ވެސް މައްސަލަ ވެއްދި އެވެ. ނަމަވެސް އެއްވެސް ގޮތަކުން ދެ ލޯބިވެރިން ދުރުކުރެވޭ ގޮތް ނުވި އެވެ. އެންމެ ފަހުން ކައުސަލިޔާ ދޫކޮށްލާ މަތިން ޝަންކަރަށް އެއް މިލިއަން ރުޕީސް ވެސް ހުށަހެޅި އެވެ. އޭނާ އެކަން ވެސް ގަބޫލެއް ނުކުރި އެވެ.
ކައުސަލިޔާގެ މައިންބަފައިން އޭނާ އަށާއި ޝަންކަރްގެ އާއިލާއަށް އިންޒާރު ދޭން އެ ޖިފްޓިއަށް ޒިޔާރަތްކުރި އެވެ. އެމީހުން އެނބުރި ދިޔައީ "ކޮންމެ ކަމެއް ދިމާވިޔަސް ޒިންމާ ނޫފުލާނެ ކަމަށް" ބުނެފަ އެވެ.
ފިރިމީހާ ޝަންކަރްގެ މާމައާ އެކު ކައުސަލިޔާ
ޝަންކަރްގެ ކޮލެޖުގައި އޮތް ހަފުލާއަކަށް ލާނެ ގަމީހެއް ގަންނަން ދެމަފިރިން ބަހުގައި ދިޔަ އެވެ. އެއީ އެންމެ އަވި ވެސް ބާރު ވަގުތެވެ. ކައުސަލިޔާ އަށް ރީތިވީ ފިޔާތޮށި ކުލައިގެ ގަމީހެކެވެ. އެ ގަނެގެން ނުކުންނަނިކޮށް ފެހި ކުލައިގެ ގަމީހެއް ޝަންކަރަށް ފެނުނެވެ. އެ ގަމީސް މާ ރީތިކަމަށް ބުނެ އަލުން ފިހާރައަށް ވަދެ ބަދަލުކުރުވީ އެވެ.
ސައިކަލްގައި އައި ބަޔަކު ވަޅިން އެ މީހުންނަށް ހަމަލާދިނީ އެނބުރި ގެއަށް ދާން ބަހަށް އަރަންވެގެން މަގު ހުރަސް ކުރަން އުޅެނިކޮށެވެ. އެންމެ 36 ސިކުންތުގެ ތެރޭގައި، އާންމުންގެ ކުރިމަތީގައި، ދެ ލޯބިވެރިންގެ ހަށިގަނޑަށް އެތައް ހަމަލާއެއް ފޮނުވާލި އެވެ.
އެމްބިއުލަންސްގައި އެމީހުން ގެންދިޔައީ 60 ކިލޯމީޓަރު ދުރުގައި ހުރި ހޮސްޕިޓަލަކަށެވެ. ކައުސަލިޔާގެ ޒަޚަމްތަކުން އޭނާގެ މޫނުމައްޗަށް އަނދިރިވާން ފެށި އެވެ. ޝަންކަރް އޮތީ ހަރަކާތެއް ނެތި އެވެ.
"ތިމަންނަގެ އަތްމަތީގައި ބޯ އަޅާލައިގެން އޮންނާށޭ" ޝަންކަރް، ވަރަށް ހާލުން، ބުންޏެވެ. ފިރިމީހާގެ ކައިރިއަށް ޖެހިލާ، ކައުސަލިޔާ އޮށޯތެވެ. އެމްބިއުލަންސް ހޮސްޕިޓަލަށް ވަންއިރު ޝަންކަރް ފަހު ނޭވާ ދޫކޮށްފި އެވެ.
އޭނާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ހަށިގަނޑުގެ 34 ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ.
ކައުސަލިޔާ 20 ދުވަހު ހޮސްޕިޓަލުގައި އޮތެވެ.
އެމީހުންނަށް ދިން ހަމަލާގެ ފަހަތުގައި ތިބީ އޭނާގެ މައިންބަފައިން ކަމަށް ކައުސަލިޔާ ފުލުހުން ކައިރީ ބުންޏެވެ. ފުލުހުންގެ ތަހުގީގުން އެނގުނީ ކައުސަލިޔާ އާއި ޝަންކަރަށް ހަމަލާދޭން ފޮނުވި ފަސް މީހުންނަށް ކައުސަލިޔާގެ މައިންބަފައިން 50،000 ރުޕީސް ދިންކަމެވެ. އެކަން ކުރީ "ދަށް ހަސަބުގެ ފިރިހެނެއް ދެކެ ލޯބިވުމުގެ ނަތީޖާ އަކީ ކޮބައިކަން އާންމުންނަށް އަންގަން" ކަމަށް، ތަހުގީގުގައި ކައުސަލިޔާގެ ބައްޕަ ބުންޏެވެ.
ޝަންކަރް މަރާލިތަން ދުށް 120 މީހުން ހެކިންގެ ގޮތުގައި ތިއްބެވެ. މިދިޔަ ޑިސެމްބަރު މަހު ކައުސަލިޔާގެ ބައްޕަ އާއި ދެމަފިރިންނަށް ހަމަލާދިން ފަސް މީހުންގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އެކަމަކު ކައުސަލިޔާގެ މަންމަ ސަލާމަތްވި އެވެ. ހިތްވަރުގަދަ ކައުސަލިޔާ ބުނަނީ ޝަންކަރްގެ މަރުގެ ޒިންމާ އޭނާގެ މަންމަ ވެސް އުފުލަން ޖެހޭނެ ކަމަށެވެ.
ފިރިމީހާގެ މަރާ އެކު ދިރިއުޅުން މަތިން އޭނާ ފޫހިވި އެވެ. ރީތި އިސްތަށިގަނޑު ކުރުކޮށް ކޮށާލި އެވެ. ހިންދޫންގެ މެދުގައި އޮންނަ ހަސަބުގެ ތަފާތުކުރުންތަކާ ބެހޭ ފޮތްތައް ކިޔައި މައުލޫމާތު މުއްސަނދިކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފެށި އެވެ.
ޝަންކަރްގެ އެންމެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ ހަތަރު ކޮޓަރީގެ ގެއެއް އިމާރާތްކުރުމެވެ. އޭނާގެ މަރުގެ ދިޔައިގެ ގޮތުގައި ލިބުނު ފައިސާއިން ކައުސަލިޔާ ވަނީ އެ ހުވަފެން ފުރިހަމަކޮށް، ޝަންކަރުގެ އާއިލާ އެތަނަށް ވައްދައިފަ އެވެ. އަވަށުގެ ފަގީރު ކުދިންނަށް ޓިއުޝަން ސެންޓަރެއްގެ ވެސް ހެދި އެވެ. ޝަންކަރްގެ އާއިލާ ބަލަހައްޓާނެ އާމްދަނީއެއް ހޯދަން އޭނާ ވަޒީފާ އަދާކުރަނީ ސަރުކާރު އޮފީހެއްގެ ކާތިބެއްގެ ވަޒީފާ އެވެ.
"ލޯތްބަކީ ފެން ކަހަލަ އެއްޗެއް. އެކަކު އަނެކަކު ދެކެ އެ ލޯބި ވެވޭނެ،" ކައުސަލިޔާ ބުންޏެވެ.
"ކާސްޓް ސިސްޓަމާ ދެކޮޅަށް އަންހެނުން ތެދުވަން ޖެހޭ. އެކަން ހުއްޓުވަން ބޭނުން ނަމަ އަންހެނުން ޖެހޭނެ އެކަމާ ދެކޮޅަށް ތެދުވާން."
ހޭލުންތެރިކަމުގެ ކެމްޕެއިން ފެށުމުން، މަތީ ހަސަބުގެ ވަރަށް ގިނަ ބަޔަކު ކައުސަލިޔާ ދެކެ ރުޅިއާދެ އެވެ. އޭނާގެ ފޭސްބުކް ވޯލްގައި ބައެއް މީހުން މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ. އެހެންވެ ފުލުހުންގެ ހިމާޔަތް އޭނާއަށް އޮވެ އެވެ.
ޝަންކަރްގެ މަރަށް ފަހު އޭނާގެ ފޯނު ކައުސަލިޔާއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ފޯނުގައި އެމީހުންގެ ލޯބީގެ ވަރަށް ގިނަ ހަނދާންތަކެއް އެބަ ހުއްޓެވެ.
"އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް ވެސް، އެކަމަކު ކަލާ ނެތުމުގެ އިހުސާސް އެބަ ކުރެވޭ،" ކައުސަލިޔާއަށް 2015 ގައި ޝަންކަރު ފޮނުވި މެސެޖެއްގައިވެ އެވެ.
"އަހަންނަށް ވެސް...." ޖަވާބުގައި ކައުސަލިޔާ ލިއުނެވެ.
އިންޑިއާ މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެ ޕޮލިހަށް
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު
އަދަބަކަށް ގެދޮރު ހަލާކު ނުކުރަން އިންޑިއާގައި އަމުރެއް
މިސްކިތެއްގައި ހިންދޫން އަޅުކަން ކުރަން ހުއްދަ ދީފި
ސިކުގެ މަރާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓް ފޮނުވާލައިފި
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ
ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި