Roadha Mihaaru
ކަމަލް ހަސަން ފިލްމު ކުޅުމާ މެދު ދެވަނަ ވިސްނުމަކަށް

ކަމަލް ހަސަން ފިލްމު ކުޅުން ހުއްޓާލުމާ މެދު ދެވަނަ ވިސްނުމަކަށް

08 އެޕްރީލް 2021

އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި މިހާރު ރަސްމީކޮށް ސިޔާސީ ދާއިރާ އަށް ނުކުމެފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަން ފިލްމު ކުޅުން ހުއްޓާލުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި މިހާރު ރަސްމީކޮށް ސިޔާސީ ދާއިރާ އަށް ނުކުމެފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަން ފިލްމު ކުޅުން ހުއްޓާލުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން އޭނާ ވަނީ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އެގޮތުން 2018 ގައި ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭރު ސޮއިކޮށްފައި ހުރި ފިލްމުތަކަށް ފަހު އެކްޓިންއާ ދުރަށްދާނެ ކަމަށެވެ.

ނަމަވެސް ޓަމިލް ނާޑޫ ސްޓޭޓްގައި މިހާރު ކުރިއަށްދާ އެސެމްބްލީ އިލެކްޝަނަށް އަމިއްލަ ޕާޓީ މައްކަލް ނީދީ މައިއަމް އަށް ވަރަށް ގަދައަށް ކެމްޕޭން ކުރި އެކްޓަރު މީޑިއާތަކަށް ބުނި ގޮތުގައި އެކްޓިން ދޫކޮށްލުމާ މެދު ދެން ވިސްނާނީ ސިޔާސީ މަސައްކަތް ބައްޓަންވަމުން އަންނަ ގޮތަށް ބަލާފައި ކަމަށެވެ.

"އެކްޓިން އަކީ އަހަރެންގެ ޕްރޮފެޝަން. އެ މަސައްކަތުގައި އަހަރެން ދެމިހުންނާނަން. އެކަމަކު ހާލަތު ނިޔާކުރާ ގޮތުން ސިޔާސީ މަސައްކަތްތަކާ ހެދި އެކްޓިން ދޫކޮށްލަން ޖެހޭ ކަހަލަ ހާލަތެއް އަރުވެއްޖެ އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނަން،" ކާމިޔާބު ހިންދީ ފިލްމުތަކެއް ވެސް ކުޅެފައިވާ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ސުޕަސްޓާރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމީ މަސައްކަތުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސޮއިކޮށްފައި ހުރި ޕްރޮޖެކްޓްތައް ނިންމާށެވެ.

"ދެން އޭގެ ފަހުން އިތުރު މަސައްކަތްތަކަކާ ހަވާލުވުމާ ދޭތެރޭ ވިސްނާނަން." ކަމަލް ހަސަން ބުންޏެވެ.

އުމުރުން މިހާރު 66 އަހަރުގެ އެކްޓަރުގެ އަތުގައި މި ވަގުތު ޝޫޓިން ފަށާފައި އޮތް ދެ ފިލްމެއް އެބަ އޮތެވެ. އެއީ ދެ ތަމަޅަ ފިލްމު ކަމަށްވާ "އިންޑިއަން 2" އާއި "ވިކްރަމް" އެވެ. ޝަންކަރް ޑައިރެކްޓްކުރާ "އިންޑިއަން 2" އަކީ ކަމަލް ހަސަން 1996 ގައި ކުޅުނު "އިންޑިއަން" ގެ ސީކްއެލް އެވެ.

އިންޑިއާގެ އެތައް ބަހަކުން އެތައް ފިލްމެއް ކުޅެފައިވާ ކަމަލް ހަސަނަކީ ބަތަލާއިން ކަމަށްވާ ޝުރޫތީ ހަސަނާއި އަކްޝަރާ ހަސަންގެ ބައްޕަ އެވެ. އެ މީހުންގެ މަންމަ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސާރިކާ އެވެ. ކަމަލް ހަސަނާއި ސާރިކާގެ ކައިވެނި 2004 ގައި ވަނީ ރޫޅިފަ އެވެ.