Roadha Mihaaru
އައްޑޫ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

އައްޑޫ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

12 ޑިސެމްބަރ 2020

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން އައްޑޫގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން އައްޑޫގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އެ ރަސްމިއްޔާތުގައި ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވަޑައިގަތެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި އިމާރާތްކުރާ މި ރިހެބިލިޓޭޝަން ސެންޓަރަށް ހަ މިލިއަން ރުފިޔާ ޚަރަދުވެ އެވެ. މި މަޝްރޫގެ ކޮންޓްރެކްޓަރަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

އައްޑޫގެ މި ރިލިބިހިޓޭޝަން ސެންޓަރަކީ ބައިނަލްއަގްވާމީ ފެންވަރުގެ މަރުކަޒެއް ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ. އެ ސެންޓަރު އިންޑިއާގެ ސަރުކާރުގެ އެހީގައި ހަދާއިރު އެ ތަން ހިންގަން ބޭނުންވާ ކައުންސެލަރުންނާއި ސޯޝަލް ވޯކަރުން ތަމްރީން ކުރުމަށް ވެސް އެ ގައުމުން އެހީ ވާނެ އެވެ.

ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ މިއީ އައްޑު އަށް މި ވަގުތު ވަރަށް މުހިއްމުވެފައިވާ ވަސީލަތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ސެންޓަރު ނިންމައި އެތަނުގެ ބޭނުން ހިފަން ފެށުމުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ނައިބު ރައިސް ވިދާޅުވިގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ އަކީ މުޅި ރާއްޖެ އަށް ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ބޮޑު ކަމަކަށް ވެފައި، އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާދެވޭނެ، ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަކީ މި ވަބާ ރާއްޖޭން ނައްތައިލަން ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ. އެގޮތުން ސެންޓަރުތަކުން ފަރުވާ ހޯދައިގެން ނުކުންނަ މީހުންނަކީ މުޖުތަމައަށް ބޭނުންތެރި ހަރުދަނާ ބަޔަކަށް ހެދުމަކީ ރިހެބިލޭޝަން ސެންޓަރެއްގެ އެންމެ ބޮޑު މަގުސަދު ކަމަށް ވިދާޅުވި އެވެ. މިކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އަމާޒަކީ ކުށް މަދު އަމާން، ރައްކާތެރި މުޖުތައެއް ބިނާކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އައްޑޫގައި މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫގައި ރިހިބިލިޓޭޝަން ސެންޓަރެއް އަޅާ އިރު މީގެ ކުރިން އެ އަވަށުގައި އެފަދަ ސެންޓަރެއް ހިންގި އެވެ. އެކަމަކު ފަހުން އެތަން ހިތަދު ބަދަލުކޮށް، ހިންގި ނަމަވެސް އެ ސެންޓަރުގެ ސަބަބުން އައްޑޫން މަސްތުވާތަކެތީގެ ވަބާ ފޮހެލުމުގައި ކުރިއެރުންތަކެއް ނާންނަ ކަމަށް ވަރަށް ގިނަ ބަޔަކު ދެކެ އެވެ.