Roadha Mihaaru
ނައިބު ރައީސް ފައިސަލް އައްޑޫގައި

ނައިބު ރައީސް ފައިސަލް ނަސީމު އައްޑޫގައި

12 ޑިސެމްބަރ 2020

އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

ގަން އެއާޕޯޓުން ނައިބު ރައީސަށް މަރުހަބާ ދެންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

މި ދަތުރުފުޅުގެ ތެރެއިން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ނައިބު ރައީސް ބައްދަލުކުރެއްވި އެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ހުޅުމީދުގައި ގާއިމްކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ، ނައިބު ރައީސް އަޅުއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މި މަޝްރޫއުގެ އަގަކީ ހަ މިލިއަން ރުފިޔާ އެވެ.

ފައިސަލްގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގަންނަވާނީ، އެނގިފައިވާ ގޮތުގައި، މިއަދު މެންދުރު ފަހު އެވެ. އަދި މިރޭ އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.

ފުވައްމުލަކުގެ ދަތުރުފުޅުގައި ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާނެ އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރައްވާ ގޮތަށް ވެސް، ޕްރޮގްރާމްގައިވެ އެވެ.