ނުވަ މަހުގެ ބަނޑާ އެކު ގޮސް ކުދިންތަކެއްގެ މާރާމާރީއެއްގެ ތެރެއަށް އެ ދުވަހު ވަދެ އެ މާރާމާރީ ހުއްޓުވަން އައިމިނަތު ޒީނިޔާ މަސައްކަތް ކުރެއްވީ ކުދިންގެ މުސްތަގުބަލަށްޓަކަ އެވެ. އެއީ އެ ކުދިންގެ އަހުލާގު ރަނގަޅު ކުރެވޭނެ ޕްރިންސިޕަލެއް ކަމުގެ ޔަގީންކަން އޮތުމުންނެވެ. ބައެއް ރޭރޭ ނިދި ނަންގަވާލައްވާފައި، ހޭލާ ވެސް އުޅުއްވަނީ އެ ކުދިންގެ ފަރާތުން ސްކޫލަށް ދީފާނެ ގެއްލުމެއް ނޭނގޭތީ އެވެ.
08 ޖުލައި 2025
ނުވަ މަހުގެ ބަނޑާ އެކު ގޮސް ކުދިންތަކެއްގެ މާރާމާރީއެއްގެ ތެރެއަށް އެ ދުވަހު ވަދެ އެ މާރާމާރީ ހުއްޓުވަން އައިމިނަތު ޒީނިޔާ މަސައްކަތް ކުރެއްވީ ކުދިންގެ މުސްތަގުބަލަށްޓަކަ އެވެ. އެއީ އެ ކުދިންގެ އަހުލާގު ރަނގަޅު ކުރެވޭނެ ޕްރިންސިޕަލެއް ކަމުގެ ޔަގީންކަން އޮތުމުންނެވެ. ބައެއް ރޭރޭ ނިދި ނަންގަވާލައްވާފައި، ހޭލާ ވެސް އުޅުއްވަނީ އެ ކުދިންގެ ފަރާތުން ސްކޫލަށް ދީފާނެ ގެއްލުމެއް ނޭނގޭތީ އެވެ.
ފަންކާތަކުގެ ފިޔަ ބިންދާފައި ހުރެދާނެ އެވެ. ފާރުގައި ކުރަހައި ހަޑި އެއްޗެހި ލިޔެ އެވެ. ތަންތަނުގައި ހުޅުޖަހައި ރޯކުރެ އެވެ. ސްކޫލުގެ އެއްވެސް ކްލާހެއްގެ ދޮރެއް، ކުޑަދޮރެއް، މޭޒުގެ ކަބަޑެއްހާ ހިސާބު ވެސް ނުހުރެ އެވެ. ފާސްވަނީ ހާހަކުން ކުއްޖެކެވެ. މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ސ. އަތޮޅު މަދަރުސާ ދޫކޮށް 28 ޕްރިންސިޕަލުން ދުރަށް ވަޑައިގަންނަވަން ޖެހުނީ އެފަދަ އެތައް ނާތަހުޒީބީ ކަންތައްތަކާ ހެދި އެވެ.
އެއީ އައްޑޫގައި ވަކިން އޮންނަ ދެ އަވަށް، ހުޅުދު އާއި މީދޫ މެދުގައި ހުންނަ ސ. އަތޮޅު މަދަރުސާ އަށް ޓީޗަރެއްގެ ގޮތުގައި ޒީނިޔާ ފުރަތަމަ ވަޑައިގެންނެވިއިރު އެ ސްކޫލުގެ ހާލަތު އޮތް ގޮތް ވެސް މެ އެވެ. ޖެނުއަރީ 1، 2009 އާ ޖެހެންދެން ކަން ހިނގަމުން އައި ގޮތެވެ.
އެ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު ޖެހިހެން އައި އަަހަރު ޕްރިންސިޕަލެއްގެ ޒިންމާ ނަންގަވަން ފެއްޓެވި އެވެ. އެއީ އެ ސްކޫލް އިސްލާހު ކުރުމުގެ މަސައްކަތުގެ ފެށުމެވެ.
"އަޅުގަނޑު ހަވާލުވިއިރު ވަރަށް ހާލުގައި އޮތް ސްކޫލެއް އެއީ. ސްކޫލުން ނަތީޖާއެއް ނުނެރެވޭ، އަބަދު މާރާމާރީތަކާއި ތަޅާފޮޅުން. ރަށުގެ ވަރަށް ގިނަ މީހުން ރަށް ދޫކޮށް ބަދަލު ވެސް ވެއްޖެ އޭރު އިތުބާރު ނެތީމަ،" ޒީނިޔާ ވިދާޅުވި އެވެ.
"ސްކޫލުގެ ވަސީލަތްތައް ވެސް ހަލާކު ކޮށްފައި ހުންނާނީ. ޓީޗަރުންނަށާއި ކުދިންނަށް ވަރަށް އަނިޔާ ލިބޭ."
އެކަމަކު، ޒީނިޔާ އެ ކަންކަމާ ކުރިމަތިލެއްވީ ވަރުގަދަ އަޒުމެއްގަ އެވެ. ޒީނިޔާގެ ކުރިން ސ. އަތޮޅު މަދަރުސާގައި ޕްރިންސިޕަލްކަން ކުރެއްވީ މުޅިން ވެސް ފިރިހެން ޕްރިންސިޕަލުންނަށް ވުން އެއީ ވެސް އެ ސްކޫލްގެ ބެލެނިވެރިންނަށް ޒީނިޔާއާ މެދު އުންމީދު ނެތެން ދިމާވި އެއް ސަބަބެވެ. "ހަށިގަނޑު ވަރުގަދަ" ފިރިިހެނުންނަށް ނުވި ކަމެއް ޒީނިޔާ އަށް ކާމިޔާބު ވެދާނެ ކަމާ މެދު ބެލެނިވެރިން ސުވާލު އުފެއްދި އެވެ.
"ފުރަތަމަ ދުވަހު ސްކޫލަށް [ޕްރިންސިޕަލެއްގެ ގޮތުގައި] ދިޔައީމާ ބުނީ މިތަނަށް އަންހެނެއް ނޫނޭ ބޭނުންވަނީ. މިތަނަށް ބޭނުންވަނީ ހަށިގަނޑުގައި ވަރަށް ވަރު ހުރި ފިރިހެނެކޭ. ސްކޫލަށް 25 އަހަރު އޭރު ވީ އިރު 28 ޕްރިންސިޕަލުން މަސައްކަތް ކުރެއްވި، ވަރަށް ޗެލެންޖިން ސްކޫލެކޭ މިއީ،" ޒީނިޔާ ވިދާޅުވި އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
ސެކަންޑްރީ ޓީޗިން އިން ބެޗްލާސް އާއި މާސްޓަސް އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް އަދި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ކިޔަވައިގެން ހުންނެވި ޒީނިޔާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގެ ޓީޗަރަކަށެވެ. އެ އަށް ފަހު އަހުމަދިއްޔާ ސްކޫލުގައި ވެސް ޓީޗަރަކަށް މަސައްކަތް ކުރެއްވި އެވެ.
އެކަމަކު، އޭނާގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރި ތަނަކީ ސ. އަތޮޅު މަދަރުސާ އެވެ. ގޮންޖެހުންތަކާ ކުރިމަތިލައްވައި ކަންކަން ހަމަޔަކަށް އެެޅުވުމުގެ ކާމިޔާބީ އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ޓީޗަރުންނާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
"ވަރަށް ހެވިލީ ޕްރެގްނެންސީ، އޭރު 9 މަހުގައި، ވަރަށް ބޮޑު މާރާމާރީއެއް ހިންގީ ސްކޫލުގައި. އެއް އަވަށު ބެލެނިވެރިން މި އައީ އަނެއް އަވަށު ކުދިންތަކެއް ގައިގައި ޖަހަން. އެއްވެސް މީހަކަށް ނުކެރުނު ހުއްޓުވަން އެ ދެމެދަށް ވަންނާކަށް، އަޅުގަނޑު ހިތައް އެރީ އެއީ ޕްރިންސިޕަލްގެ ޒިންމާއެކޭ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުން. އެހެންވެ ވަނީ، އައި މީހާ އަށް ވެސް ނުކެރުނު ޖަހާކަށް،" ކުދިންތަކެއްގެ މެދުގައި ހިންގި ވަރުގަދަ މާރާމާރީއެއްގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ގޮތް ހިއްސާ ކުރައްވަމުން ޒީނިޔާ ވިދާޅުވި އެވެ.
ޕްރިންސިޕަލް ޒީނިޔާއަށް، އެ ސްކޫލުގެ ދަރިވަރުން ދެއްވި ހާއްސަ އެސެމްބްލީގައި ކެޑޭޓުންގެ ގާޑް އޮފް އޮނާގައި މަރުހަބާ ކިޔަނީ.--
ބެލެނިވެރިން ވެސް ތިބީ ފިރިހެނަކަށް ނުވި ކަމެއް އަންހެނަކަށް ނުވާނެ ކަމަށް ގަބޫލު ކޮށްގެންނެވެ. އަންހެނަކަށް ވިޔަސް އެ ކަހަލަ ކުދިންތަކެއްގެ އަހުލާގާއި ސްކޫލުގެ ނަތީޖާ ބަދަލު ކުރެވޭނެކަން ޒީނިޔާ ދެއްކެވީ އަމަލުންނެވެ.
އޭނާ ޕްރިންސިޕަލް ކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސ. އަތޮޅު މަދަރުސާ ސްކޫލުގައި ފާސްވާ ކުދިންގެ އަދަދު އުޅެނީ އެންމެ 15 ޕަސެންޓުގަ އެވެ. އޭރު އެ ސްކޫލުގައި އޯލެވެލް ހަދާތާ 10 އަހަރު ވެއްޖެ އެވެ. އޯލެވެލްގެ ގަދަ 10 ގައި ހިމެނުނީ ވެސް އެ ސްކޫލުގެ އެންމެ ކުއްޖެކެވެ.
ކުދިންގެ ނަތީޖާ އާއި އަހުލާގަށް އައި ބަދަލު ފެންނަން ފެށީ 2010 ވަނަ އަހަރު އެވެ. ކުދިންގެ ނަތީޖާތައް ރަނގަޅު ވާން ފެށި އެވެ. އެހެން ސްކޫލުތަކަށް ކިޔަވަން ހިޖުރަ ކުރުމުގެ ބަދަލުގައި އެ ސްކޫލުގައި ތިބެގެން ކިޔަވާ ކުދިންގެ އަދަދު އިތުރުވަމުން ގޮސް މިހާރު 500 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ.
"އޭގެ ފަހުން ކޮންމެ ބެޗެއްގެ ކުދިން ގައުމީ ގަދަ 10 އަދި ދުނިޔޭގެ ވަނަތަކުގައި ވެސް ހިމެނޭ. ރާއްޖެ އިން ބޭރުގެ އެކި މުބާރާތްތަކުގައި ކުދިން ބައިވެރިވާން ވަރަށް ބައިވަރު ފުރުސަތުތައް ހޯދައިދެވުނު. ވަރަށް ގިނަ ލީޑާސް އަޅުގަނޑަށް އުފެއްދުނު ކަމުގެ އިހުސާސް ކުރެވޭ،" ޒީނިޔާ ވިދާޅުވި އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
އޭނާ ވިދާޅުވިގޮތުގައި، ސ. އަތޮޅު މަދަރުސާއާ ފުރަތަމަ ހަވާލުވެވަޑައިގެންނެވިރު ވެސް އެ ސްކޫލު ވެސް އޮތީ ވީރާނާ ވެފަ އެވެ. ކިޔަވައިދޭނެ ގޮނޑި އާއި މޭޒުތަކުގެ އިތުރުން އެންމެ އާދައިގެ އެއްޗެހި ވެސް ހުރީ ހަލާކުކޮށްލައިފަ އެވެ. އެކަމަކު، މިހާރު އެ ސްކޫލު ވަނީ އެއްކޮށް ބަދަލު ކޮށްފަ އެވެ. އެއީ ވެސް ޒީނިޔާގެ އިސް ނެންގެވުމެވެ.
ހަލާކުވެފައިވާ އެއްވެސް ފަރުނީޗަރެއް މިހާރަކު ނެތެވެ. ކްލާސްރޫމުތަކުގައި ހުންނަނީ ސްމާޓް ބޯޑު ބަހައްޓައިފަ އެވެ. ޓީޗަރުންނާއި ކުދިން އަދި ބެލެނިވެރިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރެ އެވެ.
"އަޅުގަނޑުމެން ވަރަށް ކެމްޕޭނު ކޮށްގެން އެކި ކަހަލަ ވެލިޔުސް ދަސްކޮށްދިނީ ކުދިންނަށް. މުޅި ސްކޫލު މާހައުލުން ވެސް އެކަން މިހާރު ފެނޭ،" ސ. އަތޮޅު މަދަރުސާ އިން ކިޔަވައި ނިންމި ޒީނިޔާ ވިދާޅުވި އެވެ.
އަންހެނަކަށް ވީތީ ނުވާނެއޭ ބުނި ހުރިހާ ކަމަކަށް ވެސް އެކަން ވާނެކަން ޒީނިޔާ އަށް ބުނެދެނީ އޭނާގެ އާއިލާ އެވެ. ހާއްސަކޮށް މަންމަ އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
އެކަމަކު، ސ. އަތޮޅު މަދަރުސާ ބަދަލުކޮށްލި ޕްރިންސިޕަލް މިދިޔަ ބުރާސްފަތި ދުވަހު އެންމެންނަށް ދެއްވީ ބޮޑު ސައިޕްރައިޒެކެވެ. އެ ސްކޫލް ދޫކުރައްވާފައި ވަޑައިގަންނަވާކަން އިއުލާން ކުރެއްވި އެވެ. އެޑިއުކޭޝަން މިނިސްޓަރީގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ވަޑައިގަންނަވާކަން އިއުލާން ކުރެއްވުމުން ބެލެނިވެރިންނާއި ކުދިންނަށް ވެސް ލިބުނީ ބޮޑު ސިހުމެކެވެ.
ޕްރިންސިޕަލް ކަމުގެ މަގާމު ދޫކޮށްލީ އެ މަސައްކަތް މިހާރު ފަސޭހަ ވުމުން އާ ކަމެއް ތަޖުރިބާ ކުރެއްވުމަށް ކަމަށް ޒީނިޔާ ވިދާޅުވި އެވެ. ސ. އަތޮޅު މަދަރުސާ އިން ވެސް އާ ބޭފުޅަކަށް ފުރުސަތު ދެއްވާށެވެ.
ޒީނިޔާ އަށް، އަލްވަދާއު ކިޔުމަށް ބުރާސްފަތު ދުވަހު ބޭއްވި އެސެމްބްލީ އަށް ވަޑައިގަތުމުން އެ ސްކޫލުން މަރުހަބާ ކިޔާފައިވަނީ ކެޑޭޓުންގެ ގާޑް އޮފް އޮނާއަކުންނެވެ. ދަރިވަރުންގެ މެދުގައި އެ ޕްރިންސިޕަލަށް އޮތް ވަރުގަދަ ލޯބި ހާމަވެގެން ދިޔަ އެއް ކަމަކީ، ސްކޫލުގެ ހުރިހާ ދަރިވަރުންގެ ހިތުގެ ޝުއޫރު ފާޅުކޮށްފައިވާ ކާޑުތަކާއި މަލުގެ ގުލްދަސްތާތަކުން ބަންޑުން ކޮށްލުމުންނެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
"[ޕްރިންސިޕަލްކަން ދޫކޮށްލާފައި] ދާ ވާހަކަ ބުންނަން ވަރަށް އުނދަގޫވި، ވަރަށް އިމޯޝަނަލް ވަގުތުކޮޅެއް އަސްލު. އަޅުގަނޑުގެ ހޯމް އެއީ. ދުވަހަކު ވެސް ލީވެއް ނުނަގަން. ވަރަށް ލަސްވަންދެން ސްކޫކުގައި އުޅޭނީ. ވަރަށް ބުރަ މަސައްކަތުން ސ. އަތޮޅު މަދަރުސާ، ސްކޫލެއްގެ ގޮތުގައި މިހާރު އެ ފެންނަނީ،" ޒީނިޔާ ވިދާޅުވި އެވެ،
ޒީނިޔާ އެ ސްކޫލުން ވަކިވެވަޑައިގަތީ ކުދިންތައް އިސްލާހު ކުރި އަންހެން ޕްރިންސިޕަލްގެ ޝަރަފާ އެކު އެވެ. އެތައް މަންމައަކާއި ބައްޕައެއްގެ އިތުބާރު ހޯދައިގެންނެވެ. ޓީޗަރުންނާއި ދަރިވަރުންގެ ލޯބި ހޯދައިގެންނެވެ. އެ ސްކޫލު ބަދަލުކޮށްލި "މަންމަ" ގެ މަގާމު ވެސް ހޯދައިގެންނެވެ.
ތައުލީމީ ކެރިއަރުގައި ޒީނިޔާ މި ލިބިވަޑައިގެންނެވި ކުރިއެރުމަށް ޓީޗަރުންނާއި ބެލެނިވެރިން ވެސް މަރުހަބާ ކިޔަ އެވެ. ނަމަވެސް، އެ އެންމެން ވެސް ގަބޫލުކުރާ ކަމެއް އެބައޮތެވެ، އޭނާ ނެތް ތަން ސްކޫލުން ދައްކާނެ އެވެ. އެ ލެގެސީ އަބަދަށް ދެމި އޮންނާނެ އެވެ.
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
މިކުދިން ނަގައިދެނީ ރީތި އައްޑޫ ބަހުގެ ފިލާވަޅެއް
ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސް!
ގަން އެއާޕޯޓު އޮތަސް ހުޅުމީދުއަށް އެއާޕޯޓެއް ބޭނުންވޭ
އިކޯ ގާޑަންއިން 11 ގަޑިއިރުތެރޭ 60 ޕަސެންޓް އެނދި
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
މަޖީދިއްޔާގެ ޕްރިންސިޕަލް އައިސްތު ރިޓަޔާ ކުރައްވައިފި
"ހެއްކެއް ނެތި 300 މުވައްޒަފުންނަށް އަދަބު ދިން"
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ