05 ނޮވެމްބަރ 2024
ތައުލީމާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ސްކޫލެއްގައި ވެސް ކުދިންގެ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކޮށްދޭ ފަދަ މާހައުލެއް ގާއިމް ކޮށްފައި ހުންނަން ޖެހެ އެވެ. މީގެ ތިން އަހަރު ކުރިން 2021 ގައި އަމަލުކުރަން ފެށި އެ ގާނޫނުގައި ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހުންނަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެ ގާނޫނުން މަޖުބޫރު ކޮށްފައިވާ ވަރާ ގާތަށް ވެސް އެކަން ހާސިލް ނުވާ ކަން އެނގެނީ ކުއްޖަކަށް ކަމެއް ދިމާވެ، އެތައް ބައެއްގެ ސަމާލުކަން އެކަމަކަށް ލިބުމުންނެވެ.
ތައުލީމާ ބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ސްކޫލެއްގައި ވެސް ކުދިންގެ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކޮށްދޭ ފަދަ މާހައުލެއް ގާއިމް ކޮށްފައި ހުންނަން ޖެހެ އެވެ. މީގެ ތިން އަހަރު ކުރިން 2021 ގައި އަމަލުކުރަން ފެށި އެ ގާނޫނުގައި ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހުންނަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެ ގާނޫނުން މަޖުބޫރު ކޮށްފައިވާ ވަރާ ގާތަށް ވެސް އެކަން ހާސިލް ނުވާ ކަން އެނގެނީ ކުއްޖަކަށް ކަމެއް ދިމާވެ، އެތައް ބައެއްގެ ސަމާލުކަން އެކަމަކަށް ލިބުމުންނެވެ.
ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން އުމުރުން 13 އަހަރުގެ އަންހެންކުއްޖަކު މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު އެ ކުއްޖާ އެމްބިއުލާންސްގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމަށް ވިއްސަކަށް މިނިޓް ހޭދަވި އެވެ. އެ ވަގުތު އެ ސްކޫލްގައި ސިއްހީ ހިދުމަތްތެރިއަކު ހުއްޓަސް އެކަށީގެންވާ ގޮތަކަށް އެ ހާދިސާ އަށް އެޓެންޑުވި ކަމާ މެދު އެއް ބަޔަކު ސުވާލު އުފެއްދުމުން އެނގެނީ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމެވެ.
ހުޅުމާލެ ހޮސްޕިޓަލުން އެމްބިއުލާންސެއް ހުރަވީ ސްކޫލާ ހަމައަށް ދާން ފަސް މިނިޓް ވެސް ނަގައިގެން ނުވާނެ އެވެ. ރަސްމީ ދުވަހެއްގެ މެންދުރު ހުޅުމާލޭގެ މަގުތަކުގައި އެހާ ބޮޑު ޓްރެފިކެއް ނޯވެ އެވެ. އެކަމަކު، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކަމެއް ދިމާވެގެން ވިޔަސް އެ ކުއްޖާގެ ފަރުވާ ހޮސްޕިޓަލްގައި ފަށަން ވިއްސަކަށް މިނިޓް ނެގި ކަމެވެ.
އެހެން ސްކޫލެއްގައި ކުއްޖަކަށް ދިމާވި ހާދިސާއެކެވެ. އެ ކުއްޖާ ކުއްލި ގޮތަކަށް ވެއްޓުނީ އެވެ. އެކަމަކު، އެ ސްކޫލްގައި މަސައްކަތް ކުރާ ހެލްތު ވޯކަރަށް އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުވި އެވެ. ކުއްޖާގެ ބަލީގެ ހިސްޓްރީ ސްކޫލަށް އަންގާފައި ނެތުމުން ދޭންވީ ފަރުވާއެއް ވެސް ނޭނގުނެވެ. ސްކޫލުން އެމްބިއުލާންސަށް ގުޅި ނަމަވެސް ވެހިކަލަށް ސްކޫލާ ހަމައަށް ދެވުނުއިރު ކުއްޖާގެ ފުރާނައެއް ނެތެވެ. ހޮސްޕިޓަލުން ޔަގީން ކޮށްދިނީ ހަމައެކަނި ކުއްޖާ ނިޔާވި ކަމެވެ. ވީ ގޮތެއް ނޭނގުނެވެ.
ސްކޫލު އިވެންޓެއްގައި ރެޑް ކްރެސެންޓު މީހުން ފަސްޓް އެއިޑް ކިޓް ހިފައިގެން.-- ފޮޓޯ: ރެޑް ކްރެސެންޓް
މިއީ ހުރިހާ ވަސީލަތެއް ހުރި މާލޭގެ ހާލަތެވެ. އަދިވެސް މިފަދަ ހާލަތުގައި ވެސް ފޮނުވަނީ އަވަސް ފަރުވާ ވެސް ދެވެން ނެތް އެމްބިއުލާންސްތަކެވެ. ޕެރެމެޑިކް އެމްބިއުލާންސެއް ނޫނެވެ. އަތޮޅު ތެރޭގެ ހާލަތު އެ އަށް ވުރެ ގޯހެވެ. ސްކޫލްގެ މާހައުލުގައި ކުއްޖަކަށް ސިއްހީ ކަމެއް ދިމާވެއްޖެ ނަމަ ފުރަތަމަ ދޭން ޖެހޭ ފަރުވާ ވެސް ދެވޭނެ ގޮތެއް ގިނަ ސްކޫލްތަކުގައި ނެތެވެ. ގިނައީ ހެލްތު ވޯކަރެއް ނުވަތަ ފަރުވާގެ ފުރަތަމަ އެހީ ދޭނެ މީހަކު ވެސް ނެތް ސްކޫލުތަކެވެ.
ރާއްޖޭގަިއ މިވަގުތު 223 ސްކޫލެއް ހިންގާއިރު ހެލްތު އޮފިސަރުން ތިބީ 74 ސްކޫލެއްގަ އެވެ. މާނައަކީ ބާކީ 149 ސްކޫލްގައި ކުއްޖަކަށް ސިއްހީ ކަމެއް ދިމާވެއްޖެ އެ ސްކޫލަކުން ވަގުތުން އެއްވެސް ފަރުވާއެއް ދެވޭނެ ގޮތެއް ނެތެވެ. ކައުންސެލަރުންގެ އަދަދު އަދި މާ މަދެވެ. މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތިބީ 52 ކައުންސެލަރުންނެވެ.
"މި ދެ މަގާމަކީ ވެސް މިއަދު ސްކޫލްތަކަށް ވަރަށް މުހިންމު ދެ މަގާމު،" އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
ސްކޫލްތަކުގެ މިހާ މުހިންމު މަގާމުތަކަށް މުވައްޒަފުން ނުލިބޭ މައްސަލާގައި ވަރަށް ސީރިއަސް ވާން ޖެހެ އެވެ. މައްސަލައިގެ އަޑިއަށް ފީނައި، ހައްލު ކުރެވޭނެ ގޮތެއް ހޯދައިގެން ނޫނީ ކުރިއަށް ދެވޭކަށް ނެތެވެ. ހެލްތު އޮފިސަރުން ނެތްތާނގައި ގިނައީ ކުދިންނަށް ފުރަތަމަ ފަރުވާ ދެވޭނެ ގޮތެއް ވެސް ނެތް ސްކޫލްތަކެވެ.
"ހެލްތު އޮފިސަރެއް ނުހުރޭ، ކައުންސެލަރެއް ވެސް ނުހުރޭ. ހުންނަނީ ހަމައެކަނި ފަސްޓް އެއިޑް ބޮކްސްއެއް. ތަނެއް ހަލާކު ވެއްޖެ ނަމަ ބޭސް އަޅާލެވޭނެ. އިތުރު ފަރުވާއެއް ދެވޭނެ ގޮތެއް ނުހުންނާނެ،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.
ބައެއް ޕްރިންސިޕަލުންގެ ޝަކުވާއަކީ ހެލްތު އޮފިސަރުން ތިބޭ ސްކޫލްތަކުގައި ވެސް އެ މީހުންނަށް ތަމްރީނުތައް ނުދިނުމެވެ. ހެލްތު އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ނުހިންގަ އެވެ.
ބަޔަކު ފަސްޓް އެއިޑް ޓްރެއިނިންގް ހަދަނީ.-- ފޮޓޯ: ތިންކް ސޭފް މޯލްޑިވްސް
އެހެން ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ އެ ސޫލްގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރަކާއި ކައުންސެލަރަކު ތަމްރީން ކުރުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެ ދާއިރާއިން ކިޔަވަން ބޭނުންވާ މީހަކު އެ ރަށުން ނުވި ކަމަށެވެ.
"މިކޮޅުން [އެ ރަށު ސްކޫލުން] ގްރޭޑް 10 ނިންމާ ދަރިވަރުންނާ އަޅުގަނޑުމެން ވާހަކަ ދައްކަން ސްކޫލުން ކިޔަވައިދޭން ބޭނުން ވެގެން. އިއުލާން ވެސް ކުރިން. އެކަމަކު އެ ދާއިރާ އިން ކިޔަވާކަށް ބޭނުމެއް ނުވޭ، މުސާރަ ކުޑަވީމާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ. ސްކޫލްތަކުގައި މަސައްކަތްކުރާ ހެލްތު އޮފިސަރުންނަށް 12 ޕަސެންޓުގެ ކުރިއެރުމެއް އަދި ކައުންސެލަރުންގެ މުސާރަ އަށް ވަނީ 43 ޕަސެންޓުގެ ކުރިއެރުމެއް އެ ބުރުގައި ގެނެސްފަ އެވެ.
ސްކޫލްތަކުގައި މަސައްކަތްކުރާ ހެލްތު އެންޑް ސޭފްޓީ އޮފިސަރެއްގެ މުސާރައަކީ 18،338ރ. އެވެ. އެސިސްޓެންޓް ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރަކަށް 14،145ރ. ލިބޭނެ އެވެ. އެސޯސިއޭޓް ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރެއްގެ މުސާރައަކީ 12،066ރ. އެވެ.
އެކަމަކު، އޭރު އެންމެ މުސާރަ ބޮޑުވި ދެ މަގާމު ކަމަށްވާ 27،104ރ. ލިބޭ ޑައިރެކްޓާ ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނާއި 20،661ރ. ލިބޭ ސީނިއާ ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރުންގެ މަގާމަށް ޝަރުތު ހަމަވާ އެއްވެސް މީހަކު އޭރު ނެތެވެ.
ސްކޫލް ކައުންސެލަރުންނަށް އިތުރު ގަޑީގެ ފައިސާ ނުހިމަނައި މަހަކު 17،959ރ. އަދި އެސިސްޓެންޓް ކައުންސިލަރަކަށް މަހަކު 13،266ރ. ލިބޭނެ އެވެ.
ސްކޫލްތަކުގައި ކުރިމަތިވާ އަނެއް މައްސަލައަކީ ތަފާތު ބަލިތަކުގައި އުޅޭ ކުދިންގެ މައުލޫމާތު ބެލެނިވެރިން ސިއްރު ކުރުމެވެ. ބަލިތަކަށް ދާއިމީ ފަރުވާ ހޯދާ ކުދިންނާއި ދާއިމީކޮށް ބޭސްކާންޖެހޭ ކުދިންގެ މައުލޫމާތު ސްކޫލްގެ މެނޭޖުމަންޓަށް ނުވަތަ ހެލްތު އޮފިސަރުންނަށް ދޭން ބައެއް ބެލެނިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދަ އެވެ. އޭގެ ހުރިހާ ގެއްލުމެއް ލިބެނީ އެ ކުއްޖާއަށެވެ. ސިއްހީ ކަމެއް ދިމާވާ ހާލަތުގައި ވަގުތުން ދެވޭނެ ފަރުވާއެއް ވެސް ސްކޫލްގައި ހުންނަ ހެލްތު އޮފިސަރަކަށް ނޭނގި ފުރާނައަށް ނުރައްކާވާ ހާލަތަކަށް ހިނގައިދާނެ އެވެ.
"ވެދާނެ ސްކޫލްތަކުގައި ބުލީ ކުރުން އިތުރުވީމާ ކަމަށް ވެސް. ބެލެނިވެރިން ދެކޮޅު ހަދާ ކަމެއް އެއީ ދާއިމީ ބައްޔަކަށް ނުވަތަ އެހެން ވެސް ބައްޔަކަށް ފަރުވާ ހޯދާ ކުއްޖެއް، އެހާ ބޮޑަށް އެނގެން ނުހުންނަ ނަމަ އެ ކުއްޖެއްގެ ބަލީގެ ވާހަކަތައް ހިއްސާ ކުރަން،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.
ބަޔަކު ފަސްޓް އެއިޑް ޓްރެއިނިންގް ހަދަނީ.-- ފޮޓޯ: ތިންކް ސޭފް މޯލްޑިވްސް
މާލޭގެ ސްކޫލެއްގައި ހަތަރު އަހަރު މަސައްކަތް ކުރެއްވި ކައުންސެލަރަކު ވިދާޅުވީ، ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީން ވާން ބޭނުން ނުވާ ސަބަބަކީ މުސާރައާ އެކު ރިސްކް އެލަވަންސެއް ނުދޭތީ ކަމަށެވެ. މުސާރަ ބޮޑުކުރުމުގެ ކުރިން ވަކި އެލަވަންސެއްގެ ގޮތުގައި މަހަކު 3،000ރ. ދިނެވެ. ނަމަވެސް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެލަވަންސް ދިނުން ހުއްޓާލީ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހާއްސަކޮށް ރަށްރަށުގެ ގިނަ ސްކޫލްތަކުގައި ކައުންސެލިން ދިނުމަށް ބޭނުންވާ ވަސީލަތެއް ނެތެވެ. ކައުންސެލިން ދިނުމަށް ސްކޫލުގައި ހާއްސަ ސެޓަޕެއް ނުވަތަ ކޮޓަރިއެއް ހުންނަން ޖެހޭއިރު، ގިނަ ސްކޫލްތަކުގައި އެ އިންތިޒާމެއް ވެސް ނެތެވެ.
"ކައުންސެލަރުންގެ މަގުސަދު ހާސިލު ނުވޭ އެގޮތަށް ހެދީމާ. ކައުންސެލަރެއްގެ ގޮތުގައި ކުދިންނާ އޮންނަން ޖެހޭ ގުޅުމަށް ވެސް އެބަ އަސަރުކުރޭ އޭގެ ވަސީލަތްތައް، އެ ބޭނުންވާ ވަރަށް ނެތުމުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި މިފަދަ ކޭސްތައް ދިމާވާލެއް މަދު ނަމަވެސް އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ދެން ހަދަންވީ ގޮތް ނޭނގޭ މައްސަލަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ކަންބޮޑުވުމާއެކު ފާޅުކުރެއްވި އެވެ. ތަމްރީން ލިބިފައިވާ މުވައްޒަފުންނެއް ސްކޫލްތަކުގައި ނެތް ކަމަށް މިނިސްޓަރު ވެސް ގަބޫލު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ، ހުރަވީ ސްކޫލްގައި މިދިޔަ މަހު އެ ކުއްޖާ ނިޔާވި ހާދިސާއަށް ފަހު ރިވިއުއެއް ހަދަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ބަލަމުން މި އަންނަނީ ކިހާ ލެވެލްއެއްގެ ހިއުމަން ރިސޯސްއެއްތޯ ބޭނުންވަނީ. އަދި ކިހާ ވަރަކަށްތޯ އަޅުގަނޑުމެންނަށް ފިޓު ޖެހި، ނުވަތަ އެހެން ވެސް ބައްޔެއް ހުރި ކުއްޖެއްކަން ދެނެގަނެވި، އެކްޝަން ނެގޭ މިންވަރަށް ދެނެގެނެވިފައި މި ހުރީ،" އިސްމާއިލް ވިދާޅުވި އެވެ.
"ފަސްޓް އެއިޑް ސިޓުއޭޝަނެއްގައި ޕެނިކް ނުވެ، ސީދާ އެ ކޭސް އަށް އެޓެންޑް ކުރެވޭ ވަރަށް ތައްޔާރުވާން އަޅުގަނޑުމެން އެބަޖެހޭ. އެ ހިދުމަތް އިތުރު ކުރަން އެބަޖެހޭ."
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ފަސްޓް އެއިޑް ދިނުމަށް މީހުން ތަމްރީނުކޮށް، ސީޕީއާރު އޭއީޑީ ހިމަނައިގެން ތަމްރީނުތައް ދިނުން އެއީ ވަގުތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރަން ފެށުމުން، ސްކޫލުގައި ހުއްޓާ ކުއްޖަކަށް ދިމާވާ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭން ޖެހޭ ފުރަތަމަ ފަރުވާ ދެވޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ސްކޫލްތަކުގައި ހެލްތު އޮފިސަރުން ނެތުމުގެ ޝަކުވާ އަށް އެދެވޭ ހައްލެއް އަންނަން ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގެ އެވެ. މައްސަލައާ ގުޅުން ހުރި އެތައް ކަމެއް ވަށައިގެން ހުރި އިރު އެކަންކަން ހައްލު ކުރާނެ ނިޒާމެއް ބޭނުންވެ އެވެ. ހެލްތު އޮފިސަރުންނާއި ކައުންސެލަރުންގެ މުސާރަ އާއި އިނާޔަތުގެ މައްސަލަތަކެވެ. މުސާރަތައް ކުޑަކަމުގެ ޝަކުވާއެވެ. ދާއިމީ ފަރުވާ ހޯދާ އަދި ދާއިމީ ބޭސް ބޭނުންކުރާ ކުދިންގެ މައުލޫމާތު ވެސް ހެލްތު އޮފިސަރުންނަށް އޮންނަން ޖެހެނީ ބައެއް ބެލެނިވެރިން ދެކޭގޮތުގައި ސިއްރު ކޮށްފަ އެވެ.
އެއީ މުޅިން ވެސް އެ ދާއިރާގައި ހުރި މައްސަލަތަކެވެ. އެކަމަކު، ފެންނަ ފެނުމަށް އެއީ މާ ބޮޑު ކަމަކަށް ނުހަދާ ތަން އެބަ ފެނެ އެވެ. މިއީ ސީރިއަސް ވާން ޖެހޭ ކަމެކެވެ.
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ކިޔަވައިދޭނީ އާންމު ހާލަތުގައި ވެސް އަމަލުކުރި ވަގުތަށް