Roadha Mihaaru

ހުުޅުމާލެ 2 ގައި އަޅާ 1،700 ދަރިވަރުންގެ ޖާގައިގެ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތް މި އަހަރު ނިންމައި، އަންނަ އަހަރުގެ ދިރާސީ އަހަރާއެކު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

24 މާޗް 2025

ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތް މި އަހަރު ނިންމައި، އަންނަ އަހަރުގެ ދިރާސީ އަހަރާއެކު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލު ކޮށްގެން އެ ސްކޫލްގެ ބިންގާ އަޅާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މާލެ ސަރަހައްދުގެ ޖާގަ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ސްކޫލުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިނިސްޓަރު މިއަދު ވަނީ ސައިޓަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އެ ސްކޫލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ އިމާރާތުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރުގައި ނިންމާލެވޭނެ ކަމަށެވެ.

ފޭސް2ގައި އަޅާ ސްކޫލުގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް އެޑިތުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަޑައިގެން--- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ފޭސް2ގައި އަޅާ ސްކޫލުގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް އެޑިތުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަޑައިގެން--- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އަންނަ އަހަރުގެ ޖަނަވަރީ މަހު ފެށޭ ދިރާސީ އަހަރާއެކު އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭނެ އެވެ. އެ ސްކޫލު ފަރުމާ ކޮށްފައި ވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށެވެ. އެއްހާސް ހަތްސަތޭކަ އަށްވުރެ ގިނަ ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެެވޭ ގޮތަށް އަޅާ އެ ސްކޫލުގައި 57 ކްލާސްރޫމު ހުންނާނެ އެވެ.

މުޅިން އާ ދެ ސްކޫލެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައި އެވެ. އެކަމަކު އެ ސްކޫލު އިމާރާތް ކުރާނެ ވަކި ތަނެއް އަދި ނުނިންމާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް 1 ގައި ޕޮލްކޯ އާއި ސިފްކޯ އަދި ރެއިންބޯގެ ފްލެޓްތައް ވެސް އިމާރާތް ކޮށްފައި ހުރުމުން އެތަަނަށް ވެސް ސްކޫލެއް އެބަ ބޭނުންވެ އެވެ. އެހެންވެ، މިހާރު ހިޔާލު ހުރީ ހުޅުމާލެ 1 ގައި ސްކޫލަކާއި ހުޅުމާލެ 2 ގައި ސްކޫލެއް އިމާރާތް ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.