Roadha Mihaaru

އައްޑޫގައި ކިޔަވައިދެއްވާތާ 23 އަހަރުވީ ޓީޗަރަކު އަވަހާރަވެއްޖެ

އައްޑޫގައި ކިޔަވައި ދެއްވަމުން ގެންދަވާތާ 23 އަހަރު ވެފައިވާ ޓީޗަރަކު ރޭ އަވަހާރަވެއްޖެ އެވެ.

އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ސެޕްޓެމްބަރ 2025

އައްޑޫގައި ކިޔަވައި ދެއްވަމުން ގެންދަވާތާ 23 އަހަރު ވެފައިވާ ޓީޗަރަކު ރޭ އަވަހާރަވެއްޖެ އެވެ.

އައްޑޫ ހިތަދޫގައި 1995 ގައި ހުޅުވި އޭރުގެ ސަދަން ސެކަންޑަރީ ސްކޫލް އަދި މިހާރުގެ ނަމުން ނަމަ ޝަރަފުއްދީން ސްކޫލްގެ ކޮމާސް ޓީޗަރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިންޑިއާ އަށް އުފަން ސާޖިމަންތު ސީބީ، 60، އަވަހާރަވިކަން އެނގުނީ މިއަދު ހެނދުނު އެއްވެސް ޚަބަރެއް ނުވެގެން އޭނާއާ އެކު، އެއް ގެއެއްގައި އުޅޭ ޓީޗަރަކު ކޮޓަރި އަށް ވަން ވަގުތު ކަމަށެވެ.

ސާޖިމަންތު ވަނީ 1995-2002 ގެ ނިޔަލަށް އަދި 2009-2011 އާ ހަމައަށް ޝަރަފުއްދީން ސްކޫލްގައި ކޮމާސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި 2011 އިން ފެށިގެން އަވަހާރަވުމާ ހަމައަށް އުޅުއްވީ އައްޑޫ ހައި ސްކޫލްގެ ބިޒްނަސް ޓީޗަރެއްގެ ގޮތުގަ އެވެ.

އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ސާޖިމަންތު ސްކޫލަށް ވަޑައިގަންނަވާނީ އެއް ގެ އެއްގައި ދިރިއުޅޭ އިތުރު ޓީޗަރަކާ އެކު ކަމަށެވެ.

މިއަދު ހެނދުނު ސްކޫލަށް ދާން އެ ޓީޗަރު ސާޖިމަންތު ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ވެސް ނުހުޅުވުމުން އޭނާ ދޮރުހުޅުވިއިރު، ފެނުނީ ސާޖިމަންތު އަވަހާރަވެފައި އޮއްވައި ކަމަށް އެ ޓީޗަރާ ހަވާލާދީ ނަދީމް ވިދާޅުވި އެވެ.

"ރޭގައި ޖޮގިން އަށް ވެސް ދިޔަ. ގޮސް އައިސް ބުނެލި ކުޑަކޮށް ވަރުބަލި ކަމަށް. އެހެންވެ ރޫމަށް ދަނީ ކަމަށް. އޭގެ ފަހުން ދެން ޚަބަރެއް ނުވާތީ އެއްކޮށް ސްކޫލަށްދާ ޓީޗަރު މި ބެލީ މިއަދު ސްކޫލަށް ދާން ވެގެން. ބެލިއިރު ވެއްޓިފައި އޮތީ ކޮޓަރި ތެރޭގައި މަރުވެފައި،" ސާޖިމަންތާ އެކު އެއް ގެއެެއްގައި އުޅޭ ޓީޗަރާ ހަވާލާދީ ނަދީމް ވިދާޅުވި އެވެ.

"މިދިޔަ ހަފުތާ އެ އައީ ބައްޕަ މަރުވެގެން އިންޑިއާއަށް ގޮސް."

ނަދީމް ވިދާޅުވިގޮތުގައި، ސާޖިމަންތަކީ މުޅި އައްޑޫ ފަހުރުވެރިވާ މޮޅު ޓީޗަރެކެވެ. ސާޖިމަންތުގެ ދަރިވަރުން އިމްތިހާނުތަކުގައި ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހޯދައި، ބޮޑެތި ކާމިޔާބީތަކާ ހަމައަށް ދަތުރު ކޮށްފައިވާ ކަމަށް ވެސް ނަދީމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވެސް ސާޖިމަންތުގެ ދަރިވަރެއް. ކުރީގެ ފިނޭންސް މިނިސްޓަރު އަމީރާއި ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދަކީ ވެސް ސާޖިމަންތުގެ ދަރިވަރުން،" ނަދީމް ވިދާޅުވި އެވެ.

ސާޖިމަންތު އަވަހާރަވިއިރު، އަނބިކަނބަލަކާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.

ނަދީމް ވިދާޅުވީ، ސާޖިމަންތު އަވަހާރަވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް ޓެސްޓުތައް ހެދުމަށް ފަހު މިހާރު މޫނު ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

އިންޑިއާއަށް ފޮނުވާލުމުގެ ކަންކަން ހަމަޖެހުނުހާ އަަވަހަށް އެ ޓީޗަރުގެ ހަށިގަނޑު ފޮނުވާލުމަށް ނިންމާފައިވާ ކަމަށް ވެސް ނަދީމް ވިދާޅުވި އެވެ.