Roadha Mihaaru
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި

ކްލާސްތަކަށް ވަކިވަކި ވައިބާ ގުރޫޕް ނުހަދަން އަންގައިފި

04 ޖޫން 2024

ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރަން ކްލާސްތަކުން ވަކިވަކި ވަައިބާ ގުރޫޕް ނުހެދުމަށް އަންގައި، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރަން ކްލާސްތަކުން ވަކިވަކި ވަައިބާ ގުރޫޕް ނުހެދުމަށް އަންގައި، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވައިފި އެވެ.

ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ކޮންމެ ކްލާހެއްގެ ވެސް ވައިބާ ގްރޫޕްތައް ހަދާފައި ހުރެ އެވެ. މި ގުރޫޕްތަކުގައި ދަރިވަރުންނަށް ދޭ ފިލާވަޅުތަކާއި ސްކޫލަށް ގެންދަން ޖެހޭ ތަކެއްޗާއި އިތުރު ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ޓީޗަރުން ފޮނުވަ އެވެ.

އަދި ބެލެނިވެރިންގެ ގިނަ ސުވާލުތަކެއް ވެސް މި ވައިބާ ގްރޫޕްތަކުގައި ޓީޗަރުންނަށް އަމާޒުކުރާއިރު، 24 ގަޑިއިރު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުން އޮވެ އެވެ. އެކަން ބަދަލުކޮށް، ވައިބާ ގްރޫޕްތައް ހިންގަން ވަކި އުސޫލެއް ހައްދަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހެދުމަށް ވަނީ ސާކިއުލާގައި ވަނީ އަންގައިފަ އެވެ. އަދި މި ކޮމިއުނިޓީ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެއިތުރުން ރަސްމީ މުއާމަލާތު ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތަކަކީ ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕްތަކަކަށް ހެދިދާނެ ކަމަށް ސާކިއުލާގައިވެ އެވެ. އަދި މުދަރިއްސުންނާއި ބެލެނިވެރިން މުއާމަލާތު ކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން ވަނީ އަންގައިފަ އެވެ.

ސްކޫލުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލްގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން ވެސް ސާކިއުލާގައި އަންގާފައިވެ އެވެ.

އަދި ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ވެސް ސާކިއުލާގައި މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ.